ދިރާގު

ދިރާގުފޭއިން ފިއެސް ސިސްޓަމުން ފައިސާ ދެއްކޭނެ

ދިރާގު ޕޭ އިން ޕޮއިންޓު އޮފް ސޭލްސް (ޕީއޯއެސް) ސިސްޓަމްގެ ފިއެސް ސޮފްޓް ވެއާއިން ފައިސާ ދެއްކޭނެ އިންތިޒާމު ހަމަޖައްސައި އައިޑީޒީ ލިންކް އާއި އިންޓަގްރޭޓް ކޮށްފި އެވެ.

މި ހިދުމަތާއި އެކު ދިރާގު ޕޭ ގެ ކަސްޓަމަރުންނަށް ފަސޭހަކަމާއެކު، ޕީއޯއެސް ސޮފްޓް ވެއާ ގެންގުޅޭ "އައިޑީޒެޑްލިންކް" ގެންގުޅޭ ފިހާރަތަކުގައި ފައިސާ ފައިސާ ދެއްކޭނެ އެވެ.

ދިރާގުން ބުނީ މި ނިޒާމުން ފިއެސްގެ ހިދުމަތްތައް ބޭނުންކުރާ ވިޔަފާރިތަކުގައި ފައިސާ ދެއްކުމަށް ސޭލް ނިމުމާއެކު ދިރާގު ޕޭއިން ކަސްޓަމަރުގެ ފޯނަށް އޯޓީޕީއެއް ފޮނުވާނެ ކަމަށެވެ. އޯޓީޕީ ދިނުމާއެކު ފައިސާ ދެއްކޭނެ އެވެ. އަދި އޮންލައިން ކޮށް ވިޔަފާރި ކުރާ ކަސްޓަމަރުންނަށް ވެސް ޕީއޯއެސް މެދުވެރިކޮށް ދިރާގު ޕޭ އިން ފައިސާ ދެއްކޭނެ އެވެ. އަދި އެ އިންޓަގްރޭޝަން މެދުވެރިކޮށް ދިރާގުގެ ބިލް ދައްކައި ރީލޯޑް ވެސް ކުރެވޭނެ އެވެ.

ދިރާގުގެ ޕްރޮޑަކްޓް މެނޭޖަރު މުހައްމަދު ނަހުޝަން ވިދާޅުވީ އެ އިންޓަގްރޭޝަންގެ ސަބަބުން އައިޑީޒީ ލިންކް ބޭނުން ކުރައްވާ ވިޔަފާރި ތަކުން ފަސޭހަކަމާއި އެކު ދިރާގުޕޭއިން ފައިސާ ބަލައިގަންނާނެ ކަމަށެވެ. އަދި ދިރާގުޕޭ ކަސްޓަމަރުންނަށް ވެސް ވިޔަފާރި ކުރުމަށް އިތުރަށް ފަސޭހަ ވެގެން ދާނެ ކަމަށެވެ.

"އަޅުގަނޑުމެންގެ އަމާޒަކީ ދިރާގުޕޭ ވީހާ ވެސް ގިނަ މިފަދަ ޕްލެޓްފޯމް ތަކުގައި ބޭނުން ކުރެވޭނެ މަގު ފަހި ކުރުން" ނަހުޝަން ވިދާޅުވި އެވެ.

ފިއެސް ސިސްޓަމްސްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިކްރާމް ހަސަން ވިދާޅުވީ އައިޑީޒީ ލިންކަކީ ހިލޭ އޮންލައިން ވިޔަފާރި އެޕްލިކޭޝަނާއި ޑެލިވަރީ އެޕްލިކޭޝަން އެޅުމާއި ސެޓަޕް ހަދަން ބޭނުން ކުރާ ނިޒާމެއް ކަމަށެވެ.

"ފިއެސް ގެ ސޮފްޓްވެއާތައް މެދުވެރިކޮށް ވިޔަފާރިތައް މުޅިން އޮޓޮމޭޓް ކުރެވޭނެ. އެގޮތުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބްރާންޗްތައް ހުންނަ ވިޔަފާރިތަކަށް ވެސް ހެޑް އޮފީހުން އެ ބްރާންޗްތައް މި ނިޒާމުގެ ތެރެއިން ހިންގޭނެ" އިކްރާމް ވިދާޅުވިއެވެ.