މުހައްމަދު އަސްލަމް

"ޓޫފޯވަން ކޮމެޓީއަކީ ކުޅޭކުޅޭ ކޮމެޓީއެއް ނޫން"

ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާއިބެހޭ ކޮމިޓި (241 ކޮމިޓީ) އަކީ "ކުޅޭކުޅޭ" ކޮމެޓީއެއް ނޫން ކަމަށާ އެ ކޮމެޓީ ހިންގާނީ މަޖިލީހުގެ ގަވާއިދާ އެއްގޮތަށް ކަމަށް ކޮމެޓީގެ މުގައްރިރު ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.

އަސްލަމް މިހެން ވިދާޅުވީ ބޮޑު ހިޔާނާތާއި ގުޅޭ މައުލޫމާތު ހޯދުމަށް 241 ކޮމެޓީން މަސައްކަތް ނުކުރާ ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އާއި މެންބަރު ހަސަން ލަތީފު ތުހުމަތު ކުރެއްވުމާއި ގުޅިގެންނެވެ. ބޮޑު ހިޔާނާތުގެ މައްސަލަ ބެލުމަށް ހާއްސަ ކޮމެޓީއެއް ވަނީ އުފައްދާފައެވެ. އެއީ ޓޫފޯވަން ކޮމެޓީ ހިމެނޭހެން ޖުޑިޝަރީ ކޮމެޓީގެ މެންބަރުން ހިމަނައިގެންނެވެ.

ހިޔާނާތުގެ ތަހުގީގު މިހާރު ގޮސްފައިވާ ގޮތް 241 ކޮމެޓީ މެދުވެރިކޮށް ބެލުމަށް ހަސަން ލަތީފް ވަނީ ހުށައަޅުއްވާފައެވެ. ނަަމަވެސް އެކަން ބެލުމަށް އެ ކޮމެޓީން ދެކޮޅު ހަދާ ކަމުގެ ތުހުމަތު ވަނީ ކޮށްފައެވެ.

އަވަސްއާ ވާހަކަދައްކަވަމުން އަސްލަމް ވިދާޅުވީ 241 ކޮމެޓީއަކީ "ކުޅޭކުޅޭ" ކޮމެޓީއެއް ނޫން ކަމަށާ އެ ކޮމެޓީ ހިނގާނީ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ ތެރެއިން ކަމަށެވެ. އަދި އެ ކޮމެޓީން ބަލަން ޖެހޭ ކަންކަން ބަލާނެ ކަމަށާ ކޮމެޓީއަށް އެއްވެސް ބޭފުޅެއްގެ ނުފޫޒެއް ނުފޯރުވޭނެ ކަމަށްވެސް އަސްލަމް ވިދާޅުވިއެވެ.

"ދަންނަވަންތޯ ޓޫފޯވަން ކޮމެޓީ ނުހިންގާނެ 'ކުޅޭކުޅޭ' ކޮމެޓީއެއްގެ ގޮތަކަށް. އަޅުގަނޑު ކޮމެޓީ ހިންގާނީ އުސޫލުތަކުގެ ތެރެއިން. އަދި ކޮމެޓީން ބަލަން ޖެހޭ ކަމެއް ނުބަލާ ދޫކޮށެއް ނުލާނެ. ކޮމެޓީއަށް ވަކި ވަކި މީހުންގެ ނުފޫޒު ފޯރުވަން ފުރުސަތެއްވެސް ނޯންނާނެ،" އަސްލަމް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ ހިޔާނާތް ބެލުމަށް ހުރަސް ނާޅުއްވާ ކަމަށާ އެކަން ބެލުމުގައި ފަހަތަށްވެސް ޖެހިވަޑައިނުގަންނަވާނެ ކަމަށެވެ. ނަމަވެސް އެއް މައްސަލައެއް ހަތަރު ފަސް ކޮމެޓީން ބަލަން ޖެހޭ ސަބަބެއް ނެތް ކަމަށާ ހިޔާނާތް ބެލުމަށް ހާއްސަ ކޮމެޓީއެއް އޮތްއިރު އިތުރަށް 241 ކޮމެޓީން އެ މަަސައްކަތް ކުރަން ޖެހޭ ސަބަބެއް ނެތެވެ. ހިޔާނާތުގެ މައްސަލަ ބަލާނަަމަ 241 ކޮމެޓީއަށް އޮތް މެންޑޭޓަކީ ފުލުހުންނާއި ގުޅުންހުރި މައްސަލަތަކާއި ފުލުހުންގެ އިހުމާލެއް އޮތްނަމަ އެ ކަމެއް ބެލުން އެކަނި ކަމަށްވެސް އަސްލަމް ވިދާޅުވިއެވެ.

"އަޅުގަނޑުމެން މިކަން ކުރަންޏާ އިހުލާސްތެރިކަމާއެކު ކުރަންޖެހޭނީ. ހަތަރު ފަސް ކޮމެޓީއަކުން މިކަން ކުރުމުގެ ބަދަލުގައި ރަނގަޅަށް ކުރާނަމަ އެކަމަށް ހާއްސަ ކޮމެޓީން ކުރުން އެއީ ރަނގަޅު ގޮތަކީ. ދުވާލަކު ގޮތަކަށް މަޖިލީސް ހިންގަވައިގެން ނުވާނެ. އެއީ ކަންކަން ކުރައްވައިގެން ވާނެ ގޮތެއް ނޫން،" އަސްލަމް ވިދާޅުވިއެވެ.