އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓް ނެގުން މިއަދު ކުރިއަށް ގެންދިޔައިރު ނ. މަގޫދޫގައި އިންތިހާބުގެ ތިންވަނަ ބުރެއް ބާއްވަން ޖެހިއްޖެ އެވެ.
އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ އިންތިހާބުގެ ދެވަނަ ބުރެއް މިއަދު ބާއްވާފައިވަނީ ހއ. އުލިގަމާއި ނ. މަނަދޫ އާއި ރ. މާކުރަތު އާއި ބ. ކެންދޫ އާއި ވ. ފުލިދޫގެ އިތުރުން ލ. ކަލައިދޫގައެވެ.
މަގޫދޫގައި ދެވަނަ ބުރެއް ބާއްވަން ޖެހުނީ ޕީޕީއެމްގެ ކެންޑިޑޭޓް މާޖިދާ ހަސަން އާއި އެމްޑީޕީގެ ކެންޑިޑޭޓް ސައީދާ ހާރޫނަށް ލިބުނު ވޯޓް އެއްވަރު ވެގެންނެވެ. ނަމަވެސް މިއަދު ކުރިއަށް ގެންދިޔަ ދެވަނަ ބުރުގައިވެސް ދެ ކެންޑިޑޭޓުން ވަނީ އެއްވަރުވެފައެވެ.
މަގޫދޫގައި ބެހެއްޓި ފޮށިން މާޖިދާއަށް ލިބިފައިވަނީ 87 ވޯޓެވެ. ސައީދާ އަށް ލިބިފައިވަނީ 69 ވޯޓެވެ. މާލޭގައި ދިރިއުޅޭ މަގޫދޫ މީހުންނަށް އިސްކަންދަރު ސުކޫލުގައި ބެހެއްޓި ވޯޓް ފޮށިން މާޖިދާ ލިބިފައިވަނީ 8 ވޯޓެވެ. ސައީދާއަށް 26 ވޯޓް ލިބިފައިވާއިރު ދެ ކެންޑިޑޭޓުންނަށް ޖުމްލަ ލިބިފައިވަނީ 95 ވޯޓެވެ.
މި ފޮށިން އެއް ވޯޓް ބާތިލު ވޯޓްގެ ގޮތުގައި ގުނާފައިވެއެވެ.
މި މަހުގެ 10 ވަނަ ދުވަހު ބޭއްވި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ އިންތިހާބުގެ ބަައި އިލެކްޝަން އަންނަ ޖޫން މަހުގެ ފަސްވަނަ ދުވަހު ބާއްވަން އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފައެވެ
އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ މަގޫދޫގައި ތިންވަނަ ބުރެއް ބާއްވަން ޖެހުމުން އެ ބުރުގެ ވޯޓް ނެގުން ޖޫން ފަހެއްގައި ބޭއްވުމަށް މިރޭ މަޝްވަރާކޮށް ގޮތެއް ނިންމާނެ ކަމަށެވެ.
އިންތިހާބަށް ފުރުސަތު ހުޅުވާލުން ބައެއް ދާއިރާތަކަށް އިންތިހާބު ކުރަަންޖެހޭ އަދަދަށް ކެންޑިޑޭޓުން ކުރިމަތިލާފައެއް ނުވެއެވެ. އަދި ދެ ރަށަކަށް އެއްވެސް ކެންޑިޑޭޓަކު ކުރިމަތިލާފައެއް ނުވެއެވެ.
ވ. ރަކީދޫ އާއި މ. ރަތްމަންދޫގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީއަށް އެއްވެސް މީހަކު ކުރިމަތިލާފައެއް ނުވެއެވެ. އަދި އއ، ފެރިދޫގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީއަށް ކުރިމަތިލީ އެންމެ ކެންޑިޑޭޓެކެވެ. އެެހެންވެ އަދި އިތުރު ހަތަރު މެންބަރުން އިންތިހާބު ކުރަން ޖެހެ އެވެ. ހދ. ނޮޅިވަރަމްގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީއަށް އެއް މެންބަރަކު އަދި ބ. ފުޅަދޫ އާއި ކ. ދިއްފުށީގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީއަށް ވެސް މެންބަރު އިންތިހާބު ކުރަން ޖެހެއެވެ.