ރާއްޖޭގެ ކުޅިވަރުގެ ދާއިރާގައި ފާހަގަކުރެވޭ ދެ އެތުލީޓުން ކަމަށްވާ މައިސާ ފަތުހުﷲ (މައި) އާއި ހުސައިން ރިޒާ (ކުޑަރިޒާ) ކައިވެނިކޮށްފި އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ދެ މީހުން މިއަދު ކައިވެނިކުރީ ހ. ވޭމުއިވިލާގައި އާއިލާ މީހުންނާ އެކު ބޭއްވި ކުޑަ ހަފްލާއެއްގަ އެވެ.
މި ދެ އެތުލީޓުން ކައިވެނި ކުރީ ތިން އަހަރު ލޯބީގެ ގޮތުން ގުޅިގެން އުޅުމަށްފަހު އެވެ.
އެމްއެންޑީއެފްގައި މަސައްކަތް ކުރާ ރިޒާ ވަނީ 2019 ވަނަ އަހަރު ބޭއްވި ނެޝަނަލް ގްރޯން ޕްރީ އެތުލެޓިކްސް މުބާރާތުގައި 1500 މީޓަރުގެ ބައިން ރަން މެޑަލް ހޯދާފަ އެވެ.
ކުރީގެ މަޝްހޫރު ވޮލީބޯޅަ ކުޅުންތެރިޔާ ފަތުހުﷲ ވަހީދު (ފައްލޯ)ގެ ދަރިފުޅު މައިސާ އަކީ ރާއްޖޭގެ ގައުމީ ބެޑްމިންޓަން ޓީމުގެ ކުޅުންތެރިޔެ އެކެވެ. އެންމެ ފަހުން މޮރިޝަސްގައި ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި އަންހެން ޓީމު އިވެންޓުން ލޯ މެޑަލް ހޯދި ޓީމުގައި ވެސް މައި ކުޅެފައިވެ އެވެ.
ދުނިޔޭގައި ވެސް އަދި ރާއްޖޭގައި ވެސް ކުޅިވަރުގެ ތަރިން ކައިވެނިކުރުމަކީ އާންމު ކަމެކެވެ. މައި އާއި ރިޒާގެ ކައިވެނީގެ އުފަލުގައި ވަރަށް ގިނަ ބަޔަކު ވަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް އެ ދެ މީހުންނަށް މަރުހަބާ ވެސް ކިޔާފަ އެވެ.