ލައިފްސްޓައިލް

ފަޅުރަށެއްގައި 32 އަހަރު އުޅުނު މީހާ ރަށުން ބާލައިފި

ފަޅު ރަށެއްގައި އެކަނި މާއެކަނި 32 އަހަރު އިންސާނަކަށް ހޭދަ ކުރެވިދާނެ ކަމަށް ގަބޫލު ކުރެވޭ ހެއްޔެވެ؟ އަދި މިގޮތަށް ދިރިއުޅޭ މީހެއްގެ ކަންތައްތައް ހުންނާނެ ގޮތް އިހްސާސް ކޮށްލެވޭ ހެއްޔެވެ؟ ހަމަ ގައިމު ވެސް ގިނަ މީހުން މިގޮތަށް އެކަނި މާއެކަނި މިހާ ގިނަ ދުވަހު ފަޅު ރަށެއްގައި އުޅެން ބިރު ގަންނާނެ އެވެ. އެކަނިވެރި ކަމަށް ލޯބިކުރާ އެކަނި އުޅޭހިތްވާ މީހަކަށް ފަހަރެއްގައި މިއީ މަޖާ އެޑްވެންޗާއަކަށް ވެސް ވުމަކީ ހަމަ އެކަށީގެންވާ ކަމަށެވެ.

އިޓަލީގެ އުމުރުން 81 އަހަރުގެ މީހަކު ވަނީ މެޑިޓެރޭނިއަންގައި އޮތް އެއްގޮތަކަށް ވެސް މީހުން ދިރިނޫޅޭ ފަޅު ރަށެއްގައި އެކަނި މާއެކަނި 32 އަހަރު ހޭދަ ކޮށްފަ އެވެ. އެހާ ދުވަހު އެ ރަށުގައި ދިރިއުޅުނު ފަހުން އެމީހާ މިހާރު ވަނީ އެ ރަށުން ބާލާފަ އެވެ.

އެ މީހަކީ މައުރޯ މޮރާންޑީ އެވެ. އޭނާ މަޝްހޫރުވެފައިވަނީ "އިޓަލީގެ ރޮބިންސަން ކްރޫޒޯ" ގެ ނަމުންނެވެ. ސާޑީނިއާ އާއި ކޯސިކާ އާ ދެމެދުގައި އޮންނަ ބުޑޭއްލީ ނަމަކަށް ކިޔާ މި ރަށުގައި އެކަނިމާއެކަނި 32 އަހަރު މޮރާންޑީ ދިރިއުޅުނެވެ.

މޮރާންޑީ އެންމެ ފުރަތަމަ އެ ރަށަށް ދިޔައީ 1989 ވަނަ އަހަރު އެވެ. ސައުތު ޕެސިފިކަށް ދިޔަ މަގުމަތީގައި އޭނާ ދަތުރުކުރި ބޯޓު ހަލާކު ވެގެން އެ ރަށުގައި މަޑުކޮށް ވަޒަންވެރިވީ އެވެ.

އެ ރަށް ބެލެހެއްޓުމާ ހަވާލުވެ ހުރި ހަމައެކަނި މީހާއަކީ އޭރު އުމުރުން ދުވަސްވެ ރިޓަޔާ ކުރާ އުމުރަށް އަޅާފައި ހުރި މީހެއްކަން މޮރާންޑީ އަށް އެނގުމުން އޭނާ އަމިއްލައަށް އެ ރަށް ބެލެހެއްޓުމާ ހަވާލުވީ އެވެ.

މި ރަށަކީ ދެ ވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު ޝެލްޓާއެއްގެ ގޮތުގައި ބޭނުންކުރި ރަށެކެވެ. މޮރާންޑީއަށް އެ ރަށަށް ދެވުމުން އަމިއްލައަށް ގެއެއް ވެސް އަޅައިގެން އެ ރަށުގައި ދިރި އުޅުނީ އެވެ.

ފާއިތުވީ 32 އަހަރު އޭނާ އެ ރަށުގައި ދިރިއުޅުނީ އެކަންޏެވެ. އެ ރަށުގެ ރީތި ކަމާއި ސާފުތާހިރުކަން ދަމަހައްޓަން ރެޔާ ދުވާލު އޭނާ ބުރަ މަސައްކަތްތަކެއް ކޮށްފައި ވެއެވެ.

ނަމަވެސް އޭނާގެ މި ދިގު ޗުއްޓީއަށް މިހާރު ވަނީ ނިމުން އައިސްފަ އެވެ. އޭނާއަށް މަޖްބޫރު ކޮށްގެން މިހާރު ވަނީ އެ ރަށުން ބާލާފަ އެވެ.

އިނގިރޭސި ވިލާތުގެ ނޫހެއްގައިވާ ރިޕޯޓެއް ބުނާ ގޮތުގައި 2016 ވަނަ އަހަރު މޮރާންޑީ އާއި ލާ މަޑެލާނާ އާކިޕެލާގޯ ނެޝަނަލް ޕާކާ ދެމެދު މި ރަށުގެ މިލްކުވެރިކަމާ މެދު ކޯޓުގައި ވަރަށް ވަރުގަދަ ހަނގުރާމައެއް ކުރެވުނެވެ. އަދި ކޯޓުން ނިންމީ އެ ރަށުގެ ވާރިސުންނަކީ ލާ މަޑެލާނާ ނެޝަނަލް ޕާކު ކަމަށެވެ.

ނެޝަނަލް ޕާކުގެ އޮފިޝަލުން އޭރުއްސުރެ މޮރާންޑީ އެ ރަށުން ބޭރު ކުރަން މަސައްކަތް ކުރަން ފެށި އެވެ. މޮރާންޑީއަށް އެ ރަށުގައި ހުރުމުގެ ހައްގު އޮތްކަމަށާއި އެ ފުރުސަތު ދިނުމަށް އެދި ގިނަ ބަޔަކު ޕެޓިޝަނެއް ހަދައި އޭގައި ސޮއިކޮށްފައި ވިޔަސް އޮފިޝަލުން ގަދަކަމުން މޮރާންޑީ އެ ރަށުން ބޭރުކޮށްލުމުގައި މިހާރު ވަނީ ކާމިޔާބު ހޯދާފައެވެ.

ލީގަލް ނޯޓިސްތައް ފޮނުވާ ފޮނުވާ އެންމެ ފަހުން މަޖްބޫރު ވެގެން މޮރާންޑީ ވަނީ މިހާރު އެ ރަށުން ފައިބާފަ އެވެ.

"އަހަރެން މިހާރު އެ ރަށުގެ މިލްކުވެރިކަމަށް ކުރި ހަނގުރާމައިން ބަލިވީ ކަމަށް ނިންމައިފިން. ނަމަވެސް 32 އަހަރު ވަންދެން އުޅުނު ރަށުން ފައިބައިގެން ދާން ޖެހޭތީ ވަރަށް ދެރަވޭ. އެ މީހުން ބުނި އަހަރެން ދިރިއުޅުނު ގޭގެ މަރާމާތުގެ މަސައްކަތްތަކެއް ކުރަން ވެގެންނޭ އަހަރެން އެ ރަށުން ފައިބާށޭ،" ދަ ގާޑިއަން ނޫހަށް ދިން އިންޓަވިއު އެއްގައި މޮރާންޑީ ބުންޏެވެ.

އެ ރަށުން ފައިބަން މަޖްބޫރުވިޔަސް މީހުން ދިރިއުޅޭ ސަރަހައްދަށް ދާކަށް މޮރާންޑީ ބޭނުމެއް ނޫނެވެ. އޭނާ ދިރިއުޅުނު ރަށާ އެންމެ ކައިރީގައި އޮތް އަވަށުގެ ރަށްބޭރުގައި ކަނޑު ފެންނަ ހިސާބުގައި އޭނާ ދިރި އުޅޭނީ ކަމަށާއި ރަށުތެރެއަށް އަރާނީ އެއްޗެއް ގަންނަން ވެއްޖިއްޔާ އެކަނި ކަމަށް މޮރާންޑީ ބުންޏެވެ.

"އަހަރެން ދެން ވެސް އުޅޭނީ ކުރިން ވެސް އުޅުނު އެކަނިވެރި ދިރިއުޅުން. އަހަރެންގެ ދިރިއުޅުމަށް ބަދަލެއް ނާންނާނެ. އަދިވެސް އަހަންނަށް ކަނޑު ފެންނާނެ،" މޮރާންޑީ ބުންޏެވެ.