ހަބަރު

ސިއްހީ މަރުކަޒުތަކަށް މިއަހަރު 300 މިލިއަން ރުފިޔާ ހޭދަވި: މިނިސްޓަރު

ސިއްހީ މަރުކަޒުތަކުގެ އިންފްރާސްޓްރަކްޗާ އާއި މަރާމާތުގެ މަސައްކަތްތަށް މިއަހަރުގެ ތެރޭގައި 312 މިލިއަނަށް ވުރެ ގިނަ ރުފިޔާ ސަރުކާރުން ހަރަދުކޮށްފައިވާ ކަމަށް ހެލްތު މިނިސްޓަރު އިރުތިޝާމް އާދަމް ވިދާޅުވެއްޖެ އެވެ.

ތިން ރަށެއްގެ ސިއްހީ މަރުކަޒުގެ މަރާމާތު މަސައްކަތް ދެ ކުންފުންޏަކާ ހަވާލުކުރުމަށް ހެލްތު މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މިނިސްޓަރު އިރުތިޝާމް ވިދާޅުވީ، ސަރުކާރުން މަސައްކަތްތައް ކުރިއަށް ގެންދަނީ ހީވެސް ނުކުރާހާ އަވަސް މިނެއްގައި ކަމަށާއި ތަރައްގީގެ މަސައްކަތަށް ހޭދަ ކުރުމުގައި ވަކި ދާއިރާއެއް މި ސަރުކާރުން އިސް ތިސްނާ ކޮށްފަ ނުވާ ކަމަށެވެ. އެގޮތުން ހެލްތު މިނިސްޓްރީން މިއަހަރުގެ މިހާތަނަށް ރަށްރަށުގެ ސިއްހީމަރުކަޒުގެ މަރާމާތާ އިންފްރާސްޓްރަކްޗަރުގެ މަސައްކަތްތަކަށް 312 މިލިއަން ހޭދަކޮށްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ މިއަހަރު ތެރޭގައި ހެލްތު މިނިސްޓްރީން 160 ޕްރޮޖެކްޓެއްގެ މަސައްކަތް ފެށި ކަމަށެވެ. އޭގެ ތެރެއިން 118 ޕްރޮޖެކްޓް މިހާތަނަށް ވަނީ ނިންމާފަ އެވެ. އަދި 42 ޕްރޮޖެކްޓެއްގެ މަސައްކަތް އަދިވެސް ކުރިއަށްދާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އެ މިނިސްޓްރީން މިއަދު ސޮއިކުރީ ކ. ގުރައިދޫ އާއި ގއ. ކަނޑުހުޅަދޫ ގެ އިތުރުން ހއ. އިހަވަންދޫގެ ތިން ހޮސްޕިޓަލެއްގެ މަރާމާތު މަސައްކަތެވެ. މި ޕްރޮޖެކްޓްގެ ދަށުން ގުރައިދޫގެ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ ވޯޑަކާއި ފާހާނަތައް މަރާމާތުކުރުމަށް، ސްޕޯޑް ކޮންސްޓްރަކްޝަނަށް ދެ މިލިއަން ރުފިޔާ ވަނީ ހަވާލުކޮށްފަ އެވެ.

އިހަވަންދޫ ހޮސްޕިޓަލުގެ މަރާމާތު މަސައްކަތަށް އެއް މިލިއަން، އަދި ކަނޑުހުޅަދޫ ހޮސްޕިޓަލް މަސައްކަތް އެއްމިލިއަން ރުފިޔާއަށް ހަވާލުކުރީ އައި އެސް އެފް ކޮންސްޓްރަކްޝަނާ އެވެ.