ލޯ ކުރިމަތީގައި އަމިއްލަ ދަރިފުޅު މަރުވާ މަންޒަރު ބަލަން އެއްވެސް މަޔަކަށް ކެތެއް ނުވާނެ އެވެ. އިންޑިޔާގައި ކޮވިޑް-19 އިގެ ބިޔަ ބޮޑު ރާޅެއް ބިންދާލައިގެން އުޅޭ މި ވަގުތު މިފަދަ ވަރަށް ގިނަ ހާދިސާތައް އެ ގައުމުގެ ރައްޔިތުންނާ ދަނީ ކުރިމަތިވަމުންނެވެ. ސިއްހީ އެހީތެރިކަން ނުލިބިގެންނާއި އޮކްސިޖަން ނުލިބިގެން އަދި ވެންޓިލޭޓަރަށް ލެވޭނެ ގޮތެއް ލޯބިވާ އެތައް ބަޔަކު މަރުވެގެންދާތަން ބަލަން މަޖްބޫރުވެފައިވާ އާއިލާތައް މިހާރު އެ ގައުމުގައި ވަރަށް ގިނަ އެވެ.
އަދި މަރުވިޔަސް އެ ހިސާބުން ވެސް އާއިލާގެ މީހުންގެ ހިތާމައާއި ތަކުލީފުތައް ކުޑައެއް ނުވެ އެވެ. މަރުވެފައިވާ މަސްގަނޑު ހިފައިގެން ދެން އެމީހުންނަށް ދުއްވަން ޖެހެނީ ޖަނާޒާގެ ކަންތައް ފުރިހަމަ ކުރެވޭނެ ގޮތެއް ހޯދާށެވެ. އިއްޒަތުގައި ޖަނާޒާ ކަންތައް ހަމަޖެއްސޭނެ ގޮތެއް ވެސް އެމީހުންނަކަށް ނެތެވެ.
ހިތް ދެރަ މީހެއް ނަމަ ހިތް ފަޅައިގެންދާ ވަރުގެ މިފަދަ އެއް ހާދިސާއެއް މީގެ ދެ ތިން ދުވަހެއް ކުރިން އުއްތަރު ޕްރަދޭޝްގެ ވަރަނާސީގައި ހިނގާފައި ވެއެވެ. މި ހާދިސާގައި މަރުވީ މަންމައެއްގެ ހުރި ހަމައެކަނި ދަރިފުޅެވެ. ކިޑްނީ ބައްޔަށް މާ ކުރިންސުރެ ފަރުވާ ހޯދަމުން ދިޔަ މި ދަރިފުޅު މަރުވީ އޭނާއަށް ބޭނުންވާ ސިއްހީ ޚިދުމަތް ހޯދޭނެ ގޮތެއް ނެތިގެންނެވެ.
އަމިއްލަ ދަރިފުޅުގެ ހާލު ގޯސްވަމުން ދިއުމުން އޭނާގެ މަންމަ އެއް ހޮސްޕިޓަލުން އަނެއް ހޮސްޕިޓަލަށް ކުއްޖާ ގޮވައިގެން ދުވަމުން ދިޔަ އެވެ. ނަމަވެސް އެއްވެސް ހޮސްޕިޓަލަކުން އޭނާގެ ދަރިފުޅަށް ފަރުވާ އެއް ލިބޭނެ ގޮތެއް ނުވެ މަންމަގެ ލޯ ކުރިމަތީގައި ކުއްޖާ މި ދުނިޔެ ދޫކުރީ އެވެ.
އެ ހިސާބުން އަންހެންމީހާ ދެން މަސައްކަތްކުރީ މަރުވެފައިވާ ދަރިފުޅުގެ ގަބުރުގެ ޖަނާޒާގެ ކަންތައް ފުރިހަމަކުރަން ގަބުރުއަންދާ ތަނަށް އެ ދަރިފުޅުގެ ގަބުރު ގެންދާށެވެ. ނަމަވެސް ދަރިފުޅުގެ ގަބުރު ގެންދާނެ އެމްބިއުލެންސެއް އަންހެންމީހާއަކަށް ނުލިބުނެވެ.
އަންހެންމީހާ އާއި ދަރިފުޅު ވިނޭ ސިންގް އަކީ ޖޯންޕޫރުގައި ދިރިއުޅޭ ދެމައިންނެވެ. ވަރަނާސީ އަށް އެމީހުން އައީ އެކަށީގެންވާ ފަރުވާއެއް އަމިއްލަ އަވަށުން ކުރެވޭނެ ގޮތެއް ނެތިގެންނެވެ. ނަމަވެސް އެއް ހޮސްޕިޓަލުން އަނެއް ހޮސްޕިޓަލަށް ދަރިފުޅު ގޮވައިގެން ދުވެ ދުވެފައި އުޅެނިކޮށް ދަރިފުޅުގެ ފުރާނަ ދިޔައީ އެވެ. އެވަރުން ވެސް އެމީހާގެ ތަކުލީފަށް ލުޔެއް ނުލިބުނެވެ. ދެން އޭނާ ދުވީ އެމްބިއުލެންސެއް ހޯދާށެވެ. އެންމެ ފަހުން އެކަންވެސް ކާމިޔާބު ނުވުމުން އީ-ރެކްޝާއެއްގެ ތިރީގައި ދަރިފުޅުގެ މަސްގަނޑު ބާއްވައިގެން ރިކްޝާގައި އެ މަންމަ ދަތުރުކުރާ ހިތްދަތި މަންޒަރުގެ ފޮޓޯތައް ސޯޝަލް މީޑިއާގައި މިހާރު ވައިރަލް ވެފައި ވެއެވެ.
މި ފޮޓޯތައް ފެނުނު މީހުން ބުނަނީ މިއީ ހިތްފަޅައިގެންދާވަރުގެ ހިތްދަތި މަންޒަރެއް ކަމަށެވެ. މަރުވެފައިވާ މަސްގަނޑު ރިކްޝާ ތެރޭ ބާއްވާފައި އޮތްއިރު އެއް އަތް އޮތީ ބިންމަތީގައި ކޭއްތި ކޭއްތި އެވެ. ނަމަވެސް އެ އަތް ވެސް ނެގޭނެ ފަދަ ގޮތެއް އެ މަންމައަކަށް ނުވި އެވެ.
ސޯޝަލް މީޑިއާ އިން މި މަންޒަރުތައް ބަލާފައި އުއްތަރު ޕްރަދޭޝްގެ މެޑިކަލް ފެސިލިޓީޒްތަކަށް ގިނަ ބައެއްގެ ރުޅިގަނޑު ބާލާފައި ވެއެވެ. ނަމަވެސް މީހުން ރުޅި އަޔަސް އެތަނަށް އެކަށީގެން ނުވާ ވަރަށް ބަލި މީހުން ދާނަމަ އެ ތަނުގައި ތިބޭ މީހުންނަށް ވެސް ކުރެވޭނެ މާ ބޮޑުކަމެއް ނޯންނާނެކަން އެއީ ގަބޫލުކުރަން ޖެހޭ ހަގީގަތެކެވެ. އުއްތަރު ޕްރަދޭޝް އަކީ އިންޑިޔާއަށް އަރާފައިވާ ކޮވިޑް ސުނާމީގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވާ އެ ސްޓޭޓެވެ.