ލައިފްސްޓައިލް

ލަވަކިޔުންތެރިއެއްގެ ނިތްކުރީގައި 24 މިލިއަން ޑޮލަރުގެ އަލިމަހެއް އިންދައިފި

މާ ގިނައިން ފައިސާ ލިބުމަކީ ވެސް ބައެއް އިންސާނުންނަށް ހަދާނެ ނަހަދާނެ ގޮތް އޮޅޭ ކަމެކެވެ. އެމެރިކާގެ ރެޕް ލަވަކިޔުންތެރިޔާ ސީމެއާ ބައިސިލް ވުޑްސް އަށް ވެސް ވެގެން އުޅެނީ މި ކަހަލަ ގޮތެއް ކަމަށް ލަފާ ކުރެވެ އެވެ.

ޕްރޮފެޝަނަލް ގޮތުން ލިލް އުޒީ ވާޓްގެ ނަމުން މަޝްހޫރުވެފައިވާ މިމީހާގެ ނިތްކުރީގައި ފިޔާތޮށި ކުލައިގެ އަލިމަހެއް މިހާރު ވަނީ އިމްޕްލާންޓް ކޮށްފަ އެވެ. މިއީ އާދައިގެ އަލިމަހެއް ނޫނެވެ. މި އަލިމަހުގެ އަގު 24 މިލިއަން ޑޮލަރަށް އަރައެވެ.

ދިރިއުޅުމުގައި އާދަޔާހިލާފު ގޮތްތަކެއް ގެންގުޅޭ މީހެއްގެ ގޮތުގައި މަޝްހޫރުވެފައިވާ 26 އަހަރުގެ މި ޒުވާން ލަވަކިޔުންތެރިޔާ ނިތްކުރީގައި މި އަލިމަސް އިންދުމަށް ފަހު މޫނުގެ ފޮޓޯތަކެއް އޭނާ ސޯޝަލް މީޑިއާގައި ޝެއާ ކޮށްފައި ވެއެވެ.

ފެބްރުއަރީ 3، 2021 ގައި އޭނާ ޝެއާ ކުރި މި ވީޑީއޯގައި އޭނާގެ ނިތްކުރީގައި އިންދާފައިވާ ޑައިމަންޑް ރީއްޗަށް ފެންނަން އިނެވެ. މި ވީޑިއޯގެ ކެޕްޝަނަކަށް އޭނާ ޖަހާފައި ވަނީ "ބިއުޓީ އިޒް ޕެއިން" -- ރީތިވާން ކުރާ މަސައްކަތަކީ ވެސް ވޭންހުރި ކަމެއް -- ކަމަށެވެ.

ނިތްކުރީގައި ޕިންކް ޑައިމަންޑެއް އިމްޕްލާންޓް ކުރާކަން ލަވަކިޔުންތެރިޔާ ފުރަތަމަ އިއުލާންކުރީ މިދިޔަ ޖެނުއަރީ 30 ވަނަ ދުވަހު ކުރި ޓުވީޓެއްގަ އެވެ. އެ ޓުވީޓުގައި އޭނާ ބުނެފައިވާ ގޮތުގައި މި ޑައިމަންޑަށް އޭނާ ފައިސާ ދައްކަނީ 2017 އިން ފެށިގެންނެވެ. އަދި މީގެ އަގަކީ 24 މިލިއަން ޑޮލަރު ކަމަށާއި މިއީ 10 ނުވަތަ ގާތްގަނޑަކަށް 11 ކެރެޓްގެ ޑައިމެންޑެއް ކަމަށެވެ.

ދުނިޔެއަށް މަޝްހޫރު އީލިއަޓް ބްރޭންޑުގެ މި ޑައިމަންޑް ނިތްކުރީގައި އިންދި ލަވަކިޔުންތެރިޔާ ލިލް އުޒީ ވާޓްގެ މުއްސަނދިކަމުގެ މިންވަރަކީ 16 މިލިއަން ޑޮލަރު ކަމަށް އިންޓަނެޓު ސައިޓުތަކުގައިވާ މައުލޫމާތުތަކުގައި ވެއެވެ.

ލިލް އުޒީ ވާޓް ކުރި މި އަޖައިބެއް ފަދަ ކަންތަކުން އޭނާގެ 14 މިލިއަނަށް ވުރެ ގިނަ ފޭނުން ތިބީ ވަރަށް ކަންބޮޑުވެފަ އެވެ. އަދި ބައެއް މީހުން ސޯޝަލް މިޑިއާގައި އޭނާއަށް ވަރަށް މަލާމާތް ވެސް ކޮށްފައި ވެއެވެ. އޭނާއަށް ޖޯކް ޖަހައި ވަރަށް މަޖާ މީމްސް ވެސް މީހުން ޝެއާ ކޮށްފައި ވެއެވެ.