މޯލްޑިވްސް ޕޮލިސް ސާވިސް

ރޯދަ ފުރަތަމަ 15: އެންމެ ގިނައީ ވައްކަމުގެ މައްސަލަ

May 2, 2021

ރޯދަ މަހުގެ ފުރަތަމަ 15 ގައި އެންމެ ގިނައިން ހުށަހަޅާފައިވަނީ ވައްކަމުގެ މައްސަލަތައް ކަމަށް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

އަވަސް އަށް ފުލުހުން މިއަދު ހިއްސާކުރި ތަފާސްހިސާބުގައިވާ ގޮތުން ރޯދަ މަހުގެ ފުރަތަމަ 15 ވަނަ ދުވަހުގެ ނިޔަލަށް ޖުމްލަ 1،352 މައްސަލަ ހުށަހަޅާފައިވެ އެވެ. އެއީ މާލެ ސަަރަހައްދުން 843 މައްސަލަ އަކާއި އަތޮޅުތަކުން 509 މައްސަލަ އެވެ.

އެންމެ ގިނަ މައްސަލަ ހުށަހަޅާފައި ވަނީ މާލެ ސަރަހައްދުންނެވެ. އެގޮތުން ޖުމުލަ 843 މައްސަލަ މާލެ ސަރަހައްދުން ހުށަހަޅާފައިވެ އެވެ. ދެވަނަ އަށް އެންމެ ގިނަ މައްސަލަ ހުށަހަޅާފައިވަނީ ސައުތު ޕޮލިސް ޑިވިޝަން [ފުވައްމުލައް އަދި އައްޑޫ ސިޓީ] ހިމެނޭ ސަރަހައްދުންނެވެ. އެއީ 140 މައްސަލަ އެވެ. ތިންވަނަ އަށް އެންމެ ގިނަ މައްސަލަ ހުށަހަޅާފައިވަނީ އަޕަ ނޯތު ޕޮލިސް ޑިވިޝަން [ހއ، ހދ، ށ] ހިމެނޭ ސަރަހައްދުންނެވެ. އެ ސަރަހައްދުން 91 މައްސަލަ ހުށަހަޅާފައިވެ އެވެ.

ރޯދަ މަހުގެ ފުރަތަމަ 15 ގައި ހުށަހެޅުނު ވައްކަމުގެ މައްސަލަތަކުގެ އަދަދު އުޅެނީ 368 ގައެވެ. ވައްކަމުގެ އެންމެ ގިނަ މައްސަލަ ވެސް ރިޕޯޓްކޮށްފައިވަނީ މާލެ ސަރަހައްދުންނެވެ. އެއީ 277 މައްސަލަ އެވެ. ދެވަނަ އަށް އަޕަ ނޯތު ޕޮލިސް ޑިވިޝަނަށް ހުށަހަޅާފައިވަނީ ވައްކަމުގެ 32 މައްސަލަ އެވެ.

ކުށުގެ ބާވަތަށް ބަލާއިރު ދެވަނައަށް އެންމެ ގިނައިން ހުށަހަޅާފައިވަނީ މަސްތުވާތަކެތީގެ މައްސަލަތަކެވެ. އެގޮތުން ޖުމްލަ 156 މައްސަލަ ހުށަހަޅާފައިވެ އެވެ. މާލެ ސަރަހައްދަށް މަސްތުވާތަކެތީގެ 77 މައްސަލަ ހުށަހަޅާފައިވާއިރު ދެވަނަ އަށް މިބާވަތުގެ މައްސަަލަ އެންމެ ގިނައިން ހުށަހަޅާފައިވަނީ ނޯތު ސެންޓްރަލް ޕޮލިސް ޑިވިޝަން [ކ، އއ، އދ، ވ] ހިމެނޭ ސަރަހައްދުންނެވެ. އެއީ 19 މައްސަލަ އެވެ.

ރޯދަ މަހުގެ ފުރަތަމަ 15 ދުވަހުގެ ތެރޭގައި ތިންވަނައަށް އެންމެ ގިނައިން ހުށަހަޅާފައިވަނީ ޓްރެފިކްގެ މައްސަލަ ތަކެވެ. އެގޮތުން ޓްރެފިކާ ގުޅުންހުރި ޖުމްލަ 129 މައްސަލަ ހުށަހަޅާފައިވެ އެވެ. ޓްރެފިކްގައި ވެސް އެންމެ ގިނަ މައްސަލަ ހުށަހަޅާފައިވަނީ މާލެ ސަރަހައްދުންނެވެ. އެއީ 100 މައްސަލަ އެވެ. ދެވަނަ އަށް އެންމެ ގިނައިން ޓްރެފިކްގެ މައްސަލަ ހުށަހަޅާފައިވަނީ ސައުތު ޕޮލިސް ޑިވިޝަނުންނެވެ. އެއީ 15 މައްސަލަ އެވެ.

ރޯދަ މަހުގެ ފުރަތަމަ 15 ގައި ހުށަހެޅުނު އިތުރު މައްސަލަތަކުގެ ތެރޭގައި މާރާމާރީގެ 85 މައްސަލަ އާއި، އޮޅުވާލައިގެން ފައިސާ ހޯދުމުގެ 54 މައްސަލައާއި، މުދަލަށް ގެއްލުން ދިނުމުގެ 53 މައްސަލައާއި، ޖިންސީ ފުރައްސާރައިގެ 24 މައްސަލަ އާއި، ގެވެށި އަނިޔާގެ 24 މައްސަލައާއި، ފޭރުމުގެ 20 މައްސަލަ ވެސް ހުށަހަޅާފައިވެ އެވެ. އެންމެ މަދުން ހުށަހަޅާފައިވަނީ ސައިބާ ކްރައިމްގެ މައްސަލަ ތަކެވެ. އެގޮތުން އެފަދަ ހަ މައްސަލައެއް ވަނީ ހުށަހަޅާފަ އެވެ.

މީގެއިތުރުން ރޯދަ އަށް ހުރުމަށްފަހު ރޯދަ ދޫކޮށްލި ކަމަށް ބުނާ 10 މައްސަލަ ވެސް ރޯދަ މަހުގެ ފުރަތަމަ 15ގެ ތެރޭގައި ފުލުހުންނަށް ހުށަހަޅާފައިވެ އެވެ. މިމުއްދަތުގެ ތެރޭގައި ތަފާތު ކުށްތަކުގައި ހައްޔަރުކުރި މީހުންގެ ތެރެއިން 13 މީހަކަށް ކޯޓުން މުއްދަތު ޖަހައިދީފައިވެ އެވެ.

އެެންމެ ކުށް މަދު ސަރަހައްދުގެ ގޮތުގައި ފާހަގަކުރެވެނީ ސެންޓްރަލް ޕޮލިސް ޑިވިޝަން [ދ، ފ އަދި މ] ހިމެނޭ ސަރަހައްދެވެ. އެގޮތުން ރޯދަ މަހުގެ ފުރަތަމަ 15 ގައި އެ ސަރަހަށްދުން ހުށަހަޅާފައިވަނީ ޖުމުލަ 36 މައްސަލަ އެވެ.