އިންޑިޔާގެ ފަންނާނުންގެ ތެރެއިން ބައެއް މީހުން އަމިއްލައަށް އިސްލާމް ދީން ހިޔާރު ކޮށްފައި ވެއެވެ. މީގެ ތެރެއިން ބައެއް މީހުން އިސްލާމްވީ ކައިވެނި ކުރަން ވެގެން އެނޫން ގޮތެއް ނުފެނިގެނެވެ. ނަމަވެސް އިސްލާމް ދީން ދެކެ ލޯބިން އެ ދީނަށް އުޅެން ވެގެން އިސްލާމްވީ ފަންނާނުން ވެސް މީގެ ތެރޭގައި އެބަތިއްބެވެ.
އިސްލާމްވީ ފަންނާނުންގެ ތެރެއިން އެންމެ ފާހަގަ ކޮށްލެވޭ އެކަކީ ދާދިފަހުން އިސްލާމް ދީން ހިޔާރުކުރި ޓީވީ ބަތަލާ ދިޕިކާ ކައްކަރް އެވެ.
ދިޕިކާ އަކީ ކަލާޒް ޗެނަލްގެ މަޝްހޫރު ސިލްސިލާ "ސަސުރާލް ސިމަރް ކާ" ގެ ބަތަލާ އެވެ. އެ ސިލްސިލާގެ ފުރަތަމަ ސީޒަންގައި ލީޑް ރޯލު ކުޅުނު ޝުއައިބު އިބްރާހީމާއި ދިޕިކާ ލޯބީގެ ގޮތުން ގުޅުން ވެގެން ދިޔައީ ދިޕިކާ އަށް އިސްލާމް ދީން ޚިޔާރު ކުރެވުނު ސަބަބަކަށެވެ. ދިޕިކާ އިސްލާމްވީ ޝުއައިބު އާ ކައިވެނި ކުރަން ނަމަވެސް އޭނާ ބުނާ ގޮތުގައި މިއަދު އޭނާއަކީ ފަހުރުވެރި މުސްލިމެކެވެ. އެގޮތުން އިސްލާމް ވެގެން ފާއިތުވީ ތިން އަހަރު ޝުއައިބު އާއި އޭނާގެ އާއިލާއާއެކު ދިޕިކާ ރޯދަޔަށް ވެސް ހުރެ އެވެ. އަދި ނަމާދު ކުރުން ފަދަ ދީނީ އެހެން އަޅުކަންތައްތައް ވެސް އޭނާ ބަރާބަރަށް ކުރެ އެވެ.
ދިޕިކާ އިސްލާމް ވުމަށްފަހު ނަން ވެސް ވަނީ ބަދަލު ކޮށްފަ އެވެ. މިހާރު އޭނާގެ ނަމަކީ ފައިޒާ އެވެ. ނަމަވެސް އަދި ވެސް ޓީވީ ސިލްސިލާތަކުގައި އޭނާ ބޭނުން ކުރަނީ ކުރީގެ ނަމެވެ.
މިއުޒިކް ޑައިރެކްޓަރު އޭ.އާރް ރަހްމާންގެ ބައްޕަ އަކީ ހިންދޫ އެކެވެ. މަންމައަކީ މުސްލިމެކެވެ. ނަމަވެސް އޭނާ ކުޑައިރުއްސުރެ އުޅެމުންދިޔައީ ހިންދޫ ދީނަށެވެ. އޭނާ ޒުވާނަކަށް ވީފަހުން ބައްޕަ މަރުވެ އަދި ކޮއްކޮއަށް ވަރަށް ބޮޑު ބައްޔެއް ޖެހުމުން ވީ ދެރައިން އޭނާ މަންމަގެ ފަރާތުން އިސްލާމް ދީނުގެ ކަންކަން ދަސްކުރުމުގެ ޝައުގުވެރިކަން އުފެދުނީ އެވެ. އަދި މަންމަ އާއެކު މިސްކިތަކަށް ގޮސް އިސްލާމް ދީން ދަސްކޮށްދޭ ޝެއިހެއް ކައިރިން އިސްލާމް ދީނުގެ ކަންކަން ދަސްކޮށް އިސްލާމްވީ އެވެ.
ހެމާ މާލިނީ އަކީ ވެސް އިސްލާމް ދީން ޚިޔާރުކޮށްފައިވާ ބަތަލާ އެކެވެ. އިސްލާމް ވުމަށްފަހު ހެމާގެ ނަން އައިޝާ ބީ އަށް ބަދަލުކޮށްފައި ވެއެވެ. ނަމަވެސް ހެމާ އިސްލާމްވީ ކޮންމެހެން ދީނަށް އުޅޭކަށް ނޫނެވެ. އޭނާއަށް ލޯބީގެ ގޮތުން ގުޅެވުނި ދަރުމެންދުރަ އާ ކަމަށް ވެފައި ދެ މީހުން ރައްޓެހިވީއިރުވެސް ދަރުމެންދުރަގެ އަންބަކު ހުރީމަ އާއި ދަރުމެންދުރަ ކައިރިން ވަރިވާން އޭނާގެ ދޮށީ އަނބި ބޭނުން ނުވުމުން މި ކައިވެނި ކުރެވެން އަންނަނީ ދެ މީހުން އިސްލާމް ވެގެން ކަމަށް ވާތީ އިސްލާމް ވީއެވެ.
ހެމާ ގޮތަށް ދަރުމެންދުރަ ވެސް އިސްލާމް ދީން ޚިޔާރުކޮށް ދެ އަންބަށް ހެމާ އާ ވަނީ ކައިވެނި ކޮށްފަ އެވެ.
އަމްރިތާ ސިންގް ވެސް ވަނީ ސައިފް އަލީ ޚާން އާ ކައިވެނި ކުރަން ވެގެން އިސްލާމް ވެފަ އެވެ. އަމްރިތާގެ މަންމަ އަކީ އިސްލާމެކެވެ. ނަމަވެސް ބައްޕައަކީ ސިކް ދަރިކޮޅު މީހެކެވެ. "ބޭތާބު" އިން ސަނީ ޑެއޯލް އާއެކު ބޮލީވުޑަށް ތައާރަފްވީ އަމްރިތާ ސައިފް އާ ކައިވެނި ކުރީ އިސްލާމް ވުމަށް ފަހުގަ އެވެ.
ސައިފްގެ މަންމަ ޝަރްމީލާ ޓޭގޯ އަކީ ވެސް މުސްލިމަކާ ކައިވެނިކުރަން ބޭނުންވެގެން އިސްލާމް ވެފައިވާ މީހެކެވެ. ސައިފްގެ ބައްޕަ އަދި އިންޑިޔާގެ ކުރީގެ މަޝްހޫރު ކްރިކެޓް ކުޅުންތެރިޔާ މަންސޫރު އަލީ ޚާން ޕަތޯޑީ އަކީ މުސްލިމެކެވެ. އެހެންވެ މަންސޫރު އާ ކައިވެނި ކުރަން ޝަރުމީލާ ވެސް އިސްލާމް ވީއެވެ.
"ސަބްސޭ ބަޅާ ކިލާޅީ" ފަދަ ފިލްމުތަކުން ފެނިފައިވާ މަމްތާ ކުލްކަރްނީ ވެސް ވެސް އިސްލާމް ދީން ޚިޔާރުކުރި ކަމަށް އިންޑިއާގެ ނޫސްތަކުން ބުނެފައި ވެއެވެ. މަމްތާ 1995 ގައި ކުޅުނު ވަރަށް ކާމިޔާބު ފިލްމެއް ކަމަށްވާ "ކަރަން އަރްޖުން" އަށްފަހު އޭނާ ކުއްލިއަކަށް ފިލްމީ ދުނިޔެއިން ގެއްލުނީ އެވެ. އޭގެ އެތައް އަހަރެއް ފަހުން އޭނާ އިސްލާމްވެގެން ވިކީ ގޯސްވާމީ ކިޔާ މީހަކާ ކައިވެނި ކޮށްފިކަމުގެ ޚަބަރުތައް އިވިފައި ވެއެވެ.
އައިޝާ ޓާކިއާ ވެސް އިސްލާމް ވީ ފަރްހާން ނަމަކަށް ކިޔާ މީހަކާ ކައިވެނި ކުރަން ވެގެންނެވެ. އޭގެ ކުރިން އައިޝާ އަކީ ވެސް ހިންދޫ އެކެވެ.
ދާދިފަހުން މަރުވި މަޝްހޫރު ކޯރިއޯގްރާފަރު ސަރޯޖް ޚާން އަކީ ވެސް ހިންދޫއެއްގެ ގޮތުގައި އުފަންވީ މީހެކެވެ. ސަރޯޖް އަކީ އިންޑިއާ އާއި ޕާކިސްތާނު ވަކިކުރި ދުވަސްވަރު އިންޑިއާއަށް ހިޖުރަކުރި މީހެކެވެ. އިންޑިޔާ އަށް ހިޖުރަކުރުމަށްފަހު އުމުރުން އެންމެ 13 އަހަރުގައި ސަރޯޖް ވަނީ އޭރުގެ މަޝްހޫރު ކޯރިއޮގްރާފަރެއް ކަމަށްވާ ބީ.ސޯހަންލާލް އާ ކައިވެނިކޮށްފަ އެވެ. އޭރު ސޯހަންލާލްގެ އުމުރުން 43 އަހަރެވެ. ފަހުން ސޯހަންލާލް ކައިރިން ވަރިވެގެން ސަރޯޖް ވަނީ މުސްލިމް ވިޔަފާރިވެރިއެއް ކަމަށްވާ ސަރްދާރް ރޯޝަން ޚާން އާ 1975 ގައި ކައިވެނިކޮށްފަ އެވެ.
ސަރޯޖް ވަރަށް ކުރިން ދީފައިވާ އިންޓަވިއު އެއްގައި އިސްލާމް ދީން ޚިޔާރު ކުރި ސަބަބު ކިޔައިދީފައި ވެއެވެ. ސަރޯޖް ބުނި ގޮތުގައި އޭނާ އިސްލާމްވީ ކައިވެނިކޮށްގެން ނަމަވެސް އިސްލާމް ދީން ޚިޔާރުކުރީ މުސްލިމަކާ ކައިވެނިކުރަން ބޭނުންވާތީ ނޫންކަމަށާއި އިސްލާމް ދީނަށް އޭނާގެ ހިތުގައި އުފެދުނު ލޯތްބެއްގެ ސަބަބުން ކަމަށެވެ.
"މުސްލިމުންގެ ތެރެއިން ކުޑަ ކުޑަ ކުދިން ވެސް އަޅުކަންތައް ކުރާތަން ފެނިފައި އަހަރެންނަށް އިސްލާމް ދީން ދެކެ ލޯބި ވެވިގެން އަމިއްލައަށް މިސްކިތަކަށް ގޮސް އިމާމެއްގެ ކުރިމަތީގައި އިސްލާމްވީ. އިމާމު އަހަންނާ ސުވާލު ކުރި އެއްވެސް ކަހަލަ ޕްރެޝަރެއް މަޖްބޫރުކަމެއް އޮވެގެންހޭ ތި އިސްލާމް ވަނީ. އަހަރެން ބުނިން ނޫނެކޭ ހަމަ އިސްލާމް ދީނަށް އޮތް ލޯބީގެ ސަބަބުންނޭ،" ސަރޯޖް ބުނެފައި ވެއެވެ.
"އަހަރެން ވިހޭ ކުއްޖެއް ވަނީ މަރުވެފައި. އަހަންނަށް އަބަދު އެ ދަރިފުޅު ހުވަފެނުން ފެނޭ. އަބަދުވެސް ފެންނަނީ ދަރިފުޅު މިސްކިތެއްގެ ދޮރުމަތީ ހުރެގެން މިސްކިތަށް ވަނުމަށް އަހަންނަށް ގޮވާތީ،" ސަރޯޖް ބުނެފައި ވެއެވެ.