މޭޑޭ

މަސައްކަތްކުރާ އެންމެންގެ ހައްގު ވަނީ ގެއްލިފައި: އިދިކޮޅު ކޯލިޝަން

May 1, 2021

ބައިނަލްއަގްވާމީ މަސައްކަތްތެރިންގެ ދުވަސް ބައްދަލުކުރިއިރު ރާއްޖޭގައި މަސައްކަތްކުރާ ހުރިހާ މަސައްކަތްތެރިންގެ ހައްގުތައް ގެއްލިފައިވާ ކަމަށް އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ބުނެފި އެވެ.

އިދިކޮޅު ކޯލިޝަނުން މިހެން ބުނެފައި މިވަނީ މިއަދު ފާހަގަކުރާ ބައިނަލްއަގްވާމީ މަސައްކަތްތެރިންގެ ދުވަހާ ގުޅިގެން ނެރުނު ބަޔާނެއްގަ އެވެ.

މިބަޔާނުގައި ބުނެފައިވަނީ އެތައް މަސައްކަތްތެރިއެއްގެ ވަޒީފާ ގެއްލި ނިކަމެތިވެ، މަގުމަތިވެފައިވާ ކަމަށެވެ. މަސައްކަތްތެރި އަންހެނުންނަށް ކުރިމަތިވާ ޖިންސީ ފުރައްސާރައާއި ޖިންސީ ގޯނާއަށް އިންސާފު ހޯދައިދިނުމުގައި ސަރުކާރު ފެއިލްވެފައިވާ ކަމަށެވެ. ރިޒޯޓުތަކުގައި މަސައްކަތްކުރާ އެތައް މުވައްޒަފުންނެއް އަނބިދަރިން ކައިރިއަށް ނުދެވި ވަޒީފާގެ ތަފާތުކުރުންތަކާ ހިތްދަތި ކަމާ ކުރިމަތިލާންޖެހިފައިވާ ކަމަށެވެ. ރާއްޖޭގެ އިގްތިސާދުގެ ލޭނާރު ކަމުގައިވާ މަސްވެރިން ބާނާ މަސް ނުކިރި އެމަހަށް ހަމަ އަގު ނުލިބި މަސްވެރި އާއިލާތައް ވެސް ނިކަމެތިވެފައިވާ ކަމަށެވެ.

ކޯވިޑް 19 އާއި ގުޅިގެން އިސްސަފުގައި މަސައްކަތް ކުރާ ސިއްހީ އެހީތެރިންނާއި ފަންނީ މުވައްޒަފުންނަށް ހައްގުވާ އުޖޫރަ އާއި އެލަވަންސް ނުދޭ ކަމަށްވެސް ބަޔާނުގައިވެ އެވެ. ސިވިލް ސާވިސްގެ މުވައްޒަފުން މަސައްކަތް ކުރަމުންދަނީ ކޮންމެ މަހެއްގެ މުސާރަ ލިބޭނެ ކަމުގެ ޔަގީން ނެތި ކަމަށްވެސް ބުނެފައިވެ އެވެ.

ބަޔާނުގައި ބުނެފައިވަނީ ކޯވިޑް 19ގެ ސަބަބުން އެންމެ ބޮޑު އަސަރަކާއި ހިތްދަތިކަމެއް ތަހައްމަލު ކުރަންޖެހުނީ ވެސް މަސައްކަތްތެރިންނަށް ކަމަށެވެ. އޭގެ ތެރޭގައި ދުވަހު މުސާރައަށް މަސައްކަތް ކުރާ ފަރާތްތަކާއި، އަމިއްލަ މަސައްކަތުން ދިރިއުޅެމުން ގެންދާ ފަރާތްތަކާއި، އަމިއްލަ ކުންފުނިތަކާއި އަދި އެހެނިހެންވެސް ވަޒީފާތަކުގައި ތިބި އެތައް ރައްޔިތުންނެއްގެ ހައްގު ގެއްލިފައިވާ ކަން ފާހަަގަކޮށްފައިވެ އެވެ.

މީގެ އިތުރުން ސިޔާސީ ބޭނުމުގައި ސަރުކާރާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުން ނުހައްގުން ވަޒީފާއިން ވަކި ކުރުމާއި، ވަޒީފާއަށް ބަދަލު ގެނައުމާއި ސިޔާސީ ނުފޫޒު ބޭނުންކޮށްގެން ވަޒީފާ ދިނުން ފަދަ އަމަލުތައް ހިންގަމުން ގެންދާ ކަމަށްވެސް ބުނެފައިވެ އެވެ.

"މިސަރުކާރު ވެރިކަމަށް އައީ މަސައްކަތްތެރިންގެ ހައްގުތައް ހިމާޔަތްކުރުމަށް ގިނަ ވައުދުތަކާއެކުގަ އެވެ. އެންމެ ކުޑަ އުޖޫރައެއް ކަނޑައެޅުމަކީ މަސައްކަތްތެރިންނަށް މިސަރުކާރުން ވެފައިވާ އެންމެ ބޮޑު ވައުދެވެ. ނަމަވެސް މިސަރުކާރުގެ ވެރިކަމަށް ދެއަހަރާ ބައިވާއިރު އެންމެ ކުޑަ އުޖޫރަ އަދިވެސް ކަނޑަނޭޅި އޮތުމަކީ މިކަން ކުރުމުގައި ސަރުކާރުގެ އިޚްލާސްތެރި ކަމެއް އަދި އަހައްމިއްޔަތު ކަމެއް ނެތްކަމެވެ،" ބަޔާނުގައިވެ އެވެ.

ބަޔާނުގައި ބުނެފައިވަނީ މަސައްކަތްތެރިންގެ ދުވަހެއް ފާހަގަކުރާއިރު ސަރުކާރުގެ އެކި ލެވެލްތަކުން ނެރޭ ބަޔާންތަކާއި ދައްކާ ވާހަކަތަކަށް އަމަލީ ސިފައެއް ނުގެނެވޭތީ ކަންބޮޑުވާ ކަމަށެވެ. އެހެންކަމުން ރާއްޖޭގެ ހުރިހާ މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރުކޮށް ސަރުކާރުން ވެފައިވާ ވައުދުތައް ވީހާވެސް އަވަހަކަށް ފުއްދައިދިނުމަށް ގޮވާލާފައިވެ އެވެ. އަދި މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރުކޮށްދިނުމަށްޓަކައި ކަމާ ގުޅުންހުރި ގާނޫނުތައް އަވަހަށް ފާސްކޮށް، ހަލުވި ސްޕީޑުގައި މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ވެސް ސަރުކާރަށް ގޮވާލާފައިވެ އެވެ.