އެމްއެމްޕީއާރްސީ

ވެކްސިން ޑޯޒް ފުރިހަމަ ކުރުމުގައި ވަރުގަދަ އަމާޒެއް

ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރާ އެންމެން ވެކްސިން ޖަހާ ދުނިޔޭގެ ފުރަތަމަ ގައުމަކަށް ރާއްޖެ ހެދުމަކީ އަމާޒެއް ކަމަށް އެމްއެމްޕީއާރްސީގެ މެނޭޖިން ޑިރެކްޓަރު ތޮއްޔިބު މުހައްމަދު ވިދާޅުވެއްޖެ އެވެ.

ތޮއްޔިބް މިހެން ވިދާޅުވީ ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކުރުމުން ޓޫރިޒަމް ދާއިރާގެ މުވައްޒަފުންނަށް ދޭ "އައި އޭމް ވެކްސިނޭޓެޑް ބެޖް" އިފްތިތާހު ކުރުމަށް މިއަދު ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

ތޮއްޔިބު ވިދާޅުވީ ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަމަށް ގިނަ ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމަށެވެ. އެހެންކަމުން ލިބުނު ގެއްލުންތަކުން އަރައިގަންނަން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަން ފާހަގަކުރެއްވި އެވެ.

މީގެ އިތުރުން އޭނާ ވިދާޅުވީ އައިއޭމް ވެކްސިނޭޓެޑް ކެމްޕޭން ޕްރޮމޯޓްކުރުމަށް ވިޒިޓް މޯލްޑިވްސް ވެބްސައިޓްގައި ގާއިމު ކޮށްފައިވާ މައިކްރޯސައިޓުން ޓޫރިޒަމް ދާއިރާގައި ވެކްސިންގެ ދެ ޑޯޒް ފުރިހަމަކުރާ ރިސޯޓް ތަކާއި ގެސްޓްހައުސް އަދި ސަފާރީ ފަދަ ތަންތަނުގެ މައުލޫމާތާއި ފޮޓޯ ހިމަނާނެ ކަމަށެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވީ ވެކްސިންގެ ދެ ޑޯޒް ފުރިހަމަކުރުމުން ދޭ ބެޖް ލިބުމަކީ ޓޫރިޒަމް ދާއިރާގެ ރިސޯޓް މުވައްޒަފުންގެ ހުވަފެން ހަގީގަތަކަށް ހަދައިދޭނެ ކަމެއް ކަމަށެވެ.

"އަޅުގަނޑަށް އެންމެ ގިނަ ފޯނު ކޯލު ލިބެނީ ރިސޯޓްތަކުގައި އުޅޭ މުވައްޒަފުންގެ. އަބަދުވެސް އަހާނެ ކޮބާ މިިނިސްޓަރު އަޅުގަނޑުމެން އަނބިދަރިން ކައިރިއަށް ދެވޭނީ ކޮން ދުވަހަކުންހޭ. މިއަދު އިރާދަކުރެއްވިއްޔާ މިއޮތީ އެދުވަސް އައިސްފައި،" މިނިސްޓަރު ވިދާޅުވި އެވެ.

މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ ވެކްސިން ޕްރޮގްރާމް ފަށައި ޓޫރިޒަމް ދާއިރާގެ މުވައްޒަފުންނަށް ބޮޑު އިސްކަމެއްދީ ވެކްސިން ދޭން ފެށުމަކީ ލިބުނު ބޮޑު ކާމިޔާބީއެއް ކަމަށެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި ޓޫރިޒަމް ދާއިރާގެ ރިސޯޓް ތަކުގައި ވަޒީފާ އަދާކުރާ 99 ޕަސެންޓް މުވައްޒަފުން މިހާރު ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފަ އެވެ. އަދި 8،000 އަށް ވުރެ ގިނަ މުވައްޒަފުން ދެ ޑޯޒް ފުރިހަމަކޮށްފައިވެ އެވެ.