ބޯހިމެނުން

ބޯހިމެނުމުގެ މަސައްކަތަށް ޔުނިސެފުން 100 ޓެބްލެޓް ހަދިޔާކޮށްފި

Nov 23, 2021

ރާއްޖޭގައި އަންނަ އަހަރު ބާއްވާ ބޯހިމެނުމުގެ މަސައްކަތަށް ޔުނިސެފުން 100 ޓެބްލެޓް ހަދިޔާކޮށްފި އެވެ.

ބޯހިމެނުމުގެ ހުރިހާ ކަމެއް ރާވާ ހިންގާ އިދާރާގެ ހައިސިއްޔަތުން މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އަށް ޓެބްލެޓްތައް ހަދިޔާކުރީ އިއްޔެގެ ވަގުތެއްގަ އެވެ.

އަވަސް މީގެކުރިން ދެއްވި އިންޓަވިއުއެއްގައި ޗީފް ސްޓެޓިސްޓީޝަން އައިޝަތު ހަސަން ވިދާޅުވީ އަންނަ އަހަރުގެ ބޯހިމެނުން ކުރިއަށް ގެންދާނި ޑިޖިޓަލްކޮށް ކަމަށެވެ. ބޯހިމެނުމުގައި ބޭނުންކުރާނެ ސުވާލު ފޯމު ތައްޔާރު ކުރުމާއި ޓެބްލެޓްތަކުން ފޯމުތައް ފުރޭނެ ގޮތް ހަމަޖެއްސުމުގެ މަސައްކަތް ބިއުރޯ އިން މިހާރު ކުރަމުންދާ ކަމަށްވެސް ވިދާޅުވި އެވެ.

ބޯހިމެނުމުގެ މަސައްކަތްތައް ކުރިއަށް ގެންދާނެ ގޮތުގެ ތާވަލެއް ވެސް މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން ވަނީ ނެރެފަ އެވެ.

އެގޮތުން ބޯހިމެނުން ކުރިއަށް ގެންދާނީ އަންނަ އަހަރުގެ ސެޕްޓެމްބަރު 17 އިން 30 އަށެވެ. ބޯހިމެނުމުގެ ވަގުތީ ނަތީޖާ 6 އޮކްޓޯބަރު 2022 ގައި އިއުލާން ކުރާނެ އެވެ. ދާއިމީ ނަތީޖާ އެ މަހުގެ 20 ވަނަ ދުވަހު އިއުލާން ކުރާނެ އެވެ.

އަންނަ އަހަރުގެ ބޯހިމެނުމުގައި އާންމު ގޭބިސީތަކުގެ އިތުރުން އިގްތިސޯދީ މަސައްކަތްތަކުގެ ބޯހިމެނުން ވެސް ކުރިއަށް ގެންދިއުމަށް ނިންމާފައިވެ އެވެ. އަންނަ އަހަރު ބޯހިމެނުމުގައި ބޭނުންކުރާ ޝިއާރަކީ "މީ އަހަރުމެންގެ ބޯހިމެނުން- އަހަރެންވެސް ބައިވެރިވާނަން" އެވެ.

ދިވެހިރާއްޖޭގެ ބޯހިމެނުމުގެ ތާރީހު
ދިވެހިރާއްޖޭގައި އެންމެ ފުރަތަމަ ބޯހިމަނާފައި ވަނީ 1911 ވަނަ އަހަރުގަ އެވެ. އެއަށް ފަހު، ކޮންމެ 10 އަހަރަކުން އެއް އަހަރު ބޯހިމަނަމުން ގޮސް 1931 ވަނަ އަހަރާ ހިސާބުން އާބާދީގެ ބޯހިމެނުމަށް މެދުކެނޑުމެއް އަ އެވެ. އަލުން އެ މަސައްކަތް ފެށީ 1946، 1953 އަދި 1957 ގައެވެ. އޭގެ ފަހުން ދެން ބޯ ހިމެނުން މެދު ކެނޑުނީ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގަ އެވެ.

ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމާއެކު ބޯހިމެނުން މެދުކެނޑުމަށްފަހު ރާއްޖޭގައި އެންމެ ފަހުން ބޯހިމެނީ 2014 ވަނަ އަހަރު އެވެ. އެ އަހަރު މުޅި ރާއްޖޭގައި ކުރިއަށް ގެންދިޔަ ބޯހިމެނުމުގެ ނަތީޖާ ދައްކާ ގޮތުގައި އޭރު ރާއްޖޭގައި ދިރިއުޅޭ މީހުންގެ އާބާދީ އަކީ 402،071 އެވެ. މިހާރު ރާއްޖޭގެ އާބާދީ ސީދާ އަދަދު މުޅީން ސާފު ނުވާއިރު ބިދޭސީންގެ އަދަދުވެސް ސާފެއް ނުވެ އެވެ.