މޭޑޭ

މަސައްކަތްތެރިންގެ ހައްގުގައި އެމްޑީޕީ ވަކާލާތު ކުރާނެ: ނަޝީދު

May 1, 2021
2

މަސައްކަތްތެރިންގެ ހައްގުގައި އެމްޑީޕީން އަބަދުވެސް ވަކާލާތު ކުރާނެ ކަމަށް އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ މިއަދު ފާހަގަކުރާ ބައިނަލްއަގްވާމީ މަސައްކަތްތެރިންގެ ދުވަހާ ގުޅިގެން މަސައްކަތްތެރިންނަށް ތަހުނިޔާ ވިދާޅުވުމުގެ ގޮތުން ކުރެއްވި ޓްވީޓެއްގަ އެވެ.

ރައީސް ނަޝީދު ވިދާޅުވީ މަސައްކަތްތެރިންގެ ހައްގުގައި އެމްޑީޕީން އަބަދުވެސް ވަކާލާތު ކުރާނެ ކަމަށެވެ. އެކަން ޔަގީންކޮށްދެއްވުމުގެ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ކުރެވިފައި ހުރި ބައެއް މަސައްކަތްތައް ވަނީ ހިއްސާކުރައްވާފަ އެވެ.

އެގޮތުން ވަޒީފާއާ ބެހޭ ގާނޫނު އިސްލާހު ކޮށްގެން ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ސާވިސް ޗާޖު ކަށަވަރުކޮށްދިނުމާއި އެންމެ ކުޑަ އުޖޫރަ ކަނޑައަޅަން ނިންމާފައިވާ ކަން ވަނީ ފާހަގަކުރައްވާފަ އެވެ.

ރައީސް ނަޝީދު ކުރައްވާފައިވާ ޓްވީޓް

އެންމެ ކުޑަ އުޖޫރަ ކަނޑައަޅަން މަޖިލީހުން ފާސްކޮށްފައިވީ ނަމަވެސް އެކަން އަދި ތަންފީޒުކޮށްފައެއް ނުވެ އެވެ.

ވަޒީފާއާ ބެހޭ ގާނޫނުގައި އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމުގެ ބާރު ދީފައިވަނީ މިނިސްޓަރަށެވެ. މިނިސްޓަރު އެކަން ކުރައްވަން ޖެހިވަޑައިގަންނަވަނީ "މިނިމަމް އެޑްވައިޒަރީ ބޯޑު"ގެ ނަމުގައި އުފައްދާ ބޯޑުގެ ލަފާގެ މަތިންނެވެ.

އެންމެ ކުޑަ އުޖޫރަ ކަނޑައަޅަން ގާނޫނުގައި ބުނާ ސިނާއަތްތައް

މަސްވެރިކަމާއި ދަނޑުވެރިކަމުގެ ސިނާއަތް
ފަތުރުވެރިކަމުގެ ސިނާއަތް
ކޮންސްޓްރަކްޝަން މަސައްކަތުގެ ސިނާއަތް
ދަތުރުފަތުރުގެ ސިނާއަތް
ސިއްހީ ހިދުމަތުގެ ދާއިރާ
ތައުލީމީ ހިދުމަތުގެ ދާއިރާ
ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ ދާއިރާ
އިންފޮމޭޝަން، ކޮމިއުނިކޭޝަން އަދި ޓެކްނޮލޮޖީގެ ދާއިރާ
މެރިޓައިމް އިންޑަސްޓްރީ

ސާވިސް ޗާޖު ނެގުމާ ގުޅޭގޮތުން ވަޒީފާއާ ބެހޭ ގާނޫނަށް ގެނެސްފައިވާ އިސްލާހުގައި ބުނެފައިވަނީ ސާވިސް ޗާޖުގެ ގޮތުގައި ވަޒީފާ ދޭ ފަރާތަށް ކޮންމެ މަހަކު ލިބުނު ފައިސާގެ ޖުމްލަ އަދަދުގެ ތެރެއިން އިދާރީ ފީގެ ގޮތުގައި އެއް އިންސައްތަ ނެގިދާނެ ކަމަށެވެ. ބާކީ ހުރިހާ ފައިސާއެއް އެއްވެސް މުވައްޒަފެއް ތަފާތު ނުކޮށް އެއްވަރަށް ބެހުމަށްވެސް ގާނޫނުގައި ލާޒިމުކޮށްފަ އެވެ. ގާނޫނުގައިވާ ގޮތަށް ވަޒީފާ ދޭ ފަރާތުން އަމަލުނުކޮށްފިނަމަ 50،000 ރުފިޔާއަށް ވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާ ކުރެވޭނެ ކަމަށްވެސް ގާނޫނުގައި ވަނީ ބުނެފަ އެވެ.

މިއަހަރުގެ މަސައްކަތްތެރިންގެ ދުވަހާ ކުރިމަތިލިއިރު ކޮވިޑް 19 އާއި ގުޅިގެން އެތައް ބައެއްގެ ވަޒީފާ ވަނީ ގެއްލިފަ އެވެ. އަދި އެތައް ބަޔަކަށް ލިބެމުން ދިޔަ އާމްދަނީ ވަރަށް ބޮޑަށް ދަށްވެފަ އެވެ.