ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ލައިފްސްޓައިލް

50 އަހަރު ޚިދުމަތްކުރި ޑޮކްޓަރު ވެންޓިލޭޓަރެއް ނުލިބިގެން މަރުވެއްޖެ

އިންޑިޔާގެ އުއްތަރު ޕްރަދޭޝްގެ ޕްރަޔާގްރާޖް ސަރަހައްދުގައި ވަރަށް މަޝްހޫރު ޑޮކްޓަރަކު ކޮވިޑް-19 ޖެހި ވެންޓިލޭޓަރެއް ނުލިބިގެން މަރުވެއްޖެ އެވެ.

އުއްތަރު ޕްރަދޭޝްގައި ކޮވިޑް ބަލީގެ މީހުން އިންތިހާއަށް އިތުރުވެ މީގެން ގިނަ ބަޔަކަށް ވެންޓިލޭޓަރު ގުޅަން ޖެހިފައި ވެއެވެ. އެހެންކަމުން މިހާރު ހޮސްޕިޓަލަކުން އެނދަކާއި ވެންޓިލޭޓަރެއް ހޯދުމަށް ހާލު ބޮޑުވެފައިވާ މީހުންގެ އާއިލާގެ މީހުންނަށް ވަރުގަދަ ހަނގުރާމައެއް ކުރަން ވަނީ ޖެހިފަ އެވެ. ހާލު ބޮޑުވެފައިވާ ބަލި މީހަކާ އެ ހޮސްޕިޓަލުގައި ޚިދުމަތްކޮށް އެތައް ހާސް ބަޔެއްގެ ފުރާނަ ސަލާމަތް ކޮށްދީފައިވާ ޑޮކްޓަރެއް ނަމަވެސް މިފަދަ ދަނޑިވަޅެއްގައި އޭނާއަށް ވެސް ވެންޓިލޭޓަރެއް ލިބޭނެ އެއްވެސް ގޮތެއް ނޯވެ އެވެ.

ޑރ. ޖޭކޭ މިޝްރާ، 85، އަކީ ސުވަރޫޕް ރާނީ ނެހުރޫ (އެސްއާރްއެން) ހޮސްޕިޓަލުގައި 50 އަށް ވުރެ ގިނަ އަހަރު ޚިދުމަތް ކޮށްފައިވާ އަދި ވަރަށް ގިނަ ބައެއްގެ ލޯބި ހޯދާފައިވާ މަގްބޫލު ޑޮކްޓަރެކެވެ. ނަމަވެސް ކޯވިޑްގައި އޭނާގެ ހާލު ބޮޑުވެ ވެންޓިލޭޓަރަކަށް ބޭނުންވީ ވަގުތު އެ ހޮސްޕިޓަލުން އޭނާއަށް ވެންޓިލޭޓަރެއްގެ ޚިދުމަތް ފޯރުކޮށެއް ނުދެވުނެވެ.

ޑރ. މިޝްރާގެ އަންހެނުންނަކީ ވެސް އެ ހޮސްޕިޓަލަށް އެތައް ޒަމާނަކު ޚިދުމަތްކޮށްފައިވާ ޑޮކްޓަރެކެވެ. ޑރ. މިޝްރާ އަށް ވެންޓިލޭޓަރު ގުޅޭނެ ގޮތެއް ނެތި މި ދުނިޔެ ދޫކުރީ އޭނާގެ އަންހެނުން ހަދާނެގޮތް ހުސްވެގެން ބަލަހައްޓައިގެން އިންދަ އެވެ.

ކޮވިޑް-19 އިގެ އަލާމާތްތައް ޑރ. މިޝްރާގެ ކިބައިން ފެންނަން ފަށައި ނޭވާ ކުރުވެ އޮކްސިޖަން ލެވެލް ދަށްވާން ފެށީ މިހިނގާ އެޕްރީލް މަހުގެ 13 ވަނަ ދުވަހު އެވެ. އެސްއާރްއެން ހޮސްޕިޓަލުގައި އޭނާ އެޑްމިޓްކުރީ އޭގެ ތިން ދުވަސް ފަހުންނެވެ.

ހޮސްޕިޓަލުގައި އެޑްމިޓްކުރި ފަހުން މާ ބޮޑަށް ހާލު ދަށަށް ދާތީ ވެންޓިލޭޓަރު ގުޅަން ޑޮކްޓަރުން އިރުޝާދު ދިނެވެ. ނަމަވެސް އެ ހޮސްޕިޓަލުގައި ވެސް އަދި އެހެން ހޮސްޕިޓަލެއްގައި ވެސް ވެންޓިލޭޓަރު ގުޅޭނެ ގޮތެއް ނެތި އެންމެ ފަހުން ޑރ. މިޝްރާ މި ދުނިޔެއަށް އަލްވަދާއު ކީއެވެ.

އެސްއާރްއެން ހޮސްޕިޓަލުގެ އިމަޖެންސީ މެޑިކަލް އޮފިސަރު އިންޑިޔާގެ ނޫހަކަށް ބުނި ގޮތުގައި އެ ހޮސްޕިޓަލުގައި ގާތްގަނޑަކަށް 100 ވެންޓިލޭޓަރު ހުރެ އެވެ. ނަމަވެސް ހުރިހާ ވެންޓިލޭޓަރު ހުރީ ވަރަށް ހާލު ބޮޑު މީހުންނަށް ގުޅާފަ އެވެ. ޑރ. މިޝްރާ އަށް ވެންޓިލޭޓަރުގެ ޚިދުމަތް ނުދެވުނީ އެހެންވެ އެވެ.

"ވެންޓިލޭޓަރުގައި އޮތް މީހަކު އެއިން ނަގާފައި ޑރ. މިޝްރާ އެއް އެއަކަށް ނުލެވޭނެތާ ދޯ. ހުރިހާ މީހުން ވެސް ހަމަ އެހާ ހާލު ބޮޑުވެފައި ތިބީ،" މެޑިކަލް އޮފިސަރު ބުންޏެވެ.

ކޮވިޑް-19ގެ ބިޔަ ބޮޑު ދެވަނަ ރާޅު އިންޑިޔާއަށް އަރާފައިވާއިރު އުއްތަރު ޕްރަދޭޝް އަކީ މީގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވާ އެއް ސްޓޭޓެވެ. އެ ރަށުގެ އެތައް ލައްކަ ބަޔަކު މިހާޜު ދަނީ މި ބައްޔާ ހަނގުރާމަ ކުރަމުންނެވެ. އަދި ދުވާލަކު ގިނަ އަދަދެއްގެ ބަޔަކު މި ހަނގުރާމައިން ބަލިވެ ދުނިޔެ ދޫކުރެ އެވެ.