ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ލިބުނު ސާފު ފައިދާ މިދިޔަ އަހަރާ އަޅާބަލާއިރު 23 ޕަސެންޓް އިތުރު ވެއްޖެ އެވެ.
ބީއެމްއެލްގެ ފުރަތަމަ ކުއާޓަރުގެ މާލީ ރިޕޯޓް ދައްކާ ގޮތުގައި ޓެކްސް އަށް ކެނޑުމަށްފަހު ފައިދާގެ ގޮތުގައި 357 މިލިއަން ރުފިޔާ ލިބުނެވެ. މިއީ މިދިޔަ އަހަރާ އަޅާބަލާއިރު 23 ޕަސެންޓުގެ އިތުރު ވުމެކެވެ.
ބޭންކްއަށް މި ނަތީޖާ ލިބުނީ މިދިޔަ އަހަރު ކުރިމަތިވި ކޮވިޑް-19 ބަލިމަޑުކަމާއި ގުޅިގެން ބޭންކުގެ މައިގަނޑު ވިޔަފާރިތަކަށް ކޮށްފައިވާ ނޭދެވޭ އަސަރާ ގުޅިގެން ލިބުނު ގެއްލުމުން އަރައިގަތުމުގައި ރަނގަޅު ކުރިއެރުމެއް ލިބިފައިވާތީ އެވެ.
މި ކުއާޓަރގައި ހިންގުމުގެ ފައިދާގެ ގޮތުގައި ބޭންކަށް 537 މިލިއަން ލިބިފައިވާއިރު މިއީ 2020 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރާ އަޅާބަލާއިރު 25 ޕަސެންޓް އިތުރު އަދަދެކެވެ. މި ނަތީޖާ ހާސިލް ކުރެވިފައިވަނީ ވިޔަފާރީގެ މައިގަނޑު ހުރިހާ ދާއިރާއަކުން ވެސް ލިބުނު ކުރިއެރުމާ ގުޅިގެންނެވެ. ބޭންކުގެ ރައުސްމާލާއި ލިކުއިޑިޓީ ވަނީ ގާނޫނުން ލާޒިމް ކުރާ މިންވަރަށް މަތީގައި ހިފެހެއްޓިފަ އެވެ.
މި ނަތީޖާ އާ ގުޅޭ ގޮތުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޓިމް ސޯޔާ ވިދާޅުވީ ވިޔަފާރީގެ މައިގަނޑު ދާއިރާ ތަކުން ލިބުނު ނަތީޖާއާ އެކު ކޮވިޑް -19 އާ ގުޅިގެން ލިބުނު ގެއްލުމުން އަރައިގަތުމުގައި ހާލަތު ރަނގަޅު ވަމުންދާކަމުގެ ނިޝާންތައް ފެންނަމުންދާ ކަމަށެވެ.
"މީގެ ތެރޭގައި [ރަނގަޅުވަމުންދާ ދާއިރާ] ތަކުގެ ކާޑުން ލިބޭ އާމްދަނީ ވެސް ހިމެނޭ. މި ނަތީޖާ އާއެކުވެސް މިހާރުގެ ހާލަތުން އަރައިގަތުމަށް އަހަރުގެ ކުރިއަށް އޮތް ދުވަސްތަކުގައި ވެސް އަޅުގަނޑުމެން މަސައްކަތްތައް ބައްޓަންކުރާނީ ވިސްނުންތެރިކަމާއި ރޭވުންތެރިކަމާއެކު. ކަސްޓަމަރުންނާއި މުޖުތަމައަށް އެހީވުމަށް ކުރާ އިންވެސްޓްމަންޓާއި ބޭންކުގެ ވިގުއަ ފުޅާކުރުމަށް ކުރާ މަސައްކަތްތަކުގެ އިތުރުން އައު ޕްރޮޑަކްޓާއި ހިދުމަތްތައް ފޯރުކޮށް ދިނުމަށް މަސައްކަތް ކުރަމުން ދާނަން،" ޓިމް ވިދާޅުވި އެވެ.
ބީއެމްއެލް އިން 20 އަތޮޅުގައި 35 ބްރާންޗް އަދި 71 ސެލްފް ސާވިސް ބޭންކިން ސެންޓަރު އަދި 132 އޭޓީއެމް އާއި 200 އަށް ވުރެ ގިނަ ކޭޝް އޭޖެންޓުންގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިން ހިދުމަތްދޭ ކުންފުންޏެކެވެ. މި ކުއާޓަރުގައި ބީއެމްއެލް ގެ ވިގުއަ ފުޅާކުރުމަށާއި މުޖުތަމަ އަށް އެހީތެރިވުމަށް މަސައްކަތްތައް ކުރިއަށް ގެންގޮސްފަ އެެވެ. މިގޮތުން ބީއެމްއެލް އިން ވަނީ ކ. ގުރައިދޫ އާއި މ. މުލީގައި އަލަށް ސެލްފް ސާވިސް ބޭންކިންގ ގެ ހިދުމަތް ފަށާފަ އެވެ. މި ކުއާޓަރގައި މުޖުތަމައަށް ފޯރުކޮށްދޭ އެހީގެ ދަށުން ބީއެމްއެލް އިން ވަނީ މާލީ ގޮތުން އެހީތެރިވުމަށް ފަސް ކޮމިއުނިޓީ ފަންޑު ޕްރޮޖެކްޓެއް ހޮވާފައިވެ އެވެ.