މާލޭ ސަރަހައްދު ގުޅައިލުމުގެ ޕްރޮޖެކްޓްގެ ތެރެއިން މާލެ-ތިލަފުށި ލިންކް (އެމްޓީއެލް) ނުވަތަ ތިލަމާލެ ބްރިޖް މަޝްރޫއަށް ބިޑް ކުރުމުގެ އެންމެ ފަހު ފުރުސަތަކީ މިމަހުގެ ބުދަ ދުވަސް ކަމަށް އިންޑިއާ ސަރުކާރުން ބުނެފި އެވެ.
ފިނޭންސް މިނިސްޓްރީގެ ފަރާތުން ހުޅުވާލައިފާވާ މި ޓެންޑަރުގައި ބައިވެރިވާން އިންޑިއާގެ އެގްޒިމް ބޭންކްގެ ފަރާތުން ވަނީ އިންޑިއާގެ ހަތަރު ކުންފުންޏެއް ޕްރީކޮލިފައި ކޮށްފަ އެވެ. މި ހަތަރު ކުންފުންޏަކީ ވެސް އެފަދަ މަޝްރޫއުތަކުގެ މަސައްކަތުގެ ތަޖުރިބާ އާއި، މަޝްރޫއުއަށް ބޭނުންވާ ޓެކްނިކަލް މާހިރުކަމާއި ގާބިލު ކަމާއި މާލީ ތަނަވަސްކަން ލިބިފައިވާ ކުންފުނިތަކެއް ކަމަށް އިންޑިއާ ސަރުކާރުން ބުނެ އެވެ.
މި މަޝްރޫއަށް ބިޑް ހުށަހެޅުން އަންނަ ބުދަ ދުވަހަށް ހަމަވާއިރު މި މަޝްރޫއުގެ ކޮންޓްރެކްޓް ކުރިއަށް އޮތް ތިން ހަފުތާ ތެރޭ ހަވާލު ކުރާނެ ކަމަށް ދިވެހި ސަރުކާރުން ވަނީ ބުނެފަ އެވެ.
އިންޑިއާ ސަރުކާރުން ބުނީ ތިލަމާލެ ބްރިޖް ބޭނުން ކުރަން ފެށުމުން މާލެ އާއި ވިލިމާލެ، ގުޅީފަޅު އަދި ތިލަފުށި އިންޑަސްޓްރިއަލް ޒޯން ގުޅާލަައިދޭ އެ ބްރިޖް ވެގެންދާނީ ރާއްޖޭގެ އިގްތިސޯދު ކުރިއެރުވުމަށް މަގުފަހި ކުރުވާނެ އިންޖީނަކަށެވެ.
މިއީ އިންޑިއާގެ އެގްޒިމް ބޭންކްގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީއެއްގެ ދަށުން ތަރައްގީ ކުރާ ގުޅީފަޅު ޕޯޓްގެ ބޭނުން އެންމެ އެކަށޭނެ ގޮތުގައި ހިފުމަށްޓަކައި ކޮންމެހެން މުހިންމު ބްރިޖް އަދި ކޯސްވޭ ލިންކެއް ކަމަށް ވެސް އިންޑިއާ އިން ބުނެ އެވެ.
މި މަޝްރޫއުގެ ކޮންސަލްޓެންޓަަކަށް ދިވެހި ސަރުކާރުން ހިޔާރު ކޮށްފައިވަނީ އިނގިރޭސި ވިލާތާއި ހޮންގްކޮންގްގެ ކުންފުންޏެކެވެ. މި މަޝްރޫއުއަށް ބޭނުންވާ ފައިނޭންސް ހަމަޖައްސާފައި ވަނީ އިންޑިއާ ސަރުކާރުން ފޯރުކޮށްދީފައިވާ 400 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް އަކާއި 100 މިލިއަން ޑޮލަރުގެ އެހީގެ ދަށުންނެވެ.
މި މަޝްރޫއުގެ މަސައްކަތް ގާތްގަނޑަކަށް ދެ އަހަރުގެ ތެރޭގައި ފުރިހަމަކުރާނެ ކަމަށް އިންޑިއާއިން ބުނެފައި ވެއެވެ.