ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ލައިފްސްޓައިލް

ޒުވާނަކަށް ހޮސްޕިޓަލު އެނދު ދިން 85 އަހަރުގެ މީހަކު މަރުވެއްޖެ

އިންޑިޔާގެ ނާގްޕޫރު ހޮސްޕިޓަލެއްގައި އެޑްމިޓްކޮށްފައި އޮތް 85 އަހަރުގެ މީހަކު އޭނާ އޮތް އެނދު 40 އަހަރުގެ މީހަކަށް ދީ އެ މީހާގެ ފުރާނަ ސަލާމަތް ކުރުމަށް އެހީތެރިވެދީފި އެވެ. އެންމެ ހިތާމަހުރި ކަމަކީ މިކަމުގެ ސަބަބުން ދުވަސްވީ މީހާ މަރުވީމަ އެވެ.

އެނދު ނުލިބިގެން ފަރުވާ ކުރެވޭނެ ގޮތެއް ނެތި އެތައް ބަޔަކު އެ ހޮސްޕިޓަލުގައި ތެޅި ފޮޅެމުންދިޔަ މަންޒަރު ބަލަން 85 އަހަރުގެ މީހާއަށް ކެތް ނުވީ އެވެ. އެހެންވެ އޭނާގެ އެނދުނު ޒުވާނަކަށް ދޭން އެމީހާ ނިންމީ އެވެ. ދުވަސްވީ މީހާއަށް ފަރުވާ ދިން ޑޮކްޓަރުން މިކަން މިހެން ނުކުރަން ދުވަސްވީ މީހާއަށް ވަރަށް ނަސޭހަތް ދިނެވެ. ނަމަވެސް އޭނާ ބުނީ 85 އަހަރު އޭނާއަށް ދުނިޔޭގައި ހުރެވިއްޖެ ކަމަށާއި އޭނާއަށް ވުރެ ހަގު މީހުންނަށް ދުނިޔޭގައި ހުރުމުގެ ފުރުސަތު މާ ހައްގު ކަމަކަށް ގަބޫލު ކުރާ ކަމަށެވެ.

ސާޅީހަކަށް އަހަރުގެ މީހާއަށް އެނދު ދީފައި ދުވަސްވީ މީހާ ގެއަށް ދިޔަތާ މާ ގިނަ ދުވަހެއް ނުވެ މިދިޔަ ހޯމަ ދުވަހު އެމީހާ ވަނީ މަރުވެފަ އެވެ.

ޓައިމްސް އޮފް އިންޑިއާގެ ރިޕޯޓެއްގައި ބުނެފައިވާ ގޮތުގައި ދަބަލްކާރް ނަމަކަށް ކިޔާ މި ފިރިހެންމީހާ ނާގްޕޫރުގެ އިންދިރާ ގާނދީ ގަވަންމަންޓް ހޮސްޕިޓަލުގައި އެޑްމިޓްކުރީ މި ހިނގާ އެޕްރީލް މަހުގެ 22 ވަނަ ދުވަހު އެވެ. އެމީހާ އެޑްމިޓްކުރީ ކޮވިޑް ޖެހި ނޭވާ ލާން ދަތިވެ އޮކްސިޖަން ލެވެލް ދަށް ވެގެންނެވެ. ނަމަވެސް ހޮސްޕިޓަލުގައި އެޑްމިޓްކުރިތާ މާ ގިނަ އިރެއް ނުވެ އޭނާ ވަނީ އަމިއްލައަށް އެދިގެން ޑިސްޗާޖްވެގެން ގެޔަށް ގޮއްސަ އެވެ.

އޭނާ މިހެން ކަންތައް ކުރީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައި އޮއްވާ އަންހެނަކު ރޮއިރޮއިފައި އޭނާގެ 40 އަހަރުގެ ފިރިމީހާ އެޑްމިޓްކޮށްދޭށޭ ކިޔާފައި ޑޮކްޓަރުންނާއި ނަރުހުންނަށް އާދޭސް ކުރާ މަންޒަރު ފެނިގެންނެވެ. އެ ދެމަފިރިންގެ ކުޑަ ދަރިންތައް ވެސް ރޮއިރޮއިފައި އާދޭސް ކުރާތަން ދުވަސްވީ މީހާއަށް ފެނުނެވެ. އެ ހޮސްޕިޓަލުގައި އެ ވަގުތު ހުސް އެނދެއް ނެތުމުން 40 އަހަރުގެ މީހާ އެޑްމިޓްކޮށް ފަރުވާ ދެވޭނެ ގޮތެއް ނެތިގެން ޑޮކްޓަރުން އުޅޭތަން ވެސް ދުވަސްވީ މީހާ ދުއްޓެވެ. އެހެންވެ އޭނާގެ އެނދު އެމީހާއަށް ދީފައި ދުވަސްވީ މީހާ ގެއަށް ދިޔައީ އެވެ.

"އަހަރެންނަށް މިހާރު މިއީ 85 އަހަރު. އަހަންނަށް ދުނިޔޭގައި އުޅެވިއްޖެ ދެން. އަހަންނަށް ވުރެ މާ ޅަ މީހެއްގެ ފުރާނަ ސަލާމަތްކުރުން މިވަގުތަށް މާ މުހިއްމު. އޭނާގެ ކުދިންތައް ވެސް އަދި ވަރަށް ކުޑަ. ހެޔޮނުވާނެ. އަހަރެންގެ އެނދު އޭނާއަށް ދީ،" ޑޮކްޓަރުން ކައިރީގައި 85 އަހަރުގެ މީހާ ބުނި ކަމަށް ވެއެވެ.

ޑޮކްޓަރުން ވަރަށް ބޮޑަށް ދެކޮޅު ހަދަނިކޮށް ދުވަސްވީ މީހާ ބަސް ގަބޫލުނުކޮށް ގެއަށް ދިޔައީ އެވެ. އަދި ގޭގައި އޮންނަތާ ތިން ވަނައަށް ވީ ދުވަހު އެމީހާ ވަނީ މަރުވެފަ އެވެ.

ދުވަސްވީ މީހާގެ ދަރިފުޅަކު ބުނި ގޮތުގައި އޭނާގެ ބައްޕަ ބޭނުންވީ ހަޔާތުގެ އެންމެ ފަހު ވަގުތުކޮޅު ހޮސްޕިޓަލުގެ އެނދެއްގައި ހޭދަކުރުމަށް ވުރެ ގޭގައި އަމިއްލަ ދަރިން ކައިރީގައި ހޭދަކުރާށެވެ. އަދި އޭނާއަށް ވުރެ 45 އަހަރު ޒުވާން މީހަކަށް ހޮސްޕިޓަލުގެ އެނދު ދީފައި ބައްޕަ އައީ ޒުވާނެއްގެ ފުރާނަ ސަލާމަތްކުރުމުގެ ފުރުސަތު ދެވުނީތީ އުފަލުން ކަމަށް ވެސް ދުވަސްވީ މީހާގެ ދަރިފުޅު ބުންޏެވެ.