ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ލައިފްސްޓައިލް

ފިރިޔަކު ސަލާމަތް ކުރަން އަންބަކު ކުރި މަސައްކަތް!

އިންޑިޔާގެ އާގްރާގެ އަންހެނަކު އޭނާގެ ފިރިމީހާ ސަލާމަތްކުރަން ކުރި މަސައްކަތް ފެނިފައި ގިނަ ބައެއްގެ ހިތް ކުދިކުދި ވެއްޖެ އެވެ. ކޮވިޑް ޖެހި އޮސްޖަން ލެވެލް ދަށްވެގެން އޮކްސިޖަން ބޭނުންވެފައިވާ ފިރިހެންމީހާ މަރުން ސަލާމަތް ކުރެވޭތޯ އޭނާގެ އަންހެނުން ވަނީ އަނގައިން އަނގަޔަށް ނޭވާ ފޮނުވައިގެން (ސީޕީއާރު ދީގެން) ގިނަ ގުނަ މަސައްކަތް ކޮށްފަ އެވެ. މި ދެމަފިރިންގެ ހާލަތުން ވެސް މިހާރު އިންޑިޔާގައި ކޮވިޑް-19 އިގެ ސުނާމީ އޮތް ހާލާތު ވަޒަން ކޮށްލެވެ އެވެ.

ރަވީ ސިންގާލް، 47، ސަލާމަތްކުރަން އޭނާގެ އަންހެނުން ކުރި މަސައްކަތް ނާކާމިޔާބުވެ އޭނާ ވަނީ މަރުވެފަ އެވެ.
ސަރުކާރު ހޮސްޕިޓަލެއްގެ ދޮރުމަތީގައި އޮޓޯއެއް ތެރޭގައި ރޭނޫ ސިންގާލް އޭނާގެ ފިރިމީހާ ސަލާމަތް ކުރެވޭތޯ މަސައްކަތް ކުރަމުން ދިޔައީ އޭނާ އެޑްމިޓްކުރާނެ ހޮސްޕިޓަލެއް، އޭނާއަށް ފަރުވާ ދޭނެ ޑޮކްޓަރެއް އަދި އޭނާޔަށް އޮކްސިޖަން ލިބޭނެ ގޮތެއް ނެތި، ހަދާނެ ގޮތް ހުސްވެފައި އިނދެގެންނެވެ.

ފިރިމީހާގެ ގައިގައި ބައްދާލައިގެން އިނދެ ރޭނޫ ބައެއް ފަހަރު އޭނާގެ އަނގައިން ފިރިމީހާގެ އަނގަޔަށް ނޭވާ ލައިގެން އޭނާއަށް ނޭވާ ލެވޭތޯ މަސައްކަތް ކުރި އެވެ. އަނެއް ބައި ފަހަރު ފިރިމީހާގެ ގަޔަށް ފެން ވިއްސައިގެން އޭނާއަށް ނޭވާ ލެއްވޭތޯ ރަނގަޅު ކުރެވޭތޯ ހިތްވަރާއެކު ރޭނޫ މަސައްކަތް ކުރަމުން ދިޔަ މަންޒަރު އެތައް ބަޔަކު ބެލީ ކަރުނައިން ތެމިފައިވާ ލޯތަކަކުންނެވެ.

ސޯޝަލް މީޑީއާގައި ވައިރަލްވެފައިވާ މި މަންޒަރުތައް ބަލާފައި އެއް ބަޔަކަށް ޝޮކް ލިބުނުއިރު އަނެއްބަޔަކު ތިބީ މިފަދަ ހާލަތަކަށް އެމީހުން ދާން މެދުވެރިވީތީ ރުޅިގަދަވެފަ އެވެ.

މިދިޔަ ހުކުރު ދުވަހު ހިނގި މި ހާދިސާގައި ރޭނޫ އޭނާގެ ފިރިމީހާ ގޮވައިގެން ހަތަރު ވަރަކަށް ހޮސްޕިޓަލަށް ދިޔަ އެވެ. އެއްވެސް ހޮސްޕިޓަލަކުން ފިރިމީހާ އެޑްމިޓްކުރަން ޖާގަ ނުލިބިގެން އެންމެ ފަހުން ދިޔަ ހޮސްޕިޓަލުގެ ދޮރުމަތީގައި އޮޓޯގައި ފިރިމީހާ ސަލާމަތް ކުރެވެން އޭނާއަށް ކުރެވުނުހާ ކަމެއް ކުރަނިކޮށް އޭނާގެ އަތްމައްޗަށް ފިރިމީހާ މަރުވީ އެވެ.

އާގްރާގެ ސިއްހީ ދާއިރާގެ އޮފިޝަލުން ބުނި ގޮތުގައި އެ ރަށުގެ ހޮސްޕިޓަލުތަކުގައި ކޮވިޑް-19 ބަލި މީހުން އިންތިހާއަށް އިތުރުވެފައިވާއިރު އެންމެންނަށް ފުދޭ ވަރަކަށް އޮކްސިޖަން އެއް ނެތެވެ. އޮކްސިޖަން ނުލިބިގެން މީހުންގެ ފުރާނަ ދާން މެދުވެރިވަނީ މި ސަބަބާހެދި އެވެ.