ޣައްސާން މައުމޫން

"ޔާމީން ވެރިކަމަށް ގެނައުމުގެ މަަސައްކަތަށް ވަރުބަލި ވުމެއް ނެތް"

ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް، 2023 ވަނަ އަހަރު ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރުމުގައި ވަރުބަލިވުމެއް ނެތި ޕީޕީއެމް ސާބިތުވެ އޮންނާނެ ކަމަށް އެ ޕާޓީގެ ނާއިބު ރައީސް އަދި ރައީސް ޔާމީނަށް ބޮޑުބޭބެ ވިދާޅުވާ ގުރައިދޫ ދާއިރާގެ މެންބަރު މުހައްމަދު ޣައްސާން މައުމޫން ވިދާޅުވެެއްޖެ އެވެ.

2023 ވަނަ އަހަރު އޮންނަ ރިޔާސީ އިންތިހާބުގައި ކުރީގެ ރައީސް ޔާމީން ވާދަކުރައްވާނެ ކަމަށް އިދިކޮޅު ކޯލިޝަންގެ އިސް ބޭފުޅުން ގެންދަވަނީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ. އެމަނިކުފާނު މިހާރުވެސް ގެންދަވަނީ ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ. އެ ހުކުމް ބާތިލު ނުކޮށްފިނަމަ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތެއް ނޯންނާނެ އެވެ.

މާފުށީ ޖަލުގައި ތިބި ބައެެއް ގައިދީންނާއި ބައެއް އޮފިސަރުން ކޮވިޑަށް ޕޮޒިޓިވްވުމާއި ގުޅިގެން ޖަލުގައި ހުންނެވި ރައީސް އަބްދުﷲ ޔާމީން މިރޭ ވަނީ ވަގުތީ ގޮތުން ގޭ ބަންދަށް ބަދަލުކޮށްފައެވެ. އެކަމަށް އިޝާރާތް ކުރައްވާ ޣައްސާން ވިދާޅުވީ ރައީސް ޔާމީން ގެއަށް ބަދަލުކޮށް ދެއްވީތީ ދައުލަތުގެ އިދާރާތަކުގެ ވެރިންނަށް ޝުކުރު ދަންނަވާ ކަމަށެވެ.

ޣައްސާން ވިދާޅުވީ ރައީސް ޔާމީންގެ މައްޗަށް ކޮށްފައިވަނީ ނުހައްގު ހުކުމެއް ކަމަށެވެ. އަދި އެމަނިކުފާނު އެ ހުކުމުން ސަލާމަތްވެ 2023 ވަނަ އަހަރު އޮންނަ އިންތިހާބުގައި ވާދަކުރައްވާނެ ކަމަށެވެ.

"ރައީސް ޔާމީނަށް ހުކުމް ކޮށްފައިވަނީ ނުހައްގުން. އެމަނިކުފާނު މިނިވަންކޮށް 2023 ވަނަ އަހަރު ވެރިކަމަށް ގެނައުމުގެ މަސައްކަތުގައި ވަރުބަލިވުމެއް ނެތި ޕީޕީއެމް ސާބިތުވެ އޮންނާނެ،" ޣައްސާން ވިދާޅުވިއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ބުނީ ކ.މާފުށީ ގައި ހަލުވިކަމާއެކު ކޮވިޑް-19 ފެތުރެމުންދާ މިދަނޑިވަޅުގައި މާފުށީ ޖަލުގެ އޮފިސަރުން ޕޮޒިޓިވްވަމުންދާތީ އެޖަލުގައި ހުކުމް ތަންފީޒު ކުރައްވަމުން ގެންދެވި ކުރީގެ ރައީސް އަބްދުﷲ ޔާމީން މިރޭ ގެއަށް ބަދަލުކޮށްފައިވާ ކަމަށެވެ. އެމަނިކުފާނު ގެއަށް ބަދަލުކުރީ މިރޭގެ އިޝާ ވަގުތުގެ ކުރީންނެވެ.

ރައީސް ޔާމީން ވަގުތީ ގޮތުން ގޭ ބަންދަށް ބަދަލުކޮށްފައިވާއިރު ގޭ ބަންދުގައި ހުންނަވަން ވަކި މުއްދަތެއް ކަނޑައަޅާފައެއް ނުވެއެވެ.