އިންޑިޔާގެ މުނިފޫހިފިލުވާ ޗެނަލްތަކުން ދައްކާ ގިނަ ސިލްސިލާތަކެއްގައި މަސައްކަތް ކޮށްފައިވާ ކުޅަދާނަ ބަތަލާ އާޝްކާ ގޯރަޑިއާ އެކްޓް ކުރުން ހުއްޓާލައިފި އެވެ.
އާޝްކާ މިކަން އިއުލާން ކުރަމުން ބުނެފައި ވަނީ އެކްޓް ކުރުމާ ދުރަށް ދިޔައީ ވިޔަފާރިއަށް ދޭ ސަމާލުކަން އިތުރު ކުރަން ކަމަށެވެ.
ސިލްސިލާ ބަލާ މީހުންނަށް އާޝްކާ ފުރަތަމަ ތައާރަފްވީ ސޮނީ ޓީވީގެ ވަރަށް ކާމިޔާބު ސިލްސިލާއެއް ކަމަށްވާ "ކުސުމް" އިންނެވެ. މި ސިލްސިލާގައި އާޝްކާ ކުޅުނީ ކުސުމުގެ ދަރިފުޅު ކުމުދުގެ ރޯލެވެ.
އޭގެ ފަހުން ގިނަ ސިލްސިލާތަކެއްގަ އާއި ރިއަލިޓީ ޝޯތަކުގެ ތެރެއިން "ބިގް ބޮސް" އާއި "ނަޗް ބަލިޔޭ" ގައި އާޝްކާ ބައިވެރިވި އެވެ.
އޭނާ އެންމެ ފަހުން ބައިވެރިވީ "ޑާޔަން" ކިޔާ ޓީވީ ޝޯ އެއްގަ އެވެ.
އިންޑިއާގެ ނޫހަކަށް ދިން އިންޓަވިއު އެއްގައި އާޝްކާ ބުނީ ވިޔަފާރި ކުރުމަކީ އޭނާގެ ލެޔާ ގުޅިފައިވާ ކަމެކެވެ. އަދި އެކްޓް ކުރަން ފެށުނީ ޗާންސަކުންނެވެ. އެހެންވެ އެކްޓްކުރުން ހުއްޓާލާފައި ވިޔަފާރިއަށް ބޮޑަށް ފޯކަސް ކުރަން ގަސްތުކުރީ އެވެ. އަދި މިކަން ހުރިހާ ޕްރޮޑިއުސަރުންނަށް ވެސް އަންގާނެ ކަމަށް އާޝްކާ ބުންޏެވެ.
"މޭކަޕްކުރުން އަހަންނަށް ތައާރަފްވީ އެކްޓްކުރަން ފެށުމުން. އަދި އިންޑަސްޓްރީގައި ކުރިޔަށް ދިއުމުގެ ފުރުސަތު ލިބުނީ އެކްޓިންގެ ސަބަބުން. ޔޯގާ އަހަންނަށް ތައާރަފްކޮށް ދިނީ ފިރިމީހާ ބްރެންޓް ގޮބްލް. ޔޯގާގެ ސަބަބުން އަހަރެންނަށް ނަފްސަށް ވަރަށް ބޮޑު ހަމަޖެހުމެއް ލިބިގެން ދިޔަ. މިއަދު އަހަންނަކީ ވިޔަފާރިކުރާ އަންހެނެއް. އެކަމުން އަހަންނަށް ހިތްހަމަޖެހުން ލިބޭ،" އާޝްކާ ބުންޏެވެ.
އާޝްކާ އިތުރަށް ބުނީ އެކްޓިން ކެރިއަރެއް ބިނާ ކުރެވުނީތީ ހިތްހަމަޖެހުނަސް އެކަން ކުރެވުނީ ބުރަ މަސައްކަތުން ކަމަށެވެ.
އެކްޓްކުރުން ހުއްޓާލާކަން އާޝްކާ އިއުލާން ކުރިޔަސް މިއީ ވަގުތީ ކަމެއްތޯ ނުވަތަ ދާއިމީ ކަމެއްތޯ ބުނަން އަދި ނޭނގޭ ކަމަށް އާޝްކާ ބުންޏެވެ.