ޓޫރިޒަމް

ހުރިހާ ޝުކުރެއް އޮތީ ޓޫރިޒަމް މުވައްޒިފުންނަށް

މަސައްކަތްތެރިންގެ ދުވަސް ނުވަތަ މޭ ޑޭ ފާހަގަކުރަމުން ދާއިރު ކޮވިޑް-19 ގެ ބަލިމަޑުކަމާއި ގުޅިގެން މިދިޔަ އަހަރު ކުރިމަތިވި އިގްތިސާދީ ދަތިކަމާއި މުވައްޒިފުންނަށް ކުރިމަތިވި އުނދަގޫ ހާލަތު ހަނދާނަށް އާދެއެވެ. ބަލިމަޑުކަމާއި ގުޅިގެން އެންމެ ބޮޑު ލޮޅުމެއް އައީ ފަތުރުވެރިންގެ ސިނާއަތަށެވެ. ކޮވިޑުން ރައްކާތެރިވާން އަޅަން މަޖުބޫރުވި ފިޔަވަޅުތަކުގެ ސަބަބުން ދިވެހި އިގްތިސާދު އެކަށްހެން ހުއްޓުނެވެ. ބޯޑަރު ބަންދުކޮށް ޓޫރިޒަމް ހުއްޓާލަން ޖެހުނެވެ. މިއަދުވެސް އެ ދާއިރާ އިން ކުރަމުންދާ މަސައްކަތަކީ އިގްތިސާދީ އެ އަނދަވަޅުން އަރައިގަނެވޭތޯ ކުރާ މަސައްކަތެވެ. ކޮވިޑްގެ ބަލިމަޑުކަމު ކަމަކީ ފަހުގެ ތާރީހެއްގައި ދިވެހި މަސައްކަތްތެރިންގެ ވަޒީފާތައް ގެއްލި އެންމެ ބޮޑަށް ހާލުގައި ޖެއްސި ބަލިމަޑުކަމެވެ.

ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީ ކުރީން އޮތް ހާލަތަށް ގެންދިއުމުގައި އެންމެ އިސް ރޯލެއް އަދާކުރަމުންދާ ބަޔަކީ މި ދާއިރާގެ މަަސައްކަތްތެރީން ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެ އެވެ. މިއަދު މި ފާހަގަކުރާ މަސައްކަތްތެރިންގެ ދުވަހު އެ މުވައްޒަފުންގެ ގުރުބާނީ އާއި ކުރި މަސައްކަތްތައް ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވި ގޮތުގައި އެންމެ ބޮޑު ޝުކުރެއް ހައްގުވަނީ މުވައްޒިފުންނަށެވެ.

ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ތެރޭގައި ޓޫރިޒަމް އިންޑަސްޓްރީ ހުއްޓި އެތައް މުވައްޒަފުންގެ ވަޒީފާ ގެއްލިގެން ދިޔަ އެވެ. ނޯ ޕޭ ގައި އެތައް މުވައްޒަފުންނެއް އެތައް މަހަކަށް ތިބޭން ޖެހުނެވެ. ގިނަ މުވައްޒަފުންގެ މުސާރަ ބޮޑު ތަނުން ކުޑަ ކުރިއެވެ.

އެކަމާއި ގުޅިގެން މުވައްޒިފުންނަށް ކުރިމަތިވި ކަންކަމަށް ކޮންމެވެސް ލުޔެއް ހޯދާ ދިނުމުގެ ގޮތުން ސަރުކާރުން ވަނީ ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. އެ ގޮތުން ވަޒީފާ ގެއްލުނު މުވައްޒަފުންނަށް އިންކަމް ސަޕޯޓްގެ ގޮތުގައި 60 މިލިއަނަށް ވުރެ ގިނަ ރުފިޔާ ސަރުކާރުން ހަރަދުކުރި ކަން މައުސޫމް ފާހަގަ ކުރައްވައެވެ.

ހިތްދަތި ދުވަސްތަކަކަށް ފަހު މިއަދު އަލުން ޓޫރިޒަމް އިންޑަސްޓްރީ ކޮޅަށް ތެދުވެ މަަސައްކަތް ފެށއިިރު ވަޒީފާ ގެއްލުނު އެތައް މުވައްޒިފުންނަކަށް އަލުން ވަޒީފާ ލިބި ގެން ދިއުމަކީ ސަރުކާރާއި މިނިސްޓަރަށްވެސް އޮތް އެންމެ ބޮޑު އުފަލާއި ހިތްހަމަޖެހުމެވެ.

ރާއްޖެ އަކީ ޓޫރިސްޓުންގެ މެދުގައި ވަރަށް ބޮޑު މަގުބޫލު ކަމާއި ހާއްސަ ލޯތްބެއް އޮތް ގައުމެކެވެ. އެތައް ފަހަރަކު ރާއްޖެއަށް ޒިޔާރަތް ކުރަން ބޭނުންވާ ޓޫރިސްޓުންގެ އަދަދު ގިނައެވެ. އެކަން އެހެންވުމުގައި އޮތީ ރާއްޖޭގެ ރީތިކަމާއި ގުދުރަތީ ނަލަކަން އެކަންޏެއް ނޫނެވެ. ޓޫރިސްޓުންނަށް ރާއްޖެއިން ދޭ ފުރިހަމަ މެހެމާން ދާރީ އާއި އެ މީހުންނާމެދު މުވައްޒަފުން ބަހައްޓާ ގާތްކަމާއި އޯގާތެރިކަމަކީ ތަކުރާރުކޮށް ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދު އިތުރުވާ މުހިންމު ސަބަބެކެވެ. އެކަން މިނިސްޓަރު މައުސޫމްވެސް ފާހަގަ ކުރެއްވިއެވެ.

މިނިސްޓްރު ވިދާޅުވި ގޮތުގައި އެހެން ގައުމުތަކަށް ވުރެ އަވަހަށް ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ދިރުން އައި ސަބަބަކީވެސް އެއީއެވެ.

"އެންމެ ހިތްހަމަޖެހޭ ކަމަކަށް ރިސޯޓުތަކުން ވެސް އިސްވެ މިކަމުން އަރައި ގަންނަން ވަރަށް މަސައްކަތްކުރި. އެހެންވީމަ މިކަމުގައި ރިސޯޓްތަކުގެ މެނޭޖްމެންޓްތަކަށް ވެސް ޝުކުރު ހައްގު" މައުސޫމް ވިދާޅުވި އެވެ.

ޓޫރިޒަމް އިންޑަސްޓްރީން ގެއްލުނު ވަޒީފާތައް އަލުން އިއާދަވެ މުވައްޒިފުން މަސައްކަތަށް ނިކުމެފައިވާއިރު މިނިސްޓަރު މައުސޫމްގެ ނަޒަރުގައި ރާއްޖޭގެ ޓޫރިޒަމް މިހާރު އޮތީ ކޮވިޑްގެ ކުރީން އޮތް ހާލަތަށް ރުޖާއުވުމާއި ދާދި ގާތުގައެވެ. ބައެއް ރިސޯޓްތައް މިހާރު ވަނީ ކުރީން އޮތް ހާލަތާއި ހަމައަށް ރަނގަޅު ކުރެވިފައެވެ.

ޓޫރިޒަމް އިންޑަސްޓްރީގެ ވަޒީފާތަކުގައި ދިވެހީންގެ ބޮޑު އާބާދީއެއް އޮތްއިރު މުވައްޒިފުންގެ އެންމެ ބޮޑު ޝަކުވާއަކަށް ވެފައި އޮންނަނީ ބައެއް ރިސޯޓްތަކުން ގަވާއިދުން ސާވިސްޗާޖު ނުދިނުމާއި ސާވިސް ޗާޖަށް ދޭ މިންވަރު ކުޑަވުމެވެ. އެކަމަށް ހައްލު ހޯދުމަށް ގާނޫނަށް ބަދަލު ގެނެސް ސަރުކާރުން ވަނީ މުހިންމު ފިޔަވަޅުތަކެއް އަޅާފައެވެ. މައުސޫމް ވިދާޅުވި ގޮތުގައި ސާވިސް ޗާޖުގެ މައްސަލައަށް ހައްލު ހޯދުމަށް ކުރެވުނު މަސައްކަތް ކާމިޔާބެވެ. މިއަދު ގިނަ ރިސޯޓްތަކުގައި އެކަން ރަނގަޅަށް ހިނގާތީ ފެނެއެވެ.

ޓޫރިޒަމްގެ ވަޒީފާތަކުގައި ބޮޑު އާބާދީއެއް އޮތީ ފިރިހެނުންގެ އެވެ. އަންހެން މުވައްޒަފުންގެ އަދަދު ނިސްބަތުން ވަރަށް މަދެވެ. އެހެން ކަމުން ޓޫރިޒަމްގެ ވަޒީފާތަކަށް އިތުރު އަންހެނުން ނެރުމަކީ މިނިސްޓްރީގެ އަމާޒެވެ. އެގޮތުން އަންހެނުންނަށް ލިބިދޭން ޖެހޭ ރައްކާތެރިކަމާ، އަންހެނުންގެ ބައިވެރިވުން އިތުރު ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރައްވަމުން އަންނަ ކަމަށް މިނިސްޓަރު މައުސޫމް ވިދާޅުވެއެވެ.

މީގެއިތުރުން ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީގެ މަސައްކަތްތެރިންގެ ހައްގުގައި ވަކާލާތުކުރާ ޖަމިއްޔާ، ޓޫރިޒަމް އެމްޕްލޯއީސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީމް) އިން ކުރަމުން އަންނަ މަސައްކަތްތައް ވެސް މިނިސްޓަރު ވަނީ ފާހަގަ ކުރައްވާފައެވެ. ޓީމް އަކީ މުވައްޒިފުންނާއި ޓޫރިޒަމް މިނިސްޓްރީ އާއި ދެމެދު އެޅިފައިވާ ވަރަށް މުހިންމު ފާލަމެއްގެ ގޮތުގައި މިނިސްޓަރު ސިފަ ކުރެއްވިއެވެ. އަދި ކުރިއަށް އޮތްތަނުގައި ޓީމް އާއި އެކީ އޮތް ގުޅުން އިތުރަށް ވަރުގަދަ ކުރާނެ ކަމަށް ވިދާޅުވިއެވެ.

"މި ދާއިރާ އަލުން ނަގާ ކޮޅަށް ޖަހަން މަސައްކަތްކުރި ހުރިހާ ފަރާތްތަކަށް ޝުކުރު ދަންނަވަން. މިއީ އަޅުގަނޑުމެންނަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް. ހުރިހާ މުވައްޒަފުންނަށް މަސައްކަތެރިންގެ ދުވަހުގެ ތަހުނިޔާ ފޮނުވަން،" މިނިސްޓަރު މައުސޫމް ވިދާޅުވި އެވެ.