ކުޅިވަރު

ބަކާ ނިޔާވީ މެނިންގޯކޯކަލް ބަލީގައި

ގައުމީ ޓީމުގެ ކުރީގެ މިޑްފީލްޑަރު މުހައްމަދު އާރިފް (ބަކާ) ނިޔާވީ ރާއްޖެއިން އަލަށް ފެނިގެން އުޅޭ އިންވޭސިވް މެނިންގޯކޮކަލް ބަލީގައި ކަން އެނގިއްޖެ އެވެ.

މިބަލީގެ އަލާމާތްތައް ބަކާގެ ގައިން ފެނުމާ ގުޅިގެން އޭނާ އޭޑީކޭ ހޮސްޕިޓަލަށް ރޭ ގެންގޮސް ފަރުވާ ދޭން ފެށިއިރުވެސް ހާލު ސީރިއަސް ކަމުން ފަރުވާ ދިނީ އައިސީޔޫގައި ބާއްވައިގެންނެވެ.

އުމުރުން 38 އަހަރުގެ ބަކާއަށް މި ބަލި ޖެހިފައިވަނީ މީގެ ދެތިން ދުވަސް ކުރިން އޭނާ ހައްޖުގެ އަޅުކަން އަދާކޮށްފައި އެނބުރި ރާއްޖެ އައި އިރު ކަމަށް ބެލެވެ އެވެ.

ރާއްޖެއިން އިންވޭސިވް މެނިންގޯކޮކަލް ބަލީގެ މީހަކު ފެނިފައިވާ ކަމަށް އެޗްޕީއޭ އިން ރަސްމީކޮށް ނުބުނި ނަމަވެސް ބަކާއަށް ޖެހިފައިވަނީ އިންވޭސިވް މެނިންގޯކޮކަލް ބަލި ކަމަށް އެނގިފައިވެ އެވެ. އަދި މިދިޔަ ދުވަސްތަކުގައި އޭނާއާ އެންމެ ގާތުން އުޅުނު މީހުންގެ ކޮންޓެކްޓް ޓްރޭސިން ހެދުމުގެ މަސައްކަތް އެޗްޕީއޭ އިން ކުރަމުންދާ ކަމަށްވެސް އެނގިފައިވެ އެވެ.

އިންވޭސިވް މެނިންގޯކޮކަލް ބަލީގެ އަލާމަތްތައް

  • ބޮލުގައި ރިއްސުން
  • ފިޓުޖެހުން
  • ނޭވާ އަވަސްވުން
  • ހުންއައުން
  • ވާނުވާ ނޭނގޭ ގޮތްވުން
  • ކަނދުރާ ވާންވުން
  • ވަރުދެރަވުން
  • އަލި ގަދަވުމުން އުނދަގޫވުން
  • މޭނުބައިކޮށް ހޮޑުލެވުން
  • ގައިގައި ރަތް ބިހި ނުވަތަ ލައްތަކެއް ނެގުން


އިންވޭސިވް މެނިންގޯކޮކަލް ބައްޔަކީ ބެކްޓީރީއަލް އިންފެކްޝަނަކުން ސްޕައިނަލް ކޯޑުގެ މެމްބްރެއިން އާއި ސިކުނޑިއަށް ޖެހޭ ބައްޔެކެވެ. ފަންގަލް އިންފެކްޝަނަކުންވެސް ނުވަތަ ވައިރަލް އަކުންވެސް ބަލި ޖެހިދާނެ ކަމަށް ސިއްހީ މާހިރުން ވިދާޅުވެ އެވެ.

އިންވޭސިވް މެނިންގޯކޮކަލް ބައްޔަކީ ގާތްގަޔަށް އަރާ ބައްޔެކެވެ. ބަލީގެ އަލާމާތްތައް އާންމުކޮށް ފެންނަން ފަށަނީ ގިނަވެގެން 10 ދުވަސް ތެރޭގައެވެ. މިބައްޔާ އެކު މީހާ ހާލު ކުއްލިއަކަށް ގޯސްކޮށްލާތީ މިއީ ސަމާލުވާން ޖެހޭ ނުރައްކާތެރި ބައްޔެކެވެ.