ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ލައިފްސްޓައިލް

ސޯނޫގެ އިންސާނީ ހިދުމަތް މަޑުޖެހުމެއް ނެތް

ކޮރޯނާވައިރަސް ޕެންޑެމިކްގައި އިންޑިޔާ މީހުންނަށް އެންމެ ގިނަ އެހީތަކެއް ފޯރުކޮށްދީފައި ވަނީ އެކްޓަރު ސޯނޫ ސޫދެވެ. ފައިސާގެ ގޮތުންނާއި އެކި އެކި ކަންކަން އިންތިޒާމް ކޮށްދީ ކޮށްދީގެން އެތައް ލައްކަ ބައެއްގެ ހިތް ސޯނޫ އަތުލާފައި ވެއެވެ.

އޭނާގެ އެއްވެސް އަމިއްލަ އެދުމެއް ނެތް މި އިންސާނީ ހިދުމަތަށް އަދިވެސް ހުއްޓުމެއް ނާދެ އެވެ. ކޮވިޑްގެ ބޮޑު ސުނާމީއެއް އިންޑިޔާއަށް ކުރިމަތިވެފައިވާ މި ދަނޑިވަޅުގައި ވެސް ސޯނޫ އަރުވާޖަހައިގެން އޭނާއަށް ކޮށްދެވުނު ކޮންމެ ޚިދުމަތެއް ކޮށްދިނުމުގައި އަވަދިނެތި ދަނީ އުޅެމުންނެވެ. މިހެން އުޅެނިކޮށް ޚުދް އޭނާއަށް ކޯވިޑް ޖެހި އެ ބައްޔާ ވެސް ހަނގުރާމަ ކުރަން ޖެހުނެވެ. ނަމަވެސް މިހާރު ޓެސްޓް ނެގެޓިވްގެ ބަލި މުޅިން ފަސޭހަ ވެފައިވާ ކަމަށް ސޯނޫ ބުންޏެވެ.

ސޯނޫ ދާދިފަހުން ވަނީ އޭނާގެ ފޯނަށް އެހީއަށް އެދި ފޯނު ކޯލުތައް އަންނަ މިންވަރާއި މެސެޖުތަކުގެ ނޯޓިފިކޭޝަންސްތައް އަންނަ މިންވަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ޝެއާ ކޮށްފަ އެވެ. މި ވީޑިއޯ އަށް ބަލާލުމުން ވެސް ސޯނޫގެ އެހީތެރިކަމަށް ކޮންމެ ސިކުންތަކުން މީހަކު އެދެމުން ދިޔަ މަންޒަރު ވަނީ ފެނިފަ އެވެ.

އެއްބަޔަކު ވެންޓިލޭޓަރު ނުލިބިގެން ސޯނޫ އަށް މެސެޖު ކުރަމުން ދިޔައިރު އަނެއް ބަޔަކު ސޯނޫގެ ކިބައިން އެދެމުން ދިޔައީ އޮކްސިޖަން ލިބޭނެ ގޮތެއް ހޯދައިދިނުމަށެވެ.

ސޯނޫ ބުނި ގޮތުގައި މި ވީޑިއޯ ޝެއާކުރީ އޭނާގެ ޚިދުމަތަށް މީހުން ބޭނުންވެފައިވާ މިންވަރު ހާމަކޮށްދިނުމަށެވެ. އަދި އެހެން މީހުންވެސް އޭނާ ފަދައިން މީހުންގެ ޚިދުމަތަށް ނުކުތުމަށް ހިތްވަރު ދިނުމަށެވެ.

"އިންޑިޔާގެ އެކި ކަންކޮޅުތަކުން އެކި ޚިދުމަތަށް މީހުން އެދޭ މިންވަރު ހައިރާންވާހާ އިތުރުވެއްޖެ. އަހަރެންގެ އެހީއަށް އެދޭ ހަމަ ކޮންމެ މީހަކަށް ވެސް އެހީތެރިކަން ފޯރުކޮށްދެވޭތޯ އަހަރެން އެބަ މަސައްކަތް ކުރަން. އަހަރެން ފަދައިން މީހުންނަށް އެހީތެރިކަމެއް ފޯރުކޮށްދެވޭނެ މީހަކު ހުރިނަމަ މި ޚިދުމަތަށް ނުކުތުމަށް އަހަރެން އިލްތިމާސް ކުރަން. އަހަރެމެން އެބަ ޖެހޭ ވެވުނު އެހީތެރިކަމެއް ފޯރުކޮށްދޭން. އެމީހެއްގެ ގާބިލްކަން ހުރި ވަރަކުން ބޭނުންޖެހިފައިވާ މީހުންނަށް އެހީ ފޯރުކޮށްދިނީ،" މި ވީޑިއޯ ޝެއާ ކުރަމުން ސޯނޫ ލިޔެފައިވާ މެސެޖުގައި ވެއެވެ.

ސޯނޫގެ މި މެސެޖަށް އެތައް ހާސް ބަޔަކު ތަރުހީބު ދީފައި ވެއެވެ. އަދި ސޯނޫ އެދުނު ގޮތަށް އޭނާއާއެކު ބޭނުންޖެހިފައިވާ މީހުންގެ ޚިދުމަތަށް ނުކުންނަން ޝައުގުވެރިވާކަމަށް ބުނެ ވަރަށް ގިނަ ބަޔަކު ކޮމެންޓުކޮށްފައި ވެއެވެ.

އިންޑިޔާގައި ކޯވިޑްގެ ބަލިމަޑުކަން ފުރަތަމަ ފެށުނު ދުވަހުން ފެށިގެން ސޯނޫ ވެފައިވަނީ "ހަގީގީ ހީރޯ" އަކަށެވެ. އޭނާ ކޮށްދިން ވަރުގެ ޚިދުމަތެއް ކޮށްދެވުނު އެހެން އެއްވެސް މީހަކު ނެތެވެ.