ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގެ އިތުބާރު ނެތް ކަމަށް ބުނެ އިދިކޮޅު ކޯލިޝަނުން ހުށަހަޅާފައިވާ މައްސަލަ މާދަމާގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް އެޖެންޑާ ކޮށްފި އެވެ.
މަޖިލީހުގެ އިދާރާއިން އާއްމުކޮށްފައިވާ އެޖެންޑާގައި މާދަމާގެ ޖަލްސާގައި މަޖިލީހުގެ ރައީސްގެ މޭޒުން ހުށަހަޅާ ކަންކަމުގެ ތެރޭގައި އިމްރާންގެ މައްސަލަ ހިމަނާފައިވާއިރު، ހެނދުނު 9:00 ގައި ފެށޭ ޖަލްސާގެ އެންމެ ފުރަތަމަ މަސައްކަތެއްގެ ގޮތުގައި އެ މައްސަލަ ކުރިއަށް ގެންދާނެކަމަށް ބެލެވެ އެވެ.
އިމްރާންގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ ބަހުސަށް ދެ ގަޑިއިރު މަޖިލީހުގެ އާންމު ކޮމިޓީން ވަނީ ކަނޑައަޅައިފަ އެވެ.
އަދި އިމްރާނަށް ދިފާއުގައި ވާހަކަ ދެއްކެވުމަށް 10 މިނެއްޓު ގެ ފުރުސަތު ދިނުމަށާއި އަދި ބަހުސްގެ މެދުތެރެއިން އިތުރު 10 މިނެއްޓު އަދި ބަހުސް ނިމުމުން އިތުރު 10 މިނެޓާއެކު ޖުމްލަ 30 މިނެއްޓު ކޮމިޓީން ވަނީ ކަނޑައަޅައިފަ އެވެ.
އެ މައްސަލަ އިދިކޮޅުން ހުށަހަޅާފައިވަނީ ނޫސްވެރިޔާ އަހުމަދު ރިލްވާންގެ މައްސަލަ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާ ގުޅުވައި ދެއްކި ޑޮކިއުމަންޓްތަކާ ގުޅޭގޮތުން މަޖިލީހަށް އިތުރުފުޅު ހައްދަވާފައިވާ ކަމަށް ބުނެ އެވެ.
އަދި ހުޅުމާލެ ފަޅުތެރޭގައި އޮތް ސަފާރީއެއްގައި ބިދޭސީ އަންހެނަކު ރޭޕް ކޮށްފައިވާ ކަމަށް ބުނެ ފެތުރުނު ވާހަކަތައް ހޯމް މިނިސްޓަރުގެ މަގާމުގައި ހުންނަވައިގެން އިމްރާން އޮޅުވާލައްވައި، ތަހުގީގަށް ހުރަސްއެޅޭ ގޮތަށް އަމަލު ކުރައްވާފައިވާ ކަމަށްވެސް އިދިކޮޅުން ބުނެފައިވެ އެވެ.
ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީގެ ރައީސްކަންވެސް ކުރައްވާ އިމްރާންގެ މައްސަލަ މާދަމާގެ ޖަލްސާއަށް އެޖެންޑާކޮށްފައިވާއިރު، އޭނާގެ މައްޗަށް އިތުބާރުއޮތްކަމަށް މަޖިލީހުގެ ސާފު އަގުލަބިއްޔަތު އޮންނަ އެމްޑީޕީގެ ޕާލިމަންޓަރީ ގުރޫޕުން މިއަދު ވަނީ ފާސްކޮށްފައި އެވެ.
އެއާއެކު، އެ މައްސަލަ އިމްރާނާ ދެކޮޅަށް ފާސްވާނެކަމަކަށް ނުބެލެވެ އެވެ.