މަސައްކަތުގެ މާހައުލުގައި ކުރިމަތިވާ ޖިންސީ ގޯނާ އާއި ފުރައްސާރައާއި ދެކޮޅަށް މާލޭގައި ރޭ ކުރިއަށް ގެންދިޔަ މުޒާހަރާ ރޫޅާލި ގޮތާ ގުޅޭ ގޮތުން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ސުވާލުކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.
އިމްރާނާ ސުވާލުކުރެއްވުމަށް ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކައިލް ނަސީމް އެވެ.
މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް މިއަދު ފޮނުއްވާފައިވާ ސިޓީއެއްގައި މީކާއިލް ވަނީ އިމްރާނާ ކުރައްވަން ބޭނުންފުޅުވާ ފަސް ސުވާލު ފޮނުއްވާފަ އެވެ.
މީކާއިލް ކުރައްވާ ސުވާލުތައް
- ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކޮށްގެން މުޒާހަރާ ރޫޅާލުމުން އެއްވެސް ފުލުހަކަށް ފިޔަވަޅު އެޅިތޯ އެޅީ ކޮން ފިޔަވަޅެއްތޯ؟
- މުޒާހަރާ ރޫޅާލި ފުލުހުން ތިބީ ގާނޫނާ އެއްގޮތަށް ޔުނީފޯމް އަޅައި، ސާވިސް ނަންބަރު ފެންނަ ގޮތަށްތޯ؟
- މުޒާހަރާ ރޫޅާލީ ކަމާ ގުޅޭ ތަމްރީން ލިބިފައި ތިބި ފުލުހުންތޯ؟
- މުޒާހަރާ ރޫޅާލާއިރު ބޮޑީ ކެމަރާ ބޭނުން ނުކުރަނީ ކީއްވެ؟
- މީހުންގެ ވަނަވަރު އާންމުކުރާއިރު އެއް އުސޫލަކުން އެކަން ނުކުރަނީ ކީއްވެ؟
ޒުވާނުންތަކެއް ހިމެނޭ "ރައިޒް އަޕް އެމްވީ" މޫވްމަންޓުން އިންތިޒާމުކޮށްގެން ކުރިއަށް ގެންދިޔަ މުޒާހަރާ ފެށީ ރޭ ރަސްފަންނު ސަރަހައްދުންނެވެ.
މުޒާހަރާގެ ބައިވެރިން ވަނީ ޖިންސީ ގޯނާއާއި ޖިންސީ ފުރައްސާރަ ކުރުމުގެ ތުހުމަތު ލިބޭ މީހުންނަށް ފިޔަވަޅު ނޭޅޭ ކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
އަޑުގަދަ ކުރާ ބޭނުންކޮށްގެން ރަސްފަންނު ސަރަހައްދުގައި އަޑުުއުފުލުމަށްފަހު މުޒާހަރާގެ ބައިވެރިން ވަނީ އެމީހުންގެ ޝުއޫރުތައް ފާޅުކުރަމުން މަޖީދީ މަގުން އިރަށްވާ ގޮތަށް ކުރިއަށް ގޮސްފަ އެވެ. އެކަމަކު މަޖީދީ މަގު ސަން ފްރޮންޓް ފިހާރަ އާއި ހަމައިން ފުލުހުން ވަނީ އިހްތިޖާޖުގެ ބައިވެރިން ހުއްޓުވާފަ އެވެ. އަދި މުޒާހަރާގެ ބައިވެރިންނަށް ސީދާ އަމާޒުކޮށް ވަރަށް ގަދައަށް ޕެޕާސްޕްރޭ ޖަހައި ބައެއް މީހުންނަށް އަނިޔާވާ ގޮތަށް ފުލުހުން ވަނީ ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކޮށްފަ އެވެ.
އެ މަންޒަރުތަކުގެ ފޮޓޯތަކާއި ވީޑިއޯތައް ސޯޝަލްމީޑިއާގައި އާންމުވުމާ ގުޅިގެން ފުލުހުންނަށް ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވި އެވެ. އެހެންކަމުން ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވަނީ އެ މައްސަލަ ބެލުމަށް ފުލުހުންގެ ކަމާ ގުޅޭ ކޮމިޓީތަކަށް އަމުރުކުރައްވާފަ އެވެ. އަދި އެޗްއާރްސީއެމުން ވެސް ވަނީ އެ މައްސަލަ ބަލަމުންދާ ކަމަށް ބުނެފަ އެވެ.