ޒަކާތް

މުދަލު ޒަކާތުގެ ނިސޯބު ކަނޑައަޅައިފި

ރާއްޖޭގައި މުދަލު ޒަކާތް ވާޖިބުވާ ނިސޯބު ކަނޑައަޅައިފި އެވެ. ކޮންމެ އަހަރަކުވެސް އިސްލާމިކް މިނިސްޓްރީން އެ އަހަރަކު މުދަލު ޒަކާތް ވާޖިބުވާ ނިސޯބެއް ކަނޑައަޅައެވެ.

މިއަދު އިސްލާމިކު މިނިސްޓްރީން ބުނީ މިދިޔަ ޑިސެންބަރު މަހުގެ ނުވަވަނަ ދުވަހުން ފެށިގެން މުދަލު ޒަކާތުގެ ނިސޯބަކީ 6961.50ރ. ކަމަށެވެ.

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިދިޔައަހަރުގެ އޯގަސްޓް މަހުގެ ނިޔަލަށް މީރާއަށް މުދަލު ޒަކާތުގެ ގޮތުގައި ބަލައިގެންފައި ވަނީ 33.3 މިލިއަން ރުފިޔާ އެވެ. ނަމަވެސް އޭގެ ކުރީ އަހަރުގެ މި މުއްދަތުގައި މުދަލު ޒަކާތުގެ ގޮތުގައި 44 މިލިއަން ރުފިޔާ ދައްކާފައިވެ އެވެ. މިދިޔަ އަހަރުގެ އޯގަސްޓް މަހު އެކަނި މުދަލު ޒަކާތުގެ ގޮތުގައި 8.3 މިލިއަން ރުފިޔާ މި އަހަރު ދެއްކިއިރު، 2019 އަހަރުގެ އޯގަސްޓް މަހު ދައްކާފައި ވަނީ 9.5 މިލިއަން ރުފިޔާ އެވެ.

މީރާއިން ވަނީ އެ އޮތޯރިޓީގެ އޮންލައިން ޕްލެޓްފޯމްތައް މެދުވެރިކޮށް ވެސް މުދަލުގެ ޒަކާތް ދެއްކޭނެ އިންތިޒާމު ހަމަޖައްސާފަ އެވެ.

މުދަލު ޒަކާތް ކުރިން ދައްކަނީ އިސްލާމިކް މިނިސްޓްރީ އަށެވެ. ނަމަވެސް 2016 ވަނަ އަހަރުން ފެށިގެން ވަނީ މުދަލު ޒަކާތް ބަލައިގަތުން މީރާ އަށް ބަދަލު ކޮށްފަ އެވެ. މުދަލުގެ ޒަކާތަކީ އެމީހެއްގެ މުދަލުގައި ނިސޯބު ހަމަވާތާ އަހަރެއް ފުރިފައިވާ ކޮންމެ މީހެއްގެ މައްޗަށް އޮތް ދީނީ ފަރުލެކެވެ. އަހަރުގެ ކޮންމެ ދުވަސްވަރެއްގައި ވެސް މުދަލުގެ ޒަކާތް ދެއްކޭނެ އެވެ.