އެޓާނީ ޖެނެރަލް

އެސްޖޭއަށް ދިން 30 މިލިއަން ރުފިޔާ ހޯދަން ދައުވާކޮށްފި

Apr 28, 2021

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ޒިކްރާ މިސްކިތް ހަދަން ހަވާލުކުރި އެސްޖޭ ކޮންސްޓްރަކްޝަނަށް ދައުލަތުން އިކުއިޓީގެ ގޮތުގައި ދީފައިވާ 30 މިލިއަން ރުފިޔާ ހޯދަން ދައުލަތުގެ ފަރާތުން ސިވިލް ކޯޓަށް ހުށަހަޅައިފި އެވެ.

އަވަސް އަށް އެކަން ޔަގީން ކޮށްދެއްވަމުން ބަންޑާރަނައިބު އޮފީހުން ބުނީ އެ މައްސަލަ ކޯޓަށް ހުށަހެޅީ މިދިޔަ ހޯމަ ދުވަހު ކަމަށެވެ. އަދި މައްސަލަ ކޯޓަށް ބަލައިގެންފައިވާ ކަން ވެސް މިހާރު ވަނީ އަންގާފަ އެވެ.

ޒިކުރާ މިސްކިތް ހުރި ބިމުގައި 10 ބުރީގެ އިމާރާތެއް އެޅުމަށް އެސްޖޭއާ ހަވާލުކުރީ ޖުލައި 9، 2018 ގައެވެ. ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން ކުރިއަށް ގެންދަން ނިންމާފައި އޮތް މަޝްރޫއުގެ އަގަކީ 130 މިލިއަން ރުފިޔާ އެވެ. މިސަރުކާރު ވެރިކަމާ ހަވާލުވިއިރު ރައީސް ޔާމީންގެ ސަރުކާރުން އޮތީ އެސްޖޭ އަށް އިކުއިޓީގެ ގޮތުގައި 30 މިލިއަން ރުފިޔާ ދީފަ އެވެ.

އެސްޖޭ ކޮންސްޓްރަކްޝަނަށް އެކުއިޓީގެ ގޮތުގައި 30 މިލިއަން ރުފިޔާ ދީފައިވަނީ ދައުލަތަށް ގެއްލުންވާ ގޮތަށް ކަމަށް ބުނެ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ދައުވާ ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒިޔާދުގެ މައްޗަށް ދައުލަތުން ވަނީ އުފުލާފަ އެވެ. އިސްލާމިކް މިނިސްޓްރީގެ އެންޑޯމަންޓް ސެކްޝަންގެ ކުރީގެ ވެރިއެއް ކަމުގައިވާ އިބްރާހީމް އަބްދުﷲ ސައީދުގެ މައްޗަށްވެސް ވަނީ އެ ދައުވާ އުފުލާފަ އެވެ.

މި ސަރުކާރު އައި ފަހުން ޑިސެންބަރު 23، 2018 ގައި އިސްލާމިކް މިނިސްޓްރީން ވަނީ ޒިކުރާ މިސްކިތުގެ މައްސަލާގައި ގާނޫނީ ލަފަޔަކަށް އެދި އޭޖީއަށް ހުށައަޅާފަ އެވެ. އޭޖީން އެ ލަފާ ދީފައި ވަނީ ފެބްރުއަރީ 19، 20019 ގައެވެ.

އެ ލަފާގައި ބުނެފައިވަނީ ޒިކުރާ މިސްކިތުގެ މަސައްކަތް އެސްޖޭއާ ހަވާލު ކުރުމުގައި ގޯހެއް ނެތް ކަމަށެވެ. އެކަން ކޮށްފައި ވަނީ މާލިއްޔަތު ގަވާއިދާ އެއްގޮތަށް ކަން ފާހަގަކޮށް އޭޖީ ލަފާ ދެއްވީ ދެ ފަރާތް އެއްބަސްވެގެން މައްސަލަ ހައްލު ކުރުމަށެވެ. އެކަމަކު އިސްލާމިކް މިނިސްޓްރީން އެއްބަސްވުން ބާތިލްކުރީ އެސްޖޭއާ އެކު މަޝްވަރާ ނުކޮށެވެ. އެގޮތަށް އަމަލުކުރީ އެއްބަސްވުމާ އެއްގޮތަށް އެސްޖޭ އިން އަމަލުކުރަމުން ނުދާތީ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފައިވެ އެވެ.

އެއްބަސްވުން ބާތިލްކުރުމާ ގުޅިގެން އެސްޖޭ ކޮންސްޓްރަކްޝަނުން ވެސް ވަނީ އެކުންފުންޏަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި 111 މިލިއަން ރުފިޔާ ހޯދަން ސިވިލް ކޯޓަށް ހުށަހަޅާފަ އެވެ. ސިވިލް ކޯޓުގެ ނިންމުމުގައި ބުނެފައިވަނީ އެސްޖޭ އިން އެއްބަސްވުމާ އެއްގޮތަށް އަމަލުކޮށްފައި ނުވާތީ އެއްބަސްވުން ބާތިލްކުރުމުގައި ގޯހެއް ނެތް ކަމަށެވެ. ދަށު ކޯޓުގެ ހުކުމް އެސްޖޭ އިން މިހާރު ވަނީ ހައިކޯޓުގައި އިސްތިއުނާފް ކޮށްފަ އެވެ.