މިހާރު ކުރިއަށްދާ އޭ ލެވެލް އިމްތިހާނުގެ ބައެއް ޕޭޕަރުތައް ލީކުވީނަމަވެސް އެޑެކްސެލް އިން ވަކި ގޮތަކަށް އަމަލު ކުރަން އަންގަންދެން ތާވަލު ކުރެވިފައިވާ ގޮތަށް އޭ ލެވެލް އިމްތިހާނު ކުރިއަށް ގެންދާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.
މިހާރު ކުރިއަށްދާ އިމްތިހާނުގެ ދެތިން ހަތަރު މާއްދާއެއްގެ ޕޭޕަރުތައް ވަނީ ލީކުވެފަ އެވެ. އޭގެ ތެރޭގައި ބަޔޮލޮޖީ ޔުނިޓް ފަހެއްގެ ޕޭޕަރާއި ކެމިސްޓްރީ ޕޭޕަރުތަކެއްގެ އިތުރުން ފިޒިކްސް ޕޭޕަރު ވެސް ހިމެނެ އެވެ.
އެކަމާއި ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީން ބުނީ ދެންމެ ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ އިމްތިހާނުގެ ސުވާލު ކަރުދާސްތައް ރައްކާތެރިކަމާއެކު ބެލެހެއްޓުމާއި ސުވާލު ކަރުދާސްތަކުގެ ރައްކާތެރިކަމަށްޓަކައި އެޅިފައި ހުރި ފިޔަވަޅުތައް ހަމަޖެހިފައިވާ އުސޫލުތަކާއި އެއްގޮތަށް ރާއްޖޭގެ ސުކޫލުތަކުހައި ކުރިއަށްދާ ކަމަށެވެ. އަދި އޭލެވެލްގެ ސުވާލު ކަރުދާހެއް ރާއްޖޭހެ އެއްވެސް ސެންޓަރަކުން ލީކުވެފައި ނުވާ ކަމަށެވެ.
".. ނަމަވެސް މި އިމްތިހާނުގެ ބައެއް ސުވާލު ކަރުދާސްތައް ރާއްޖެއިން ބޭރުގެ ބައެއް އޮންލައިން ޕްލެޓްފޯމްތަކުން ލީކުކުރަމުންދާ ކަމަށް ދެކެވޭ ވާހަކަޔާ ގުޅޭގޮތުން ދަންނަވަމެވެ. މިފަދަ މައުލޫމާތުތަކެއް ލިބެމުން ދިއުމާއި ގުޅިގެން އެޑެކްސެލް އިން މި މައްސަލަ ބަލަމުން އެބަ ދެއެވެ. މިކަމާއި ގުޅިގެން އެހެން ގޮތަކަށް އަމަލު ކުރުމަށް އެޑެކްސެލްއިން އަންގަންދެން މިހާރު ތާވަލު ކުރެވިފައިވާ ގޮތަށް ދިވެހިރާއްޖޭގައި އޭ ލެވެލް އިމްތިހާނު ކުރިއަށްދާނެ ކަމުގައި ދެންނެވީމެވެ،" އެޑިއުކޭޝަންގެ ބަޔާނުގައިވެއެވެ.