ސަފާރީތައް ބަނދަރު ކުރަން ދިޔަނެރު ފަޅުގައި ބަނދަރެއް ތަރައްގީ ކުރަން މޯލްޑިވްސް އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ) އާ ހަވާލުކޮށްފައި ނުވާ ކަމަށް އެ ކުންފުނިން ބުނެފި އެވެ.
އެމްއައިޓީޑީސީން މިހެން ބުނެފައި މިވަނީ ދިޔަނެރު ފަޅު ދޭއްގައި ބަނދަރެއް ތަރައްގީ ކުރުމަށް އެމްއައިޓީޑީސީއާ ހަވާލުކުރި ނަމަވެސް އެ މަސައްކަތް ކުރިއަށް ނުދާ ކަމަށް ބުނެ ސަފާރީ އޮޕަރޭޓް ކުރާ ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅު ކުރަމުން ދާތީ އެވެ.
މާލެއާ އަށް ކިލޯމީޓަރު ދުރުގައި އޮންނަ ދިޔަނެރު ފަޅު ދޭއްގައި ސަފާރީތަކަށް ހާއްސަ ބަނދަރެއް ހަދަން ނިންމާ އެކަން އިއުލާން ކުރީ އަލީ ވަހީދުގެ ޓޫރިޒަމް މިނިސްޓަރަކަށް ހުންނެވި ދުވަސްވަރު ޑިސެމްބަރު 24، 2019 ގައެވެ.
ބަނދަރު ތަރައްގީ ކުރަން އެމްއައިޓީޑީސީއާ ހަވާލުކުރާ ވާހަކަ އެ ދުވަސްވަރު ދައްކާފައި ވެއެވެ.
މިކަމާ ގުޅިގެން އަވަސް އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އެމްއައިޓީޑީސީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރާއިދު ވިދާޅުވީ ދިޔަނެރު ފަޅުގައި ބަނދަރެއް ތަރައްގީ ކުރަން އެމްއައިޓީޑީސީއާ ހަވާލު ކުރަން ވާހަކަދެއްކި ނަމަވެސް މިއަދާ ހަމައަށް ވެސް ފަޅު ހަވާލު ކޮށްފައި ނުވާ ކަމަށެވެ.
"އަޅުގަނޑުމެންގެ ޕޮލިސީއަކީ ރަސްމީކޮށް އަޅުގަނޑުމެންނާ އެއްވެސް ކަމެއް ހަވާލު ނުކުރާނަމަ އެކަމަކަށް އެއްވެސް ހަރަދެއް ނުކުރުން. ކުރީގެ ތަޖުރިބާއަށް ބަލާއިރު ބައެއް މަސައްކަތްތައް އަޅުގަނޑުމެންނާ ހަވާލު ކުރާނެ ކަމަށް ބުނެގެން ބައެއް ކަންކަމަށް މިކުންފުނިން ހަރަދުކޮށްފައި އެބަހުރި. އެކަމަކު ފަހުން އެ މަސައްކަތް ކުންފުންޏަށް ނުލިބި ބޮޑެތި ގެއްލުން ލިބިފައި އެބަހުރި،" ތަޖުރިބާތަކެއް ހިިއްސާ ކުރައްވަމުން ވިދާޅުވި އެވެ.
ރާއިދު ވިދާޅުވީ ސަފާރީތަކަށް ހާއްސަ ކޮށްގެން ބަނދަރެއް ހެދުމަކީ ވަރަށް މުހިއްމު އަދި އެކަމުގެ ތެރެއިން ސަރުކާރަށް އާމްދަނީ އެއް ލިބޭނެ ކަމެއް ކަމަށެވެ. އަދި އެފަދަ މަސައްކަތެއް ކުރަން ހަވާލު ކޮށްފިނަމަ އެއީ ކުންފުނީގެ މެންޑޭޓްގެ ދަށުން ކުރެވިދާނެ ކަމެއް ކަމަށެވެ.
ޓޫރިޒަމް މިނިސްޓަރާއެކު ދާދިފަހުން ބޭއްވުނު ބައްދަލުވުމެއްގައި ވެސް ދިޔަނެރު ފަޅުގެ ވާހަކަ ދެކެވުނު ކަން ރާއިދު ފާހަގަ ކުރެއްވި އެވެ. ފަޅު ހަވާލު ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުންދާ ކަން ފިޔަވާ އެކަމާ ގުޅޭ އެއްވެސް މައުލޫމާތެއް މިނިސްޓްރީން އެ ކުންފުންޏާ ހިއްސާކޮށްފައި ނުވާ ކަމުގައި ވެސް ވިދާޅުވި އެވެ.
ޓޫރިޒަމް ގާނޫނަށް ގެނެސްފައިވާ އިސްލާހަކާ ހަވާލާދީ ރާއިދު ވިދާޅުވީ އެމްއައިޓީޑީސީއަކީ ސަރުކާރުގެ 100 ޕަސަންޓް ހިއްސާވާ ކުންފުންޏަކަށްވާތީ ދިޔަނެރު ފަޅުގައި ބަނދަރެއް ތަރައްގީ ކުރަން ރައީސް އޮފީހާއި ޓޫރިޒަމް މިނިސްޓްރީން އެއްބަސްވާ ގޮތެއްގެ މަތިން ހަވާލު ކުރެވިދާނެ ކަމަށެވެ.
"އެކަން ނިންމަން މިޖެހެނީ ރައީސް އޮފީހާ ވާހަކަ ދައްކައިގެން ޓޫރިޒަމް މިނިސްޓްރީން. އަޅުގަނޑުމެންނާ ހަވާލުކޮށްފިއްޔާ އެކަން ކުރުމުގައި ކުރިއަށް ދެވިދާނެ،" ރާއިދު ވިދާޅުވި އެވެ.
ރާއްޖޭގެ ބޯޓިން އިންޑަސްޓްރީ ފުޅާވަމުން އަންނައިރު ސާފާރީ އުޅަނދުފަހަރު ބަނދަރު ކުރާނެ ރަނގަޅު ފަޅެއް ނެތުމަކީ އެ ދާއިރާގައި ހަރަކާތްތެރިވާ ވިޔަފާރިވެރިންގެ ވަރަށް ބޮޑު ކަންބޮޑުވުމެކެވެ.
މާލެ އަތޮޅުން އެ އުޅަނދުތައް ބަނދަރު ކުރަން ފަޅެއް ހަމަޖެއްސުމަކީ މި ސަރުކާރުގެ ވައުދެކެވެ. އަދި މިހާރުގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލަކީ ކުރިން ސަފާރީތަކުގެ ޖަމިއްޔާގައި ހުންނަވައިގެން ސަފާރީތަކަށް ބަނދަރެއް ހާއްސަވެފައި އޮންނަންވާނެ ކަމަށް ވިދާޅުވެ ވަރަށް ބޮޑަށް ވަކާލާތު ކުރެއްވި ބޭފުޅެކެވެ.