ގަވައިދާ ހިލާފަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި މަސްވެރިކަން ކުރަމުން ދިޔަ ބޭރުގެ ފަސް ބޯޓެއް އަތުލައިގެންފި އެވެ.
ބޯޓުތައް އަތުލައިގެންފައި ވަނީ ކޯސްޓްގާޑުން ޕެޓްރޯލް ދަތުރެއްގައި މ. އަތޮޅާއި ވ. އަތޮޅުގެ އިރުން 30 ނޯޓިކަލް މޭލު އެތެރެއިންނެވެ.
މި މައްސަލަ ސަރުކާރުގެ ކަމާ ގުޅުންހުރި އިދާރާތަކާ ގުޅިގެން ތަހުގީގު ކުރަން ވަނީ ފަށާފަ އެވެ.
އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް ކެޕްޓަން އިބްރާހީމް އާޒިމް ވިދާޅުވީ އެ ބޯޓުތައް މާލެ ގެނައުމުގެ މަސައްކަތް ކުރާ ކަމަށާއި މާދަމާ މެންދުރުފަހުގެ ވަގުތެއްގައި މާލެއަށް ބަނދަރު ކުރާނެ ކަމަށެވެ.
ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ގަވައިދާ ހިލާފަށް މަސްވެރިކަން ކުރަން އުޅޭ ބޭރުގެ ބޯޓުތައް އަތުލައިގަތުމަކީ އާންމުކޮށް ހިނގަމުންދާ ކަމެކެވެ.