ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

އިންޑިއާ: މިސްކިތް، މަދަރުސާތައް ކޮވިޑް ސެންޓަރުތަކަށް

އިންޑިއާގެ އެކި އަވަށްތަކުގައި މުސްލިމުން އަޅުކަންކުރާ މިސްކިތްތަކާއި މުސްލިމް ސްކޫލްތައް ކޮވިޑަށް ފަރުވަދޭ މަރުކަޒުތަކަށް ބަދަލު ކުރަނީ އެވެ.

އިންޑިއާގައި ކޮވިޑްގެ ހާލަތު އޮތީ އަތުނުޖެހޭ ހިސާބުގަ އެވެ. ބަލިމީހަކު ބާއްވާލާނެ އެނދެއް ބޯ ހިޔާ ކޮށްލާނެ ފުރާޅެއް ނެތި މަގުމަތިވެފައި ކިތަންމެ ބައެކެވެ. އެޕްރީލް 22 ފެށިގެން ދުވާލަކު ކޮވިޑްޖެހޭ އަދަދު 300،000 ވަނީ ފަހަނައަޅާފަ އެވެ. މިހާ ގިނަ ބަޔަކަށް އެއްފަހަރާ ފަރުވާ ދިނުމަށް ސިއްހީ ނިޒާމް ކުޅެދުންތެރިއެއް ނޫނެވެ.

މި ހަމަނުޖެހުން ތަކުގައި މުސްލިމް ޖަމާއަތްތަކުން އަންނަނީ ބަލި މީހުންނަށް އެހީތެރިކަން ފޯރު ކޮށް ދެވޭނެ ގޮތްތައް ރާވައި ހިންގަމުންނެވެ. މިސްކިތްތަކާއި ސްކޫލްތައް ފަރުވާދޭ ސިއްހީ ވޯޑްތަކަށް ބަދަލުކޮށް ބޭސް ފަރުވާ އަދި އޮކްސިޖަން ސަޕްލައި ކުރަމުނެވެ.

ކޮވިޑް ބަލި މީހުންނަށް އެހީތެރިވުމަށް ވެރިރަށް ނިއުދިއްލީގައި މުސްލިމް ޖަމާއަތްތަކުން ހޮޓްލައިން ގާއިމުކޮށް އޮކްސިޖަނާއި އެނދު އަދި ސިއްހީ މާހިރުންގެ އިރުޝާދު ލިބޭނެ ގޮތް ވަނީ ހަދާފަ އެވެ. މުސްލިމް ޖަމާއަތްތަކުގެ އިތުރުން ވަކިވަކި ފަރުދުން ވެސް ބަލި މީހުންނަށް އެހީތެރިވުމަށް އޮކްސިޖަން ސިލިންޑަރު ލިބޭނެ ގޮތް ވަނީ ހަދާފަ އެވެ.

ބަލި މީހުންނަށް އެހީތެރިވުމަށް އިސްކޮށް ހަރަކާތްތެރިވާ މުސްލިމް ޖަމާއަތްތަކުން ބުނާ ގޮތުން ބޭނުން ޖެހޭ ނިސްބަތުން އިތުރު މިސްކިތްތަކާއި މަދަރުސާތައް މެޑިކަލް ވޯޑްތަކަކަށް ބަދަލު ކުރާނެ އެވެ. އަދި ބުނީ މިއީ ރޯދަ މަހަށް ވާތީ ނަމާދު ކުރަން ވަގުތީ މިސްކިއްތައް އަޅާނެ ކަމަށެވެ.