އިލެކްޝަންސް ކޮމިޝަން

ދެވަނަ ބުރުގެ ވޯޓުލުން ފަށައިފި

ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބު 2020 ގެ ދެވަނަ ބުރުގެ ވޯޓުލުން ފަށައިފި އެވެ.

ދެވަނަ ބުރުގެ ވޯޓުލުން މިއަދު ފަށާފައި ވަނީ 9:00 ގަ އެވެ. ހަވީރު 4:00 ޖަހަންދެން ވޯޓު ލުން ކުރިއަށް ދާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެ އެވެ.

އިންތިހާބުގެ ދެވަނަ ބުރެއް އޮތީ ހއ. ތަކަންދޫ އާއި ހއ. އުލިގަމާއި ނ. މަގޫދޫ އާއި ރ. މާކުރަތާއި ބ. ކެންދޫ އާއި ބ. ކިހާދޫ އާއި ވ. ފުލިދޫ އާއި މ. ރަތްމަންދޫ އާއި ފ. ދަރަނބޫދޫގެ އިތުރުން ލ. ކަލައިދޫގަ އެވެ.

ކައުންސިލްތަކުގެ އިންތިހާބުގެ ފުރަތަމަ ބުރު ބާއްވާފައި ވަނީ މިދިޔަ މަހުގެ 10 ވަނަ ދުވަހު އެވެ. ދެވަނަ ބުރަކަށް ދާން ޖެހުނީ ބައެއް ރަށްރަށުގައި ވޯޓު އެއްވަރުވެގެންނެވެ. އަދި ބައެއް ރަށްރަށުގައި ދާއިރާ އިން ބޭރު މީހުން ވޯޓުލުމާއި ގުޅިގެން އެރަށްރަށުގައި މުޅި އިންތިހާބު އަލުން ބާއްވަން ވަނީ ނިންމާފަ އެވެ. ވޯޓު އެއްވަރުވި ރަށްރަށުގައި ވޯޓު ނަގާނީ އެއްވަރުވި ބައިން އެކަންޏެވެ.

ދެވަނަ ބުރަށް ވޯޓުލާން ޖެހުނު ރަށްރަށުގައި ކެންޑިޑޭޓުންނަށް އަލުން ކެމްޕޭނު ކުރުމުގެ ފުރުސަތު ވެސް އީސީ އިން ހުޅުވައިލި އެވެ.