ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ދެވަނަ ޑޯޒަށް ޝަރުތު ހަމަވާ 20000 މީހުން ވެކްސިން ނުޖަހާ

ކޮވިޑް 19ގެ ވެކްސިން ޕްރޮގްރާމުގައި ދެވަނަ ޑޯޒަށް ޝަރުތު ހަމަވެ ދެވަނަ ޑޯޒް ފުރިހަމަ ނުކުރާ 20،000 މީހުން އެބަތިބި ކަމަށް ހެލްތު މިނިސްޓްރީން ބުނެފި އެވެ.

ހެލްތު މިނިސްޓްރީން އެކަން ހާމަކުރީ ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން މިހާރު ކުރިއަށް ގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. ޝާހް އަބްދުﷲ މާހިރު އެވެ.

ވެކްސިން ޕްރޮގްރާމު ކުރިއަށްދާ ގޮތުގެ މައުލޫމާތު ހިއްސާކުރައްވަމުން ޝާހް ވިދާޅުވީ ވެކްސިންގެ ފުރަތަމަ ޑޯޒް އާބާދީގެ 70 ޕަސަންޓާ ގާތްކުރާ އަދަދަކަށް ޖަހާފައިވާ ކަމަށެވެ. އަދި ދެވަނަ ޑޯޒް ޖެހި 90،000 އަށް ވުރެ މީހުންނާ އެކު އާބާދީގެ 30 ޕަސަންޓާ ގާތްކުރާ އަދަދަކަށް ވެކްސިންގެ ދެވަނަ ޑޯޒް ޖަހާފައިވާ ކަމަށެވެ.

"ދުނިޔޭގެ ނިސްބަތުން ބަލާލި ކަމުގައިވިޔަސް ވެކްސިނޭޝަން ޕްރޮގްރާމުގައި އަޅުގަނޑުމެން އުޅެނީ ވަރަށް ކުރީގައި. މިއަދު އަޅުގަނޑު އެންމެ ފަހުގެ ޑޭޓާ އަށް ބަލާލިއިރު ގާތްގަނޑަކަށް ހަތްވަނައިގައި ދިވެހިރާއްޖެ ހުރީ ފަސްޓް ޑޯޒް ލިބުނު މީހުންގެ ތެރެއިން،" ވެކްސިން ޕްރޮގްރާމް ކާމިޔާބު ކަމާ އެކު ކުރިއަށްދާ ކަން ފާހަގަކުރައްވަމުން ވިދާޅުވި އެވެ.

ޝާހް ވިދާޅުވީ އިގްތިސޯދީ ހާލަތުން އަވަހަށް އަރައިގަތުމަށާއި ބައެއް ކަންކަމުގައި ގެއްލިފައިވާ މިނިވަންކަން އަލުން އަވަހަށް ހޯދުމަށް ވެކްސިން ޖެހުމަށް ހާއްސަ ސަމާލުކަމެއް ދޭން ޖެހޭ ކަމަށެވެ. ސަރުކާރުގެ އަމާޒަކީ ކައިރި މުސްތަގުބަލެއްގައި އާބާދީގެ 60-70 ޕަސަންޓާ ދެމެދުގެ އަދަދަކަށް ވެކްސިން ޖަހާ އިމިނިއުޓީ ލެވަލް މައްޗަށް ގެންދިއުމެވެ.

ވެކްސިން ޖެހުމަށް ހަމަޖައްސައިދޭ ގަޑިއަށް ހާޒިރުވެ ވެކްސިން ޖެހުމަށް ހާއްސަ ސަމާލު ކަމެއް ދިނުމަށްވެސް ޝާހް ވަނީ އިލްތިމާސް ކުރައްވާފަ އެވެ. ހާއްސަކޮށް ފައިޒާ ވެކްސިން ދިނުމަށް ހަމަޖެހިފައިވަނީ ވަކި ހާއްސަ ބަޔަކަށް ކަމަށްވެފައި ފައިޒާ ވެކްސިން ޖެހުމަށް ރަޖިސްޓްރީ ވެފައިވާ މީހުން ގަޑިއަށް ސަމާލުވުމަށް އެދިވަޑައިގެންނެވި އެވެ.

ފައިޒާ ވެކްސިނަކީ ވަކި ފިނިހޫނުމިނެއްގައި ގެންގުޅެންޖެހޭ ވެކްސިނެކެވެ. ފައިޒާ ވެކްސިންގެ ފުޅިއެއްގައި ހަ ޑޯޒް ހިމެނޭއިރު އެއް ޑޯޒް ފުރިހަމަ ކުރާތާ ހަގަޑިއިރުގެ ތެރޭގައި ބާކީ ހުރި ޑޯޒްތައް ފުރިހަމަ ކުރަންޖެހެ އެވެ.

"އެހެންކަމަށް ވާތީ އިންވިޓޭޝަނަށް ރަޖިސްޓަރ ކޮށްގެން ވަޑައިގަންނަވާ ބޭފުޅުން އެބޭފުޅުންނަށް އެ ލިބިފައިވާ ޓައިމް ފްރޭމް ތެރޭގައި އެޕޮއިންޓްމަންޓަށް ގަޑިއަށް ވަޑައިގެން ދެއްވުމަކީ އަޅުގަނޑުމެންގެ ވަރަށް ބޮޑު އެދުމެއް. ވޭތުވެދިޔަ ދެތިން ރެއަށް ބަލާލާއިރު 70 މީހުންނަށް އެޕޮއިންޓްމަންޓް ދީގެން ގާތްގަނޑަކަށް 30 އަކަށް 40 މީހަކު ގަޑިއަށް ވަޑައިގެންނެވީ،" ފައިޒާ ވެކްސިން ޖެހުމަށް ޝަރުތު ހަމަވާ މީހުން ގަޑިއަށް ސަމާލުވުމަށް އިލްތިމާސް ކުރައްވަމުން ވިދާޅުވި އެވެ.

ޝާހް ވިދާޅުވީ ވެކްސިން ޕްރޮގްރާމު ކުރިއަށް ދިޔަ ނަމަވެސް ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތަކަށް އަދިވެސް ވަރަށް ބޮޑަށް ސަމާލުވާން ޖެހޭ ކަމަށެވެ. އެގޮތުން އަތް ދޮވުމާއި، ގައިދުރުކުރުމާއި، މާސްކް އެޅުމަށް ހާއްސަ ސަމާލު ކަމެއް ދިނުމަށް އެދިވަޑައިގެންނެވި އެވެ.

ރާއްޖޭގެ ކޮވިޑް ވެކްސިން ޕްރޮގްރާމުގައި ބޭނުން ކުރާ ކޮންމެ ބްރޭންޑެއްގެ ވެކްސިނެއްވެސް ރައްޔިތުންނަށް ބޭނުންވާ ވަރަށް ލިބޭނެ ކަން ސަރުކާރުގެ ފަރާތުން ޝާހް ވަނީ ޔަގީންކޮށްދެއްވާފަ އެވެ. އަދި ރައްޔިތުންނަށް ކޮންމެހެން ބޭނުންވާ ބޭސްތައް ވެސް މަދު ނުވާ ވަރަށް އެބަހުރި ކަމަށާއ ޑަބްލިއުއެޗްއޯ އާއި ގުޅިގެން އިތުރަށް ބޭސް ހޯދަމުންދާ ކަމަށްވެސް ޝާހް ވަނީ ވިދާޅުވެފަ އެވެ.

ރާއްޖޭގެ ކޮވިޑް ވެކްސިން ޕްރޮގްރާމުގައި ބޭނުންކުރަނީ ތިން ވެކްސިނެކެވެ. އެގޮތުން އެންމެ ފުރަތަމަ ދޭން ފެށީ ކޮވިޝީލްޑް ވެކްސިނެވެ. އެއީ މިދިޔަ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހު އެވެ. ދެވަނައަށް ދޭން ފެށީ ޗައިނާގެ ސިނޮފާމް ވެކްސިނެވެ. އެ ވެކްސިން ދޭން ފެށީ މިދިޔަ މާޗް މަހުގެ 22 ވަނަ ދުވަހު އެވެ. ތިންވަނަ އަށް ދޭން ފެށީ ފައިޒާ-ބަޔޯންޓެކް ވެކްސިނެވެ. އެ ވެކްސިން ދޭން ފަށާފައިވަނީ މިމަހުގެ 11 ވަނަ ދުވަހު އެވެ. ކޮވިޑް ވެކްސިންގެ ދެވަނަ ޑޯޒް ރަސްމީކޮށް ދޭން ފެށީ މިމަހުގެ ތިންވަނަ ދުވަހު އެވެ.