އޭ ލެވެލް

ރާއްޖެއިން އޭ ލެވެލް އިމްތިހާނު ކެންސަލްކޮށްފި

May 3, 2021

އޭ ލެވެލް އިމްތިހާނުގެ ގިނަ މާއްދާތަކެއްގެ ޕޭޕަރު ލީކުވެފައިވާތީ މިހާރު ކުރިއަށްދާ އޭ ލެވެލް އިމްތިހާނު ކެންސަލްކޮށްފި އެވެ.

އެކަން ހާމަކޮށްފައިވަނީ އެޑިއުކޭޝަން މިނިސްޓްރީގައި މިއަދު ހަވީރު އޮތް ނޫސްވެރިންގެ ބައްދަލްވުމެއްގައެވެ. މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވީ މިހާރު ކުރިއަށްދާ އޭ ލެވެލް އިމްތިހާނު މާދަމާއިން ފެށިގެން ކުރިއަށް ނުގެންދާނެ ކަމަށެވެ.

މިދިޔަ މަހުގެ 26 ވަނަ ދުވަހު ފެށި އިމްތިހާނާ ގުޅޭގޮތުން މިނިސްޓަރު ވިދާޅުވީ އެންމެ ފުރަތަމަ ޕޭޕަރެއް ލީކުވިކަން އެނގުނީ މިދިޔަ ބުރާސްފަތި ދުވަހު ކަމަށާ ނަމަވެސް ޕޭޕަރު ލީކުވުމުން އެޑެކްސެލްއާއެކު މަޝްވަރާކޮށްފައިވާ ކަމަށެވެ. އެ މަޝްވަރާތަކުގައި އެޑެކްސެލްއިން ލީކުވެފައިވަނީ އަސްލު ޕޭޕަރުތައްތޯ ޔަގީން ކުރަން ބޭނުންވި ކަަމަށެވެ. އަދި އެކަން ޔަގީންކޮށް އެޑެކްސެލްއިން އެ މައުލޫމާތު ދިނީ އިއްޔެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މިނިސްޓަރު ވިދާޅުވީ ޖަވާބު އައުން ލަސްވީ ބަންދު ދުވަސްތަކަކާ ދިމާވުމުން ކަމަށެވެ.

"އިއްޔެ އެ ބޭފުޅުން [އެޑްކްސެލް] އިން އެންގީ ދެ ޕޭޕަރެއް ލީކުވެއްޖޭ، ދެން އިތުރު ޕޭޕަރެއް ލީކެއް ނުވާނޭ. އެއީ އެ ބޭފުޅުންނަށް މި ލީކުވާ ގޮތް ފާހަގަކުރެވިގެން ދެން އިތުރަށް ޕޭޕަރެއް ލީކުނުވާނެ ކަމުގެ ޔަގީންކަން އޮތީ އަޅުގަނޑުމެންނަށް ދީފައި. ނަމަވެސް މިއަދު ހެނދުނު، މިއަދު މެންދުރު އެ ހެދި ޕޭޕަރު މިއަދު ހެނދުނު އަޅުގަނޑުމެންނަށްވެސް ލިބިއްޖެ،" މިނިސްޓަރު ވިދާޅުވިއެވެ.

އިމްތިހާނު ކެންސަލް ކުރުމުން މިހާރު ކިޔަވަމުންދާ ދަރިވަރުންނަށް ދެ ހުށައެޅުމެއް ދިނުމަށް ވަނީ ނިންމާފައެވެ. މިނިސްޓަރު ވިދާޅުވީ މިހާރު ހަދަން ފެށި އިމްތިހާނު ވީހާވެސް އަވަހަށް ނިންމަން ބޭނުންވާ ދަރިވަރުން އެބަތިބި ކަމަށާ އަދި އިންތިހާބު އޮކްޓޫބަރު/ނޮވެންބަރަށް ފަސްކުރަން ބޭނުންވާ ދަރިވަރުންވެސް އެބަތިބި ކަމަށެވެ.

އެ ފުރުސަތު ދީފައިވާކަން ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ އިމްތިހާނު އަވަހަށް ނިންމަން ބޭނުންވާ ދަރިވަރުންނަށް އޮތް ފުރުސަތަކާ ގުޅޭގޮތުން އެޑްކްސެލްއާ އެކު ކުރެވުނު މަޝްވަރާތަކުން އެޑްކްސެލްއިން ދެ ގޮތެއް ދީފައިވާ ކަމަށެވެ.

"މިގޮތަށް ޕޭޕަރު ލީކުވީމަ މި އެގްޒާމްގެ ޑްރެޑިބިލިޓީ މިހާރު ގެއްލިއްޖެ. އެހެންވީމަ އެ ކުދިންނަށް ހޯދާދެވޭނީ ކޮން އޮޕްޝަންއެއްތޯ ބެލިއިރު އަޅުގަނޑުމެންނަށް ދެވެން މި އޮތީ ޓީޗާ ބޭސް އެސެސްމަންޓަކަށް ދިއުން،" މިނިސްޓަރު ވިދާޅުވިއެވެ.

ނަމަވެސް ޓީޗާ ބޭސް އެސެސްމަންޓަށް ރައީސްގެ ސްކޮލަޝިޕެއް ނުލިބޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.