މޮރިޝަސްގެ ކުންފުންޏެއް ކަަމަށްވާ ސެންޑަލް މޮރިޝަސް ޕްރައިވެޓް ލިމިޓެޑުން ހުޅުމާލޭގައި ތަރައްގީކުރާ "ވަން ސެންޓްރަލް ޕާކް" ރެސިޑެންސް ފްލެޓްތަކުގެ ބިންގާ އަޅައިފި އެވެ.
ހުޅުމާލެ ސެންޓްރަލް ޕާކް ކައިރީގައި އެޅުމަށް ހަމަޖެހިފައިވާ އެ ފްލެޓްތަކުގެ ބިންގާ އެޅީ މިއަދު ހަވީރު އެކަމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ.
މިމަސައްކަތުގެ ކޮންޓްރެކްޓަރަކީ ރާއްޖޭގެ ކުންފުންޏެއް ކަމަށްވާ ރަޝީދު ކާޕެންޓްރީ ކޮންސްޓްރަކްޝަން (އާރްސީސީ) އެވެ.
މިމަޝްރޫއުގެ ބިންގާ އަޅުއްވައިދެއްވީ ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމާއި، ހައުސިންގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީނާއި، އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދާއި އަސޯޓެކް ރިއަލްޓީ ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރު ނީރަޖް ގުލާތީ އެވެ
ވަން ސެންޓްރަލް ޕާކް ރެސިޑެންސްގެ ކޮންމެ ފްލެޓެއްގައި ތިން ކޮޓަރި ހިމެނޭއިރު ކޮންމެ ކޮޓަރިއެއްގައި ފާހާނާވެސް ހުރެ އެވެ. އޭގެ އިތުރުން އެތަނުގައި ޖިމަކާއި ކުޑަކުދިން ކުޅޭނެ ސަރަހައްދަކާއި ސެކިއުރިޓީގެ ހިދުމަތް ލިބޭއިރު އެންޓްރަންސް ލޮބީއެއްވެސް ހުރެ އެވެ.
އާރްސީސީގެ ޗެއާމަން އަދި ދަނގެތީ ދާއިރާގެ މަޖިލިސް މެމްބަރު މުހައްމަދު ނާޒިމް ވިދާޅުވީ އެ ފްލެޓްތަކުގެ މަސައްކަތް ނިމި އަންނަ އަހަރު ވަދެވޭ ވަރުވާނެ ކަމަށެވެ. ފްލެޓެއްގެ އަގަގީ 2.2 މިލިއަން ރުފިޔާ އެވެ. އިންސްޓޯލްމަންޓް އުސޫލުން ބަހާލައިގެން ފައިސާ ދެއްކުމުގެ ފުރުސަތުވެސް ހަމަޖެހިފައިވެ އެވެ.
މިރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވައި ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވީ މޮރިޝަސްގެ ކުންފުންޏަކުން ތަރައްގީކުރާ ފްލެޓްތަކެއްގެ ކޮންޓެކްޓަރަަކަށް ރާއްޖޭގެ ކުންފުނި (އާރްސީސީ) ހަމަޖެއްސުމުން އެކަމާ އުފާ ކުރައްވާ ކަމަށެވެ. އަދި އާރްސީސީ އަކީ ހައުސިން މަޝްރޫއުތަކަށް ވަރަށް ގާބިލް ކުންފުންޏެއް ކަން ފާހަގަކުރައްވައި ވިދާޅުވީ އެ ޕްރޮޖެކްޓް ނިންމަން ކަނޑައަޅާފައިވާ ތާރީހަށް އާރްސީސީން މަސައްކަތް ނިންމާނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށެވެ.
"އަޅުގަނޑު އެޗްޑީސީއާއެކު ކުރިއަށް ގެންދާނަން، އަޅުގަނޑަށް ފުރިހަމަ އިތުބާރު އެބައޮތް އެޗްޑީސީން މި ޕްރޮޖެކްޓް މެނޭޖް ކުރުމުގައި އެޗްޑީސީން ދުވަހުން ދުވަހަށް ބައްލަަވަން ޖެހޭ ކަންކަން ބައްލަވާނެ ކަމަށް. އަދި ޕްރޮގްރެސް އެ އޮންނަގޮތަށް ދޭތޯ ކަށަވަރުކުރައްވާނެ ކަން. އަޅުގަނޑުމެން އެކަން ހައުސިން މިނިސްޓްރީން އެޗްޑީސީއާއެކު ކުރިއަށް ގެންދާނަން މި ޕްރޮޖެކްޓް މެނޭޖް ކުރުމުގައި" އަސްލަމް ވިދާޅުވި އެވެ.