ދުނިޔެ

އޯޑިއޯ ލީކަކީ ސައޫދީއާ އިޒްރޭލުގެ ކަމެއް: އީރާން

އީރާންގެ ނައިބު ރައީސް އިޝްހާގު ޖަހާންޖީރީ ވިދާޅުވާ ގޮތުން ފޮރިން މިނިސްޓަރު މުހައްމަދު ޖަވާދު ޒަރީފްގެ އޯޑިއޯ ލީކަކީ ސައޫދީއާ އިޒްރޭލުގެ ރޭވުމެކެވެ. މަގުސަދަކީ އީރާންގެ ނިއުކްލިއާ ޕްރޮގްރާމާ ބެހޭ ގޮތުން ވިއެނާގައި އެމެރިކާއާއެކު ކުރާ މަޝްވަރާތައް ހަރާބު ކޮށްލުމެވެ.

އިޝްހާގު ޖަހާންޖީރީ ވިދާޅުވި ގޮތުން އޯޑިއޯ ލީކުކޮށްލީ ތަންވަޅުވެސް ބަލާފަ އެވެ. އަދި ވިދާޅުވީ އެއީ އީރާނަށް ދެރަގޮތް ވުމަށް އެދި ހަސަދަވެރިން ކުރި ކަމެއް ކަމަށެވެ. ނައިބް ރައީސާ ހަވާލާ ދެއްވައި ލޯކަލް މީޑިއާގައި ރިޕޯޓްކުރާ ގޮތުން އޯޑިއޯ ލީކުކޮށްލި ބަޔަކު ބޭނުންވަނީ 2015 ވަނަ އަހަރު ގާއިމުކުރި ނިއުކްލިއާ ޑީލަށް އެނބުރި ނުދާށެވެ.

އިޝްހާގު ޖަހާންޖީރީ ވިދާޅުވީ އީރާންގެ އިންޓެލިޖެންސަށް ރައީސް ހަސަން ރޫހާނީ އިރުޝާދު ދެއްވާފައިވާ ކަމަށާއި ސައޫދީއަށް އޯޑިއޯ ލީކު ލިބުނު ގޮތް ބަލަމުން އަންނަ ކަމަށެވެ.

އީރާންގެ ފޮރިން މިނިސްޓަރު މުހައްމަދު ޖަވާުދު ޒަރީފް ދެއްކެވި ވާހަކަތަކެއް ކަމަށް ބުނެ ނިއުޔޯކް ޓައިމްސްއިން ޝާއިއުކުރި އޯޑިއޯގައި ޒަރީފް ވިދާޅުވަނީ އީރާން ނިއުކްލިއާ ޑީލަށް ދެކޮޅު ހެދުމަށް ގާސިމް ސުލައިމާނީ ރަޝިއާއާއެކު މަސައްކަތް ކުރެއްވި ކަމަށެވެ. ގާސިމް ސުލައިމާނީ އަކީ އީރާންގެ ޖެނެރަލެކެވެ. އޭނާ ވަނީ ޖެނުއަރީ 2020 ގައި އެމެރިކާއިން ދިން ހަމަލާއެއްގައި މަރުވެފަ އެވެ.

ޒަރީފް ހަމަ އެ އޯޑިއޯގައި ވިދާޅުވަނީ އީރާން ހިންގަނީ މިލިޓަރީން ކަމަށެވެ. ވަޒީރުގެ މިވާހަކަތަކާ ގުޅިގެން އީރާން ސަރުކާރު އޮތީ ކުއްލި ހާލަތުގަ އެވެ.