ލައިފްސްޓައިލް

ނިބޫ ދެބެން ކަން އެނގުނީ 36 އަހަރު ފަހުން

ސައުތު ކޮރެއާގައި އުފަންވި އައިޑެންޓިކަލް ޓުވިންސް ނުވަތަ ނިބޫ ދެބެން އުފަންވީތާ 36 އަހަރު ފަހުން ފުރަތަމަ ފަހަރަށް ބައްދަލުވެއްޖެ އެވެ. މި ބައްދަލުވުމާ ހަމަޔަށް އެމީހުންގެ އައިޑެންޓިކަލް ޓުވިން އެއް ހުރިކަން މި ދެބެންނަށް އެނގިފައެއް ނުވެ އެވެ.

އެއްމާބަނޑު މި ދެބެން އުފަންވުމާއެކު އެމެރިކާގެ ދެ އާއިލާއަކުން ދެ ކުދިން އެޑޮޕްޓްކޮށްގެން ގެންދިޔައީ އެވެ. އަދި ދެބެން ގެންގުޅެފައިވަނީ އެމެރިކާގެ ދެ ސްޓޭޓެއްގަ އެވެ. އަދި ދެބެން ކުރެ އެކަކަށް ވުރެ އޭނާޔާ އެއްމާބަނޑު އިތުރު ކުއްޖެއް ހުރިކަން އެއްގޮތަކަށް ވެސް ޚިޔާލަކަށް ވެސް ގެނެވިފައެއް ނުވެ އެވެ.

އިނގިރޭސި ވިލާތުގެ ނޫހަކުން ބުނެފައިވާ ގޮތުގައި އެއްމާބަނޑު މި ދެބެން އުފަންވީ 1985 އަހަރު ސައުތު ކޮރެޔާގަ އެވެ. ކުދިން އެޑޮޕްޓްކޮށްގެން އެމެރިކާއަށް ގެންގޮސް ބަލައި ބޮޑުކުރީ އެމެރިކާގެ ތަފާތު ދެ އާއިލާއަކުންނެވެ. ދެބެން ދެތެރެއިން އެކަކު ކަމަށްވާ މޮލީ ސިނާޓް އުޅެ ބޮޑުވީ ފްލޮރިޑާގަ އެވެ. އަނެއް ޓުވިން، އެމިލީ ބުޝްނެލް ބޮޑުވީ ފިލަޑެލްފިއާ ގައެވެ. އެއީ އެއްމާބަނޑު ދެ ކުދިންގެ ތެރެއިން ކުއްޖެއް ކަމެއް އަދި އެމީހުންގެ އަސްލު އާއިލާއެއް ވާކަމެއް އެމީހުންނަށް ނޭނގުނީ އެހެންވެ އެވެ.

ދެެބެންނަށް އެކަކު އަނެކަކު ވުޖޫދުގައިވާ ކަން ވެސް ނޭނގުނަސް އެމީހުން ގެންގުޅެ ބޮޑުކުރީ އެމީހުންގެ ބައޮލޮޖިކަލް މައިންބަފައިން ނޫންކަމާއި އެޑޮޕްޓްކޮށްފައިވާ ކަން އެނގެ އެވެ.

އެހެންވެ ބުޝްނެލްގެ ބައޮލޮޖިކަލް ފެމެލީ ހޯދުމުގެ ޝައުގުވެރިކަން ފާޅުކުރީ ބުޝްނެލްގެ 11 އަހަރުގެ ދަރިފުޅެވެ. އޭނާގެ ޑީއެންއޭ ޓެސްޓް މެޗުކޮށްގެން އާއިލާގެ މީހުން ހޯދަން ބުޝްނެލްގެ ދަރިފުޅު އިޒަބެލް ބޭނުންވީ ނަމަވެސް ބުޝްނެލް އެކަން ކުރާކަށް ބޭނުމެއް ނުވި އެވެ.

މަންމަ ޑީއެންއޭ ޓެސްޓްކުރަން ބޭނުން ނުވާތީ އިޒަބެލް އަމިއްލައަށް ޓެސްޓްކޮށް އޭނާގެ ބައޮލޮޖިކަލް އާއިލާ ހޯދުމުގެ މަސައްކަތް ފެށީ އެވެ.

އިއްތިފާގުން ސިނާޓް ވެސް ޖެނެޓިކް ޓެސްޓިން ކިޓެއް ހޯދައިގެން އޭނާގެ އާއިލާގެ ސިއްހީ މައުލޫމާތު ހޯދަން މަސައްކަތްކުރީ ހަމަ އެއް ދުވަސްވަރެއްގައެވެ.

އިޒަބެލް އާއި އޭނާއާ ބައޮލޮޖިކަލް ގޮތުން ގުޅިފައިވާކަން އެނގިގެން ސިނާޓް އިޒަބެލް އަށް ގުޅީ އެވެ. އޭނާގެ އެއްމާބަނޑު އެހެން މީހެއް ހުރިކަން ސިނާޓް އަށް އެނގުނީ އިޒަބެލްގެ ފަރާތުންނެވެ.

ވަގުތުން ދެބެން ބައްދަލުކުރަން ނިންމި އެވެ. އަދި މި ބައްދަލުވުން ވެގެން ދިޔައީ ވަރަށް އަސަރުން ފުރިގެންވީ ބައްދަލުވުމަކަށެވެ.

"މިއީ އަހަރެންގެ ހަޔާތުގެ އެންމެ އުފާވެރި ވަގުތުކޮޅު. ތެދަށް ބުނާނަމަ ބުނެވޭނީ އަހަރެންގެ އެއްމާބަނޑު މީހަކާ އެކު ހޭދަކުރެވެން އޮތް 36 އަހަރުގެ ހަޔާތުން އަހަރެން ވަނީ މަހްރޫމް ކުރުވާފައޭ،" ބުޝްނެލް ބުންޏެވެ.

ދެބެންނަށް އެކަކު އަނެކަކު ހޯދުނަސް އުފަންވުމާއެކު ދެބެން ވަކިކޮށްލަން ޖެހުނު ސަބަބެއް އެމީހުންނަކަށް އަދިވެސް ނޭނގެ އެވެ. އަދި ހަޔާތުގެ މިހާ ހިސާބަކަށް އެކަކު އަނެކަކު އެނގިފައި ނެތުމުން އެ ދެބެން ވަރަށް ހިތާމަކުރާ ކަމަށް އެމީހުން ބުންޏެވެ.

ދެބެން އެކުގައި ސައުތު ކޮރެއާއަށް ދަތުރެއް ކުރަން ވެސް އެމީހުން ވަނީ ރާވާފަ އެވެ.