ކުޅިވަރު

ޔުނިކް ސްޕޯޓިންގެ ވާޗުއަލް ކަލަރަން ކުޑަ އީދުގައި

ޔުނިކް ސްޕޯޓިން އިން ރާއްޖެއަށް ހުޅުވާލައިގެން ފިތުރު އީދުގައި "ވާޗްއަލް ކަލާ ރަން" ބާއްވަން ނިންމައިފި އެވެ.

ޔުނިކް ސްޕޯޓިން އިން މި އަހަރު ބާއްވާ ކަލަރަން ރަސްމީކޮށް ލޯންޗު ކުރާނީ ހދ. ކުޅުދުއްފުށީގަ އެވެ.

ޔުނިކް ސްޕޯޓިން އިން ބުނި ގޮތުގައި ކޮވިޑް-19ގެ ހާލަތު ގޯސްވާ ނަމަ އެ އިވެންޓް ބާއްވާ ތާރީހު ލަސްކުރާނެ އެވެ.

ޔުނިކް ސްޕޯޓިން އިން ބުނީ މި ދުވުމުގައި ބައިވެރިވާން މި މަހު 15 ވަނަ ދުވަހުގެ ކުރިން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް އިވެންޓް ބާއްވާ ތާރީހުގެ ހަތް ދުވަސް ކުރިން ރޭސް ކިޓް ހަވާލު ކުރާނެ ކަމަށެވެ. މި ކިޓް ކޮންމެ ރަށެއްގެ ވެސް ކަލެކްޝަން ސެންޓަރު ތަކަށް ފޮނުވާނެ އެވެ.

ރޭސް ކިޓުގައި ހިމެނެނީ ޓީޝާޓާއި ބިބް އަދި މެޑަލާއި ތޮފި އަދި އަތުގައި އަޅާ ބޭންޑާއި ކުލަ ޕެކެޓެކެވެ.

ކަލެކްޝަން ސެންޓަރުތަކުގެ މައުލޫމާތު ޔުނިކް ސްޕޯޓިންގެ ވެބްސައިޓުން ލިބޭނެ އެވެ. އަދި މައުލޫމާތު ސޯޝަލް މީޑިއާގައި ހާމަކުރާނެ އެވެ. އިވެންޓުގައި ބައިވެރިވާ ފަރާތްތަކަށް މެސެޖުން މައުލޫމާތު ހިއްސާ ކުރާނެ އެވެ. މި ކަލާ ރަންގައި ބައިވެރިވުމުގެ ސުންގަޑިއަކީ މި މަހުގެ 30 ވަނަ ދުވަހެވެ. ފަހު ވަގުތު ރަޖިސްޓާ ކުރާ ބައިވެރިންނަށް 150ރ. ދެއްކުމުން މެޑަލާއި ޓީޝާޓެއް ލިބޭނެ އެވެ.

މި އިވެންޓުގައި ގިނަ މައުލޫމާތު ތަކެއް ސްނެޕްޗެޓާއި އިންސްޓަގްރާމުން ދޭނެ އެވެ. އެހެންވެ އިވެންޓުގެ ކުރިން މި ދެ އެޕްލިކޭޝަން އިންސްޓޯލް ކުރަން ޔުނިކް ސްޕޯޓިން އިން އެދިފައިވެ އެވެ.

އީދާއި ދިމާކޮށް ބާއްވާ ކަލާ ރަންގައި ހަތަރު ކުލަ އަަކަށް ޓީމުތައް ބަހާލާނެ އެވެ. ހަތަރު ކުލައިގެ ތެރެއިން ރަޖިސްޓްރީވާ ދުވުންތެރިންނަށް ބޭނުން ކުލައެއް އިހްތިޔާރު ކުރެވޭނެ އެވެ. ކޮންމެ ދުވުންތެރިޔަކު މަދުވެގެން ފަސް ކިލޯ މީޓަރު ރޭހެއް ފުރިހަމަ ކުރަން ޖެހެ އެވެ. ހަތަރު ދުވަހަށް ކުރިއަށްދާ ރޭހުގައި އެކި ދުވަހުގައި އޮންނާނީ އެކި ޗެލެންޖުތަކެވެ.