ލައިފްސްޓައިލް

ވިހާއިރަށް ފަލަވާ ސަބަބު ސައިންސްވެރިން ބުނެދީފި

ބަލިވެ އިނދެ ވިހެއުމަށް ފަހު އަންހެންމީހާ ފަލަ ވުމަކީ އާންމުކޮށް ދިމާވާ ކަމެކެވެ. އަދި މިއީ ވަރަށް ބަހުސް ކުރެވޭ މައުލޫއެއް ވެސް މެއެވެ. ފަލަވެދާނެތީ ބިރުން ބައެއް މީހުން ދަރިން ހޯދަން ބޭނުން ނުވެގެން އުޅޭތަން ވެސް ބައެއް ފަހަރު ފެނެ އެވެ.

ނަމަވެސް ފަލަވެދާނެތީ ބަލިވެ ނީނދެ ފަރު ޖެއްސުމުގެ ބަދަލުގައި އެކަން އެގޮތަށް ދިމާވާ ސަބަބު ހޯދައި އެކަމުން ރައްކާތެރިކަން ހޯދުން މާ ބުއްދިވެރި އެވެ.

ވަރަށް ފަހުން ސައިންސްވެރިން ކޮށްފައިވާ ދިރާސާއެއް ބުނާ ގޮތުގައި ބަލިވެ އިނުމާ ގުޅިގެން ބަރުދަން އިތުރުވެ ފަލަވުމަކީ އެމީހާގެ ލައިފްސްޓައިލް ޗޮއިސްތަކާ ގުޅިފައިވާ ކަމެކެވެ. އެގޮތުން ބަލިވެ އިނދެގެން އުޅޭ ދުވަސްވަރު ކެއުމަށް އެއްވެސް ވަރަކަށް ސަމާލުކަން ނުދީ މާ ބޮޑަށް ބަރުދަން އިތުރުވެއްޖެނަމަ ވިހައިގެން ބަރުދަން ލުއި ކުރަން އުނދަގޫ ވާނެ އެވެ.

ވިހެއުމަށް ފަހު ނުހިކޭ އަނެއް ސަބަބަކީ ދަރިފުޅަށް ކާން ދީފައި ބާކީވާ އެތިކޮޅު ކާލުމުގެ އާދަ އެވެ. މިގޮތަށް ބޭނުން ނޫން މިންވަރަކަށް ދުވާލަކު އެތައް ފަހަރަކު ކައިބޮއި އުޅެވުމަކީ ބަރުދަން ލުއި ކުރަން އެޅޭ ހުރަހެކެވެ.

ދަރިން ލިބުމާ ގުޅިގެން ލައިފްސްޓައިލަށް އަންނަ ބަދަލަކީ ވެސް ފަލަވާން މެދުވެރިވާ ސަބަބެކެވެ. މިސާލަކަށް ކުދިން ބެލުމުގެ މަސްއޫލިއްޔަތު އަދާ ކުރަން ގޭގައި ހޭދަކުރާ ވަގުތުތަކުގައި ހެލިފެލިވެ އުޅުން މަދުވުމާއި ގިނައިން ޓީވީ ބެލުން ނުވަތަ ވާހަކަ ފޮތް ކިޔުން ފަދަ ކަންކަމުގައި ހޭދަ ކުރެވުން ހިމެނޭ ކަމަށް ސައިންސްވެރިން ބުނެ އެވެ.

އެމެރިކާގެ ޔުނިވަސިޓީ އޮފް މިޗިގަންގެ އެސޯސިއޭޓް ޕްރޮފެސަރު އޮލްގާ ޔަކުޝޭވާ ހެދި މިފަހަރުގެ ދިރާސާގައި ބަލާފައިވަނީ ދަރިން ލިބިފައިވާ މީހުންނާއި ނުލިބޭ މީހުންގެ ބަރުދަނަށް އަޅާ ކިޔާފައި ނުކުތް ނަތީޖާ އަށެވެ.

އެއް ފަހަރު ނުވަތަ ގިނަ ވެގެން ހަތަރު ފަހަރު ވިހާފައިވާ 30،000 އަންހެނަކު މި ދިރާސާގައި ބައިވެރިކޮށްފައި ވެއެވެ. ސައިންސްވެރިންނަށް ހޯދުނު ގޮތުގައި މީގެ ތެރެއިން ގިނަ އަންހެނުންނަށް އެމީހުންނަށް ދަރިއަކު ނުލިބޭއިރު ހުރި ބަރުދަނަށް އަނބުރާ ދެވިފައެއް ނެތެވެ.

ނަމަވެސް ފުރަތަމަ ދަރިފުޅު ވިހޭތާ 1-2 އަހަރު ފަހުން އެމީހުންގެ ބަރުދަން ހުރި މިންވަރަކީ އެ މުއްދަތުގައި އެ މީހުން ދަރިއަކު ނުވިހޭ ނަމަވެސް ހުންނާނެ ކަމަށް ލަފާ ކުރެވޭ ބަރުދަން ކަން ސައިންސްވެރިން ފާހަގަކުރި އެވެ. މީގެ މާނައަކީ ގިނަ މީހުން ފަލަވާން ފަށަނީ ވިހާތާ ދެ އަހަރެއްހާ ދުވަސް ފަހުން ކަމެވެ. ދަރިން ނުވާ މީހުންނަށް ވުރެ ދަރިން ވިހޭ މީހުން މާ ފަލަވެއްޖެ ކަމުގެ އިހްސާސް މަންމައިންނަށް ކުރެވެން ފަށާނީ ދަރިފުޅު ހިނގާ ބިނގާވެ އުޅޭ އުމުރަށް އެޅީމަ އެވެ.

އުމުރުން ދުވަސްވާ ވަރަކަށް އަންހެނުންގެ ބަރުދަން އިތުރުވެ އެވެ. އެގޮތުން ކޮންމެ އަހަރަކު އެވްރެޖްކޮށް އަންހެނެއްގެ ބަރުދަނަށް 1.94 ޕައުންޑް އިތުރުވާނެ ކަމަށް ސައިންސްވެރިންގެ ހޯދުންތަކުން ދައްކަ އެވެ. ނަމަވެސް ވިހައިގެން ކުދި ދަރިން ގޮވައިގެން އުޅޭ މީހުންގެ ބަރުދަނަށް މި 1.94 ގެ އިތުރުން ވެސް ކޮންމެ އަހަރަކު ޕައުންޑެއް ވަރު އިތުރުވަމުން ދެއެވެ.

ގިނަ މަންމައިންގެ ބަރުދަން އިތުރުވާ ސަބަބަކީ ލައިފްސްޓައިލްކަމަށް ސައިންސްވެރިން ޔަގީން ކުރެ އެވެ.

"ދަރިން ލިބުމަށްފަހު މަންމައިން އެމީހުންގެ އަމިއްލަ ހަށިގަނޑަށް އަދި ސިއްހަތަށް ސަމާލުކަމެއް ނުދޭނެ. ކަސްރަތުކޮށް ރަނގަޅު ކާނާ ކާކަށް ނުވިސްނާނެ. އަބަދުވެސް އުޅޭނީ ދަރިންގެ ކަންކަން ނުކޮށްދެވިގެން،" ޕްރޮފެސަރު ވިދާޅުވި އެވެ.

ދަރިން ގެންގުޅޭއިރު މަންމައިންނަށް ކުރެވެނީ ވަރަށް ކުދިކުދި އާދައިގެ ކަންކަމަށް ވިޔަސް އޭގެ ނޭދެވޭ އަސަރު ކުރަނީ ހީވެސް ނުކުރާ ގޮތަކަށެވެ.

"މިސާލާކަށް ދަރިފުޅަށް ކާންދީފައި ބާކީ ހުންނަ އެތިކޮޅު ކާލުން. ދަރިފުޅަށް ފޮތް ކިޔައިދޭން ގިނަ ވަގުތު ސޯފާގައި ދަރިފުޅު ގޮވައިގެން އިށީނދެ އިނުން. ނުވަތަ ދަރިފުޅު ޓީވީ ބަލާ ގަޑީގައި ދަރިފުޅާއެކު ޓީވީ ބަލަން އިނުން. މިފަދަ ކޮންމެ ކަމަކުން ވެސް އަންހެންމީހާގެ ހަށިގަނޑަށް ނޭދެވޭ އަސަރުތައް ކުރާނެ،" މިފަހަރުގެ ދިރާސާގެ އަލީގައި ސައިންސްވެރިޔާ ބުންޏެވެ.

ބައެއް އަންހެނުން ވަރަށް ހިތްވަރުކޮށްފައި ޑައެޓްކުރާށާއި ކަސްރަތުކުރަން ވެސް މަސައްކަތް ފަށާނެ އެވެ. ނަމަވެސް މާ އަވަހަށް އެކަށީގެންވާ ރަނގަޅު ނަތީޖާއެއް ނުފެންނާތީ ހިތްވަރު އެލޭގޮތްވެގެން އެކަންކަން ކުރުން ހުއްޓާލެވެނީ އެވެ.

"އެންމެ ރަނގަޅު ގޮތަކީ ބަލިވެ އިނުމާއި އަދި ވިހެއުމަށް ފަހު ވެސް މިކަންކަމަށް ފަރުވާތެރިކަން ބަހައްޓައިގެން އުޅުން. ސިއްހަތު ރަނގަޅު ދިރިއުޅުމެއް އަބަދުވެސް އުޅެން ފަރިތަކުރުން. ދުވަސްކޮޅަކު ޑައިޓްކޮށްފައި ހުއްޓާލާފައި ދުވަސްކޮޅަކު ކަސްރަތުކޮށްފައި ހުއްޓާލުމުގެ ބަދަލުގައި ގިނަ ޒަމާން ތަކަކަށް އެކަން އެގޮތަށް ކުރަމުން ގެންދެވޭނެ ގޮތަކަށް ދިރިއުޅުން ރާވާލުން،" ސައިންސްވެރިޔާ ބުންޏެވެ.

އަންހެނުން އުފެދިފައި ހުންނަ ގޮތުން އެ މީހުންގެ އުމުރުން ދުވަސްވާ ވަރަކަށް ވެސް ބަރުދަނަށް ބަދަލުތައް އަންނާނެ އެވެ. ވީމާ އެންމެ ރަނގަޅު ގޮތަކީ ދިރިއުޅުމުގެ ލައިފްސްޓައިލް ބަދަލުކޮށްލުމެވެ. ފައިދާ ހުރި ކާނާ ވަކި ގަޑި ގަޑީގައި ކެއުމާއި ކަސްރަތުކުރުމަށް ސަމާލުކަން ދިނުނެވެ. އަދި އިށީނދެ އިންނަ ވަގުތު މަދުކުރުމާއި ހެލިފެލިވެ އުޅެވޭ ކަހަލަ ގޮތަކަށް ދިރިއުޅުން ބައްޓަން ކުރުމެވެ. އަބަދު ކާ އެއްޗެތި އަނގަޔަށް ލުމުގެ ބަދަލުގައި ކާ ގަޑިތަކުގައި އެކަނި ފައިދާހުރި ކާނާއެއް އެކަށީގެންވާ މަދު މިންވަރަކަށް ކެއުމެވެ.