ހިންދީ ފިލްމު ބަލާ މީހުންގެ މެދުގައި 1999 ގައި ރިލީޒްކުރި "ހަމް ދިލް ދޭ ޗުކޭ ސަނަމް" ވަރަށް މަގްބޫލު ވެފައި ވެއެވެ. އެ ފިލްމުގައި އަޖޭ ދޭވްގަން އޭނާގެ އަންހެނުން ބޭރު ގައުމެއްގައި ހުރި އޭނާގެ ލޯބިވެރިޔާ ކައިރިއަށް ގޮވައިގެން ދެއެވެ. އަދި ދެ ލޯބިވެރިންގެ ގުޅުވަން މަސައްކަތް ކުރެ އެވެ. އެ ލޯބިވެރިޔާގެ ރޯލު ފިލްމުގައި ކުޅުނީ ސަލްމާން ހާނެވެ.
މިފަދަ ހަގީގީ ހާދިސާއެއް އިންޑިޔާގެ ބިހާރުގައި ދާދިފަހުން ވަނީ ހިނގާފަ އެވެ. އަންހެނުންގެ ލޯބިވެރިޔާ އާއި އަންހެނުންނާ ކައިވެނި ކޮށްދޭން ފިރިމީހާ މަސައްކަތް ކުރީ އެވެ.
ސަޕްނާ ކުމާރީ ކިޔާ މި އަންހެންމީހާ އަކީ ކަގާރިއާ އަވަށުގެ މީހެކެވެ. އުއްތަމް މަންޑަލް ކިޔާ މީހަކާ ސަޕްނާ ކައިވެނިކުރީ 2014 ގައެވެ. އަދި އުއްތަމް އާއި ސަޕްނާ އަށް ދެ ދަރިން ވެސް ލިބިފައި ވެއެވެ. ނަމަވެސް ރާޖޫ ކިޔާ މީހަކު ދެކެ ފަހުން ސަޕްނާ އަށް ލޯބި ވެވުނީ އެވެ. ރާޖޫ އަކީ ވެސް އެ ސަރަހައްދުގައި ދިރިއުޅޭ މީހެކެވެ.
އުއްތަމް އަށް އޭނާގެ އަންހެނުންނާއި ރާޖޫ ލޯބީގެ ގޮތުން ގުޅިގެން އުޅޭކަން އެނގުމުން ފުރަތަމައިނުން މިކަމާ ވަރަށް ރުޅިއައެވެ. އަދި ސަޕްނާ އާ ދެމީހުން ވަރަށް ގަދަޔަށް އަރާރުން ވެސް ވިއެވެ. ނަމަވެސް ފިރިމީހާ އާ މައްސަލަ ޖެހުނަސް ސަޕްނާ އާއި ރާޖޫގެ ލޯބި ދުވަހެއް ދުވަހަކަށް ދިޔައީ ވަރުގަދަ ވަމުންނެވެ. ސަޕްނާގެ މައިންބަފައިންނާއި އޭނާގެ ފިރިމީހާގެ މައިންބަފައިން ވެސް ސަޕްނާ އަށް ވިސްނައިދޭން ވަރަށް މަސައްކަތް ކުރި އެވެ. ނަމަވެސް ރާޖޫގެ ލޯބީގައި އޭނާ ޖެހިފައިވާލެއް ވަރުގަދަކަމުން އެކަކު ދެއްކި ވާހަކައެއް ވެސް އަޑެއް ނޭހި އެވެ.
ސަޕްނާ އާއި ރާޖޫ ވަކި ނުކުރެވޭނެކަން އުއްތަމް އަށް އެންމެ ފަހުން ޔަގީންވުމުން އެ ދެ މީހުން ގުޅުވަން އޭނާ އިސްނަގައިގެން މަސައްކަތް ފެށީ އެވެ.
"އަހަރެން ދުވަސްކޮޅެއް ވަންދެން ވަރަށް ރުޅިއައިސްގެން އަދި ދެރަވެގެން އުޅުނިން. ދެން ފަހުން ވިސްނީ މި މައްސަލަ ހައްލުކުރާނެ ގޮތެއް. އަހަރެން މިހެން ނުހެދިނަމަ ތިން މީހެއްގެ ދިރިއުޅުން މުޅިން ބަރުބާދުވީސް. އަހަރެންނަށް ފެނުނު އެންމެ ރަނގަޅަކަށް މިކަން މި ނިންމީ. އޭރުން ހުރިހާ މީހުންނަށް ވެސް އުފަލުގައި އުޅެވޭނެ އެއްނު،" އުއްތަމު ބުންޏެވެ.
އުއްތަމު ވަނީ ސަޕްނާ ވަރިކޮށް ރާޖޫ އާއި ސަޕްނާގެ ކައިވެނި ކޮށްދީފަ އެވެ. މި ކައިވެނީގެ ރަސްމިއްޔާތު އޮތީ ފައްޅިއެއްގައި އުއްތަމުގެ އާއިލާގެ މެމްބަރުންގެ ކުރިމަތީގަ އެވެ. މިއީ އާދަޔާޚިލާފު ގޮތަކަށް ކުރެވޭ ކައިވެންޏަކަށް ވާތީ މި މަންޒަރު ބަލަން އެ ފައްޅި ކައިރިއަށް ކައިރިއަވަށްތަކުގެ މީހުން ވެސް ޖަމާވި އެވެ.
ކައިވެނިކޮށްދިނުމަށްފަހު އުއްތަމު ވަނީ އަލަތު ކައިވެނީގެ ދެމަފިރިންނަށް ހެޔޮ ދުއާ ކޮށްފަ އެވެ.
އުއްތަމު ބުނީ އޭނާ އާއި ސަޕްނާ އަށް ލިބިފައި ތިބި ދެ ދަރިން ބެލުމުގެ ޒިންމާ ވެސް ސަޕްނާ ނުނެގި ކަމަށެވެ. އެހެންވެ ދެ ދަރިންނާ ވެސް އޭނާ ހަވާލުވެފައި ރާޖޫ އާއެކު ސަޕްނާ ފޮނުވާލީ އެވެ.