މިއުޒިކް

ޖޯން ލެނޮންގެ އެކޯސްޓިކް ގިޓައެއް 2.4 މިލިއަން ޑޮލަރަށް ވިކިއްޖެ

މިއުޒިކްގެ ދުނިޔެ ހޭލައްވާލި ކުރީގެ ބޭންޑް "ދަ ބީޓްލްސް" ގެ އެއް ފައުންޑާ އަދި ބޭންޑްގެ އެންމެ މުހިންމު އެއް ލަވަކިޔުންތެރިޔާ ކަމަށްވާ ޖޯން ލެނޮންގެ އެކޯސްޓިކް ގިޓައެއް އެމެރިކާގެ ކެލިފޯނިއާގެ ނީލަމެއްގައި 2.4 މިލިއަން ޑޮލަރަށް މިއަދު ވިއްކާލައިފި އެވެ.

ވިއްކާލި ގިޓާ އަކީ ގިބްސަން ޖޭ-160އީ މަރުކާގެ ގިޓާއެކެވެ. މިއީ ބީޓްލްސްއާ އެކު ރިކޯޑްކޮށްފައިވާ ގިނަ ލަވަތަކެއްގެ މަސައްކަތުގައި ލެނޮން ބޭނުންކުރި ގިޓައެކެވެ. އެގޮތުން މި ގިޓާ ބޭނުންކޮށްގެން ލެނޮން ރިކޯޑްކޮށްފައިވާ މަޝްހޫރު ލަވަތަކުގެ ތެރެއިން "ލަވް މީ ޑޫ" އާއި "އައި ވޯންޓް ޓު ހޯލްޑް ޔުއާ ހޭންޑް" ފާހަގަކޮށްލެވެ އެވެ.

މީގެ އިތުރުން ފާހަގަކޮށްލަން ޖެހޭ އަނެއް ކަމަކީ މި ގިޓާއަކީ އެމެރިކާ އިން އުފައްދައިގެން އޭރު އިންގްލޭންޑަށް އެތެރެކުރި މި ވައްތަރުގެ ދެ ގިޓާގެ ތެރެއިން އެއް ގިޓާ ކަމެވެ. މީގެ އަނެއް ގިޓާ އަކީ ބީޓްލްސްގެ އަނެއް މެމްބަރު ޖޯޖް ހެރިސަސް އަށް ނިސްބަތްވާ އާލާތެކެވެ.

ލެނޮން އޭނާގެ މި ގިޓާ ބޭނުންކޮށްފައި ވަނީ އަހަރު ދުވަހަށެވެ. އެއަށް ފަހު ހެރިސަންގެ ގިޓާއާ ބަދަލުކުރީ އެވެ. އެއަށް ފަހު އެ ގިޓާ ގެއްލުނީ އެވެ.

އެއަށް ފަހު ލެނޮންގެ މި ގިޓާ ފެނިފައި ވަނީ ގެއްލުނުތާ 50 އަހަރު ފަހުން މިދިޔަ އަހަރު ކެލިފޯނިއާގެ މީހެއްގެ އަތުންނެވެ. އެސޯސިއޭޓެޑް ޕްރެސް އިން ބުނެފައި ވަނީ ކެލިފޯނިއާގެ ރައްޔިތެއް ކަމުގައިވާ ޖޯން މެކްކޯ މި ގިޓާ ގަނެފައި ވަނީ 1960ގެ އަހަރުތަކުގައި 275 ޑޮލަރަށް ކަމަށެވެ.

އެހެން ނަމަވެސް އޭނާ އަށް ވެސް މިއޮތްހާ ދުވަހު އޮތީ މި ގިޓާއާ ބެހޭ މައުލޫމާތު އަދި މިއީ ލެނޮން އަށް ނިސްބަތްވާ ގިޓާއެއްކަން ނޭނގި އެވެ. މިއީ އެ ގިޓާކަން އޭނާ އަށް އެނގުނީ މެގަޒިން އާޓިކަލްއެއްގައި ޖަހާފައި ހުރި ފޮޓޯއަކުން ލެނޮންގެ ގިޓާ ފެނިގެންނެވެ.

ނީލަމުގައި 2.4 މިލިއަން ޑޮލަރަށް ވިއްކާލި ގިޓާ އަކީ ލެނޮންގެ އޮރިޖިނަލް ގިޓާކަން ސާބިތުކޮށްފައި ވަނީ ބީޓްލްސްގެ އިންސްޓްރުމެންޓް އެކްސްޕާޓެއް ކަމުގައިވާ އޭންޑީ ބާބިއުކް އެވެ.

ލެނޮން އަކީ އިނގިރޭސި ވިލާތުގެ ރޮކް ބޭންޑް "ބީޓްލްސް" ގެ އެންމެ މަޝްހޫރު އެއް މެމްބަރެވެ. ޕޯލް މެކާޓްނީއާ ގުޅިގެން އޭނާ "ދަ ބީޓްލްސް" އުފެއްދީ 1960 ވަނަ އަހަރު އެވެ. އެއަށް ފަހު ޖޯޖު ހެރިސަން އާއި ރިންގޯ ސްޓާއާ އެކު މި ބޭންޑް ތާރީޚުގެ ތެރެއަށް ވަދެގެން ގޮސްފައި ވަނީ މިއުޒިކްގެ ދުނިޔެ ދުށް އެންމެ ކާމިޔާބު އަދި އެންމެ ނުފޫޒުގަދަ ބޭންޑްގެ ގޮތުގަ އެވެ.

ބޭންޑާ އެކު މަޝްހޫރު އަދި ކާމިޔާބު ލަވަތަކެއް ލެނޮން ރިކޯޑްކޮށްފައިވާއިރު އޭނާގެ ސޯލޯ ކެރިއަރު ވެސް ވަރަށް ކާމިޔާބެވެ. އެގޮތުން "ގިވް ޕީސް އަ ޗާންސް" އާއި "ވޯކިން ކްލާސް ހީރޯ" އަދި އެންމެ މަޝްހޫރު "އިމޭޖިން" ފަދަ ލަވަތަކަކީ މިއަދު ވެސް އޭގެ ހިތްގައިމުކަން ފަނޑުވުމެއް ނެތް ލަވަތަކެވެ.

މިއުޒިކް އުފެއްދުމާއި ލަވަކިޔުމާއި ލަވަލިޔުމުގެ ހުނަރުވެރިކަމާ އެކު މިއުޒިކްގެ ދުނިޔެ ފަތަހަކުރި ލެނޮން އަކީ ދުނިޔޭގެ ސުލްހަޔަށް އަމާޒުކޮށް ގިނަ ލަވަތަކެއް އުފެއްދި ފަންނާނެކެވެ.

ލެނޮންގެ މިއުޒިކް ކެރިއަރާ އެކު އޭނާގެ ހަޔާތް ނިމުމަކަށް އައީ ބަޑީގެ ހަމަލާތަކެއްގައި 1980 ވަނަ އަހަރު އޭނާ މަރާލުމުންނެވެ. އޭނާ މަރާލި މާކް ޑޭވިޑް ޗެޕްމަން ވީ އަދިވެސް ޖަލުގަ އެވެ.