ކޮވިޑް-19 ގެ ހާލަތު އެންމެ ގޯސް ރަށްތަކުގައި ކާފިއު ހިންގަން ނިންމައިފި އެވެ.
ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ސޮއިކުރައްވާ ދެންމެ ނެރުއްވާފައިވާ އެންގުމެއްގައި ބުނެފައިވަނީ މިއަދުން ފެށިގެން ޅ. ނައިފަރާއި ކ. މާފުއްޓާއި އއ. މަތިވެރި އަދި އއ. އުކުޅަހާއި ބ. އޭދަފުށީގައި ކާފިއު ހިންގަން ނިންމާފައިވާ ކަމަށެވެ. އެ ރަށްރަށުގައި ހަވީރު ހަތަރަކުން ފަތިހު ހަތަރަކަށް ކާފިއު ހިންގާނެ އެވެ.
ހަވީރު ހަތަރަކުން ފެށިގެން ފަތިހު ހަތަރަކަށް އެއްގަމު އުޅަނދުފަހަރު ދުއްވުމާއި މަގުމައްޗާއި އާންމު ތަންތަނަށް މީހުން ނުކުތުން މަނާކުރުމުގެ އިތުރުންވެސް އެ ރަށްތަކުގައި އިތުރު ފިޔަވަޅު އެޅުމަށް ވަނީ ނިންމާފައެވެ. އެގޮތުން ޕާޓީތަކާއި ހަފްލާތަކާއި ރަސްމިއްޔާތުތައް ބޭއްވުން ހުއްޓާލުމާއި އެއް ގެއިން އަނެއް ގެއަށް ޒިޔާރަތް ކުރުން ހުއްޓާލުމަށްވެސް ވަނީ އަންގާފައެވެ.
އަދި އެއް ފަހަރާ ތިން މީހުންނަށްވުރެ ގިނަ މީހުން މަގުމައްޗާއި އާންމު ތަންތަނަށް އެއްވެ އުޅުން ހުއްޓާލުމާއި ސެލޫންތަކާއި ޖިމްތަކާއި ހުރިހާ ކުޅިވަރު ހަރަކާތްތަކާއި ކަސްރަތު ހަރަކާތްތައް ހިންގުން ހުއްޓާލަން ވަނީ އަންގާފައެވެ.
މީގެ އިތުރުން ހޮޓާތަކާއި ކެފޭތަކާއި ރެސްޓޯރަންޓްތަކުން ދެމުންދާ ހިދުމަތް ހުއްޓާލާ ޑެލިވަރީގެ ހިދުމަތަށް ބަދަލު ކުރުމަށް ވަނީ އަންގާފައެވެ.