އީރާންގެ ނިއުކްލިއާ ޕްރޮގްރާމާބެހޭ ގޮތުން ކުރާ މަޝްވަރާތަކާ މެދު އެމެރިކާއިން ހިތްހަމަޖެހެ އެވެ. ވިއެނާގައި 2015 އެއްބަސްވި އެއްބަސްފުމަށް އަލުން އަމަލު ކުރަން ފަށާއިރު ހައްލު ކުރަން އަދި ކިތަންމެ ކަމެއް އެބަހުރި ކަމަށް ވެސް އެމެރިކާއިން ބުނެ އެވެ.
ވައިޓް ހައުސްއިން ނޫސްތަކަށް މައުލޫމާތު ދެމުން ޕްރެސް ސެކްރެޓަރީ ޖެން ސާކީ ވިދާޅުވީ، އިޒްރޭލުގެ ވަފުދެއް މި ހަފުތާގައި ވޮޝިންގްޓަނަށް ދާނެ ކަމަށާއި އީރާނާއެކު 2015 ގައި ވެފައި އޮތް އެއްބަސްވުން، ޖޮއިންޓް ކޮމްޕްރެހެންސިވް ޕްލޭން އޮފް އެކްޑަން (ޖޭއޯސީޕީ) އަށް ރުޖޫއަވުމަށް އެމެރިކާއިން ނިންމާފައިވާ ނިންމުމަށް އިޒްރޭލަށްޓަކައި ބަދަލު ނުގެނެވޭނެ ކަމަށެވެ.
އީރާނާއެކު ދައްކަން ހުރި ވާހަކަތައް ގިނަ ކަމަށް ޖެން ސާކީ ވިދާޅުވި އެވެ. އަދި ވިދާޅުވީ ޖޭއޯސީޕީއާ ގުޅިފައި ހުރި އެހެން ގައުމުތަކާއެކު ކުރަން ހުރި މަޝްވަރާތައް ވަކި މަދުނޫން ކަމަށެވެ. އޭނާ ވިދާޅުވީ ގޮތެއް ނިންމޭނެ ދުވަހެއް އަދި ނޭނގޭ ކަމަށެވެ.
ޖެން ސާކީ ވިދާޅުވީ އިޒްރޭލުގެ ވަފުދާއެކު ވޮޝިންޓަންގައި މަޝްވަރާތައް އޮންނާނެ ކަމަށާއި ޖޭއޯސީޕީއާ ދެކޮޅުހެދުމަށް ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަފުދަށް އަންގަވާފައިވާ ކަމަށެވެ.
އީރާންގެ ނިއުކްލިއާ އެއްބަސްވުމަށް ރުޖޫއަވުމަކީ އިޒްރޭލުން ވަރަށް ދެކޮޅު ހަދާކަމެކެވެ. މިކަމަށް އެންމެ ބޮޑަށް ނުރުހުންވެ ވަޑައިގަންނަވަނީ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އެވެ. އެހެން ނަމަވެސް އެމަނިކުފާނުގެ ސަރުކާރުގައި ހިމެނި ވަޑައިގަންނަވާ އޮފިޝަލުން މިހަރުކަށިކަން ބޭނުފުޅެއް ނުވެ އެވެ. އެބޭފުޅުން އެދިވަޑައިގަންނަވަނީ އެމެރިކާއަށް ފަސޭހަކޮށްދިނުމާއެކު އިޒްރޭލަށް ބޭނުންވާ ކަންކަން ކުރުމެވެ.