އޭ ލެވެލް އިމްތިހާނުގެ ބައެއް ޕޭޕަރުތައް ލީކުވެއްޖެ އެވެ.
މިހާރު ކުރިއަށްދާ އިމްތިހާނުގެ ދެތިން ހަތަރު މާއްދާއެއްގެ ޕޭޕަރުތައް ވަނީ ލީކުވެފަ އެވެ. އޭގެ ތެރޭގައި ބަޔޮލޮޖީ ޔުނިޓް ފަހެއްގެ ޕޭޕަރާއި ކެމިސްޓްރީ ޕޭޕަރުތަކެއްގެ އިތުރުން ފިޒިކްސް ޕޭޕަރު ވެސް ހިމެނެ އެވެ.
އެކަމާއި ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީން ބުނީ އޭ ލެވެލް އިމްތިހާނުގެ ބައެއް ޕޭޕަރުތައް ލީކުވެފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާ ނަމަވެސް އެއީ ރާއްޖެއިން ނޫން ކަމަށެވެ. ރާއްޖޭގައި އޭ ލެވެލް އިމްތިހާނުގެ ކަރުދާސްތައް ރައްކާތެރި ކަމާއެކު ބަލަހައްޓަމުންދާ ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.
އަދި މިހާތަނަށް ބެލި ބެލިމުން ޕޭޕަރުތައް ލީކުވެފައިވަނީ އެހެން ގައުމަކުން ކަމަށާ އެކަމާއި ގުޅިގެން ބަލަަން ޖެހޭ ކަންކަމާއި އަޅަން ޖެހޭ ފިޔަވަޅުތައް އެޑިއުކޭޝަނުން އަޅާނެ ކަމަށެވެ.
އޭ ލެވެލް އިމްތިހާނުގެ ލީކުވި ޕޭޕަރުތައް ވަނީ ވައިރަލްވެފައެވެ. އަދި އެ ޕޭޕަރުތަކާއިމެދު ދަރިވަރުން އެކި ވާހަކަތައް ހިއްސާކޮށްފައިވާ ޗެޓް ލޮގްތަކެއްވެސް ދަނީ ދައުރުވަމުންނެވެ. ސުކޫލުތަކުގެ ޓީޗަރުން ވެސް ވަނީ އޭ ލެވެލް އިމްތިހާނުގެ ބައެއް ޕޭޕަރުތައް ލީކުވެފައިވާ ކަން ޔަގީން ކޮށްދީފައެވެ.