ބިދޭސީން

ރާއްޖޭގައި ބިދޭސީންގެ އަދަދު 177،000 އިން މައްޗަށް

May 2, 2021
6

ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ އަދަދު 177،000 އަށް ވުރެ މަތި ކަމަށް މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކް (ސްޓެޓްސް) ގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.

ސްޓެޓްސް އިން އާންމު ކޮށްފައިވާ ތަފާސްހިސާބު ތަކަށް ބަލާއިރު މިއަހަރުގެ މާޗް މަހުގެ ނިޔަލަށް 177،585 ބިދޭސީން ރާއްޖޭގައި މަސައްކަތް ކުރަމުން ދިޔަ އެވެ. އެންމެ ގިނައީ ބަންގްލަދޭޝް މީހުންނެވެ. އެއީ ބިދޭސީ މަސައްކަތު އާބާދީގެ 63 ޕަސަންޓް ނުވަތަ 112،588 މީހުންނެވެ. ދެވަނައިގައި 28،840 މީހުންނާ އެކު އިންޑިއާ އޮތްއިރު ތިންވަނައިގައި އޮތީ ސްރީ ލަންކާ އެވެ. އެއީ 15،670 މީހުންނެވެ. ނޭޕާލްގެ 5،029 މީހުން މަސައްކަތް ކުރާއިރު ޗައިނާގެ 3،506 މީހަކު ވެސް ރާއްޖޭގައި މަސައްކަތް ކުރެ އެވެ.

ސްޓެޓިސްޓިކަލް ޕޮކެޓް ބުކްގައިވާ ތަފާސްހިސާބު ތަކުގައިވާ ގޮތުން ރާއްޖޭގައި މަސައްކަތް ކުރާ ދިވެހިންގެ އަދަދަކީ 181،144 އެވެ. އެއީ 107،426 ފިރިހެނުންނާއި 73،717 އަންހެނުންނެވެ. މާލޭގައި މަސައްކަތް ކުރަނީ 96،618 މީހުންނެވެ. އަތޮޅުތަކުގައި 87،526 މީހުންނެވެ.

ވަޒީފާ އަދާކުރާ އުމުރުގެ ދިވެހިންގެ ތެރެއިން 10،127 މީހުންނަކީ އެއްވެސް ވަޒީފާއެއް އަދާނުކުރާ ނުވަތަ ވަޒީފާއެއް ނެތް މީހުންނެވެ. އެއީ 6،422 ފިރިހެނުންނާއި 3،704 އަންހެނުންނެވެ. އެހެންކަމުން ވަޒީފާއަށް ދާންޖެހޭ އުމުރުގެ މީހުންގެ ތެރެއިން 5.3 އިންސައްތަ މީހުން ވަޒީފާ އަކަށް ނުދެ އެވެ. މާލެ ސަރަހައްދުގައި ވަޒީފާ ނެތް މީހުންގެ އަދަދު 6.1 އިންސައްތައިގައި ހުރިއިރު އަތޮޅުތަކުގައި އެ އަދަދު އުޅެނީ 4.4 އިންސައްތައިގަ އެވެ.

ސިވިލް ސާވިސްގައި 25،652 މީހުން މަަސައްކަތް ކުރަމުންދާއިރު މީގެތެރެއިން 9،280 މީހުން މަސައްކަތް ކުރަނީ މާލޭގަ އެވެ. އަތޮޅުތަކުގައި 16،372 ސިވިލް ސާވަންޓުން މަސައްކަތް ކުރެ އެވެ. ސިވިލް ސާވިސްގައި މަސައްކަތް ކުރާ 3 ޕަސަންޓް މީހުންނަކީ ބިދޭސީންނެވެ. މީގެތެރެއިން ގިނަ މީހުންނަކީ ޑޮކްޓަރުންނާއި ނަރުހުންނާއި ޓީޗަރުންނެވެ.

ރާއްޖޭގައި އެންމެ ގިނަ މީހުން ވަޒީފާ އަދާކުރަނީ ފަތުރުވެރިކަމުގެ ދާއިރާގަ އެވެ. އެ ދާއިރާގައި 44،954 މީހުން މަސައްކަތް ކުރާއިރު 21،332 މީހުންނަކީ ދިވެހިންނެވެ. އެއީ 48 ޕަސަންޓެވެ. ރިސޯޓްތަކުގައި މަސައްކަތް ކުރާ ދިވެހި އަންހެނުންގެ އަދަދު އުޅެނީ ތިން ޕަސަންޓްގަ އެވެ.

ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންގެ އަދަދު މަދުކުރުމަށް ތަފާތު ޕްރޮގްރާމުތައް ސަރުކާރުން ހިންގަ އެވެ. ހާއްސަކޮށް ތައުލީމީ ދާއިރާއާއި ސިއްހީ ދާއިރާއަށް މީހުން ބިނާކުރުމަށް ބޮޑު އިސްކަމެއްދެ އެވެ. އެކަމަކު ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންގެ އަދަދު ދަނީ އަހަރުން އަހަރަށް އިތުރުވަމުންނެވެ.