ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
އޭދަފުށި

އޭދަފުށީ ފްލޫ ކްލިނިކަށް ބާރު ބޮޑުވަނީ

ބ. އޭދަފުށީގައި ގާއިމުކޮށްފައިވާ ފްލޫ ކްލިިނިކަށް ދެއްކި މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވުމާއި ގުޅިގެން އެޗްޕީއޭ އިން އެރަށް ބަންދުކުރީ މިމަހުގެ 19 ވަނަ ދުވަހު އެވެ. އެ މީހާ ޕޮޒިޓިވްވުމާއި ގުޅިގެން ރަށުގައި ކޮންޓެކްޓް ޓްރޭސް ކުރުމުގެ މަސައްކަތް ފެށި އެވެ. އެގޮތުން މިއަދުގެ 1:00 އާއި ހިސާބަށް ޖުމްލަ 122 މީހަކު ވަނީ ބައްޔަށް ޕޮޒިޓިވްވެފަ އެވެ.

ބ. އަތޮޅު ހޮސްޕިޓަލްގެ މެނޭޖަރު މުހައްމަދު ރަޝީދު ވިދާޅުވީ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް އަދިވެސް ކުރަމުން އަންނައިރު އެރަށުގެ ފްލޫ ކްލިނިކަށް ބާރު ބޮޑުވަމުން އަންނަ ކަމަށެވެ. ބަލީގެ އަލާމާތް ހުރެގެން ފްލޫ ކްލިނިކަށް ދައްކަން އަންނަ މީހުންގެ ނިސްބަތް އިތުރުވަމުން އަންނަ ކަން ފާހަގަކުރެއްވި އެވެ.

އެރަށުގެ އިތުރަށް ހާލަތު ގޯސްވަމުން އަންނާތީ މާދަމާ އިން ފެށިގެން އެރަށުގައި ރެންޑަމް ސާމްޕަލް ނަގަން ފަށާނެ އެވެ. ރެންޑަމް ސާމްޕަލް ނެގުން ކުރިއަށް ގެންދާނީ އެ އަތޮޅު ހޮސްޕިޓަލުގަ އެވެ.

ތިން ހާހާއި ގާތްކުރާ އަދަދަކަށް މީހުން ދިރިއުޅޭ މިރަށުގެ 39 ގެއެއް މިހާރު ހުރީ ކަރަންޓީނު ކުރެވިފަ އެވެ. 860 އަށްވުރެ ގިނަ ސާމްޕަލް ވަނީ ނަގާފަ އެވެ.

އެރަށުގައި 20 އެނދުގެ ކޮވިޑް ފެސިލިޓީއެއް ގާއިމުކޮށްފައިވާއިރު 25 އެންދުގެ އައިސޮލޭޝަން ފެސިލިޓީއެއް ވެސް ވަނީ ގާއިމުކޮށްފަ އެވެ. ކޮވިޑް ފެސިލިޓީގައި މިވަގުތު އެޑްމިޓްކޮށްފައި ތިބީ ދެ މީހުންނެވެ. އައިސޮލޭޝަން ފެސިލިޓީގައި އަދި މިހާތަނަށް އެއްވެސް މީހަކު އެޑްމިޓް ނުކުރާ ކަމަށް މުހައްމަދު ވިދާޅުވި އެވެ. އެ ކޮވިޑް ފެސިލިޓީ އަށް އެސަރަހައްދުގެ އެހެން ރަށްރަށުން ވެސް މީހުން ގެންދެ އެވެ.

ހޮސްޕިޓަލު މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކަރަންޓީނު ވާން ޖެހޭ މުވައްޒަފުން ކައުންސިލްގެ ބެލުމުގެ ދަށަށް ބަދަލުކުރުމުގެ މަސައްކަތް ކުރައްވަމުން އަންނަ ކަމަށް މުހައްމަދު ވިދާޅުވި އެވެ. ކައުންސިލްގެ ބެލުމުގެ ދަށުގައި ހުރި ކޮޓަރިތަކަށް މުވައްޒަފުން ބަދަލުކޮށް ވީހާވެސް އެހެން މީހުންނާއި އެކަހެރިކޮށް އެމީހުން ބޭތިއްބޭނެ އިންތިޒާމް ހަމަޖެހޭތޯ މަސައްކަތް ކުރައްވާ ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ މުވައްޒަފުންގެ ސަލާމަތާ ރައްކާތެރިކަމަށް އެހެން މީހުންނާ ވީހާވެސް އެކަހެރިކޮށް ބޭތިއްބޭނެ އިންތިޒާމް ހަމަޖެއްސުމުގެ މަސައްކަތް މިކުރަނީ. އަޅުގަނޑުމެންގެ މުވައްޒަފުންނަށް ބަލި ޖެހި ހޮސްޕިޓަލުގެ ހިދުމަތް ހުއްޓޭކަށް އެއްގޮތަކަށް ވެސް ބޭނުމެއް ނޫން." މުހައްމަދު ވިދާޅުވި އެވެ.

އެ ހޮސްޕިޓަލުން މިހާތަނަށް ފްރޮންޓް ޑެސްކްގެ ދެ މުވައްޒަފަކާއި ޑޮކްޓަރެއް ވަނީ ޕޮޒިޓިވްވެފަ އެވެ. އެމީހުންނާއި އެތައް ބަޔަކު ކޮންޓެކްޓްވި ކަމަށް މުހައްމަދު ފާހަގަކުރެއްވި އެވެ.

މީހުންގެ ހަރަކާތްތަކަށް ބަލާއިރު ރަށުތެރޭގައި މީހުން ނިކުމެ އުޅޭ މިންވަރު މަދު ނަމަވެސް ޑެލިވަރީގެ ހިދުމަތް ކޮށްދޭއިރު ފިހާރަތަކަށް މީހުން ޒިޔާރަތް ކުރާކަން މުހައްމަދު ފާހަގަކުރެއްވި އެވެ.

އޭދަފުށީގެ އިތުރުން ރާއްޖޭގެ އެހެނިހެން ރަށްރަށުގައި ވެސް ދަނީ ހަލުވި ކަމާއި އެކީ ކޮވިޑް ކޭސްތައް ގިނަވަމުންނެވެ. އިއްޔެ މާލެ ސަރަހައްދުން 167 މީހުންނަށް ބަލި ޖެހުނުއިރު އަތޮޅުތެރެއިން 127 މީހަކު ވަނީ ޕޮޒިޓިވްވެފަ އެވެ. ރިސޯޓްތަކުން 10 މީހަކު އަދި އިންޑަސްޓްރިއަލް މަސައްކަތް ކުރާ ރަށްތަކުންވެސް 24 މީހަކު އިއްޔެ ވަނީ ޕޮޒިޓިވްވެފަ އެވެ.