ކޮވިޑް-19 ގެ ކޭސްތައް އިތުރުވަމުން ދާތީ މާލެ ސަރަހައްދުގައި ދުއްވާ ޓެކްސީތަކާއި ވެހިކަލްތައް އިންސްޕެކްޓް ކުރަން ފަށައިފި އެވެ.
މިއަދުން ފެށިގެން ޓެކްސީތައް އެޗްޕީއޭގެ މިންގަނޑުތަކާއި އެއްގޮތަށް ރައްކާތެރި ފިޔަވަޅު އަޅާފައި ހުރިތޯ ފުލުހުން ބަލާނެ އެވެ. ހާއްސަކޮށް އެއާޕޯޓަށް ދަތުރުކުރާ ޓެކްސީތައް ނުވަތަ ވެހިކަލްތައް ޗެކްކުރާނެ އެވެ. ފުލުހުން ބުނީ ހުޅުލެއަށް ދިއުމަށް ހުއްދަ ދޭނީ ހަމައެކަނި އެ މިންގަނޑުތަކަށް ފެތޭ ޓެކްސީތަކަށް އެކަނި ކަމަށެވެ.
މާލެ އާއި ހުޅުމާލޭގެ ޓެކްސީ އާއި ވެހިކަލްތައް ވެސް ޗެކް ކުރަމުން ދާނެ ކަމަށް ފުލުހުން ބުނެ އެވެ.
ޓެކްސީތަކުގައި ޕަސިންޖަރުންގެ ސީޓާއި، ޑްރައިވަރުގެ ސީޓާ ދެމެދު ޕާޓިޝަނެއް ޖަހައި ވަކި ކޮށްފައި ހުންނަންޖެހެ އެވެ. ޓެކްސީގެ ކުރީ ސީޓުގައި އެއްވެސް ފަސިންޖަރަކު އިނުމަކީ މަނާ ކަމެކެވެ. ޑްރައިވަރުން ވެސް ފަސިންޖަރުން ވެސް ތިބެންވާނީ މާސްކު އަޅައިގެންނެވެ. ދަތުރުގައި ޓެކްސީގެ ފަހަތުގެ ކުޑަދޮރުތައް ހުންނަންވާނީ ބިއްލޫރިގަނޑު ތިރިއަށް ކަހާލައިފަ އެވެ.
ޓެކްސީތަކުން ގައިޑްލައިނާ ހިލާފަށް އަމަލު ކުރަމުން އައި ކަމަށް އެޗްޕީއޭ އިން މީގެ ކުރިން ވަނީ ފާހަގަކޮށްފަ އެވެ. އެގޮތުން ޕާޓިޝަން ނުޖަހާ ދުއްވުމާއި ކުރިން ޕާޓިޝަން ޖެހުމަށްފަހު ފަހުން ނައްޓާލައިފައިވާ ކަމަށް އެޗްޕީއޭ އިން ވަނީ ބުނެފަ އެވެ.
ރާއްޖެއިން އިއްޔެ ވަނީ 328 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެފަ އެވެ. އެއީ މާލެ ސަރަހައްދުން 167 މީހުން އަދި އަތޮޅުތެރެއިން 127 މީހުންނެވެ. ރިސޯޓްތަކުން 10 މީހަކު ޕޮޒިޓިވްވެފައިވާއިރު އިންޑަސްޓްރިއަލް މަސައްކަތް ކުރާ ރަށްތަކުންވެސް 24 މީހަކު ޕޮޒިޓިވްވި އެވެ. ރާއްޖޭގައި މިހާތަނަށް ކޮބިޑަށް ޕޮޒިޓިވްވި މީހުންގެ އަދު ވަނީ 28،202 އަށް އަރާފަ އެވެ.