ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

އެންމެ ފަހުން ރަށު ބަންދަށް، އިހުމާލެއްތަ؟

ރާއްްޖެ މިހާރު ތަހަންމަލު ކުރަމުންދަނީ ކޮވިޑް-19ގެ ބަލިމަޑުކަމުގެ އެންމެ ނުރައްކާތެރި ދުވަސްތަކެވެ. ކޮވިޑްގެ ހަތަރުވަނަ ރާޅެއް ރާއްޖެ އަރައިފި އެވެ. ކަމާބެހޭ އިދާރާ ތަކުން މިފަހަރު އެކަން އިއުލާނު ނުކުރި ނަމަވެސް ކޮވިޑްގެ ނަންބަރު ތަކުން ރާއްޖެ ބިރު ގަންނަވާލައިފި އެވެ. ކޮންމެ ދެ ދުވަހުން ހާހެއްހާ މީހުންނަށް ދަނީ ބަލި ޖެހެމުންނެވެ. މިދިޔަ ސައުވީސް ގަޑިއިރަކީ ކޮވިޑްގައި ދިވެހިން ހޭދަކުރި 421 ދުވަސްތެރޭ އެންމެ ގިނަ ބަޔަކަށް ބަލި ޖެހުނު ދުވަހެވެ. އިއްޔެ ވަނީ 508 މީހަކަށް ބަލި ޖެހިފައެވެ. ބަލި ޖެހުނު މީހުންގެ ތެރެއިން 276 މީހުންނަކީ މާލޭ ސަރަހައްދުން ބަލި ޖެހުނު މީހުނެވެ. 185 މީހުން ޕޮޒިޓިވްވީ އަތޮޅުތަކުގެ ތެރެއިންނެވެ. ރިސޯޓް ތަކުން 12 މީހަކު ޕޮޒިޓިވްވެފައިވެ އެވެ. އިންޑަސްޓްރިއަލް މަސައްކަތް ކުރާ ރަށްތަކުން ވެސް 32 މީހަކު ޕޮޒިޓިވްވި އެވެ. އެއީ 3،500 ސާމްޕަލުންނެވެ. މިހާތަނަށް ރާއްޖެ އިން ޕޮޒިޓިވްވީ މީހުންގެ އަދަދު ވަނީ 30،000 އަށް އަރާފަ އެވެ.

ކޮވިޑްގެ ހާލަތު ދުވަހަކު ގޯސްނުވާ މިންވަރަށް ރާއްޖޭގައި ގޯސްވަމުން ދިޔަނަމަވެސް މީގެ ކުރީން ހާލަތު ގޯސްވާ ފަހަރުތަކުގައި ދައުލަތުގެ އިދާރާތަކުން އަމަލު ކުރި ގޮތާއި މިހާރު އަމަލު ކުރާ ގޮތް ވަރަށްވެސް ތަފާތެވެ. ކޮވިޑް ނަމްބަރު ވަރަށް ސީރިއަސް އެވެ. ނަމަވެސް އިދާރާ ތަކުން ސީރިއަސް ކަމެއް ނުފެނެ އެވެ. ހަތަރު ފަސް ދުވަހު ވެސް ޕޮޒިޓިވް ރޭޓް 400 އިން މަތީ ހުރިއިރު ރައްޔިތުން ސަމާލު ކުރުވުމަށް އެއްވެސް ކަމެއް ނުކުރެ އެވެ. ސަރުކާރުން އިސްވެ އެ ވާހަކަ ވެސް ނުދައްކަ އެވެ. ކޮވިޑްގެ ބަލިމަޑުކަމުގެ މެންޑޭޓް އޮތް އެޗްޕީއޭ އާއި އެ އިދާރާ އިން ހިންގާ އެޗްއީއޯސީގެ ޒިންމާއަކީ ކޮވިޑް ނަންބަރުތައް ހާމަކުރުން އެކަންޏެވެ. އެ ނޫން އިތުރު ކަމެއް ނުފެނެއެވެ.

ނަމަވެސް ކުއްލި ގޮތަކަށް ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތް އިއްޔެ ވަނީ އެންގުމެއް އަންގާފަ އެވެ. ބޮޑު އެންގުމެކެވެ. އެ އެންގުމުގައިވާ ގޮތުން މާދަމާއިން ފެށިގެން މާލެ، ވިލިމާލެ، ހުޅުމާލެ، ތިލަފުށި އަދި ގުޅިފަޅު ފިޔަވައި އެއް ރަށުން އަނެއް ރަށަށް ދަތުރު ކުރުން މަނަ އެވެ. އެ އެންގުމުން އިސްތިސްނާވަނީ ޒަރޫރީ ބޭނުންތަކަށް ކޮންމެހެން ކުރާން ޖެހޭ ދަތުރުތައް އެކަންޏެވެ. އެންގުމުގައިވާ ގޮތުން ރައްޔިތުންނަށް ބޭނުންވާ ކާބޯތަކެއްޗާއި ޒަރޫރީ ތަކެތި ފޯރުކޮށް ދިނުމަށް ކުރާ ދަތުރުތަކާއި މަސައްކަތްތަކަށް ކައުންސިލްތަކުން މަގު ފަހިކޮށްދޭން ޖެހެއެވެ.

މިދިޔަ ހަތް ދުވަހުގެ ކޮވިޑް ނަންބަރު

  • އޭޕްރީލް 26 - 328 ކޭސް
  • އޭޕްރީލް 27 - 386 ކޭސް
  • އޭޕްރީލް 28 - 464 ކޭސް
  • އޭޕްރީލް 29 - 318 ކޭސް
  • އޭޕްރީލް 30 - 465 ކޭސް
  • މެއި 1 - 402 ކޭސް
  • މެއި 2 - 508 ކޭސް

ޑިރެކްޓަރު ޖެނެރަލްގެ ނިންމުމާއެކު މުޅި ރާއްޖެ ބަންދުވީ އެވެ. މިހާރުވެސް ލޮކްޑައުންއެއްގައި އޮތް މާލެ ސަރަހައްދު ނޫން އެހެން ސަރަހައްދުތަކުގައި އެއް ރަށުން އަނެއް ރަށަށް ދިއުން މަނާވީއެވެ. މި ނިންމުމާމެދު އަތޮޅުތަކުގެ ރައްޔިތުންނަށް ބޮޑު ދައްޗަކާއި އެތައް ތަކުލީފެއް ކުރިމަތިވާނެ އެވެ. ނަމަވެސް ކޮވިޑްގެ ހާލަތު މިހާރު އޮތް ގޮތުން މިއީ މަޖުބޫރު ފިޔަވަޅެކެވެ. ހަގީގަތުގައި ފިޔަވަޅު އެޅުން މާބޮޑަށް ލަސްވެސް ވެއްޖެ އެވެ.

ކުރީގެ ފަހަރުތަކުގައިހެން މިފަހަރު ކޮވިޑްގެ ނުރައްކާ އޮތީ މާލެ ސަރަހައްދުގައި އެކަންޏެއް ނޫނެވެ. އަތޮޅުތެރޭގެ ހާލަތު މިއަދު މާ ގޯހެވެ. އެހެންވީމަ މުޅި ރާއްޖެ މި އޮތީ ކޮވިޑްގެ ނުރައްކާތެރި ހާލަތެއްގައެވެ. 79 ރަށެއްގައި ކޮވިޑްގެ ބަލި މީހުން އެބަތިއްބެވެ. ބައެއް ރަށްރަށުގައި ކޭސްތައް ހުރީ 300 އިން މަތީގައެވެ. އެތައް ރަށެއްގައި 200 އިން މަތީގައި ކޮވިޑް ކޭސްތައް އެބަހުއްޓެވެ. އެ ނަންބަރު ކޮންމެ ދުވަހަކު އެ ދަނީ އުފުލެމުންނެވެ.

ބައެއް ރަށްރަށުން ކަރަންޓީންގައި ނެތް މީހުން ދަނީ ޕޮޒިޓިވްވަމުންނެވެ. އެފަދަ ބައެއް ކޭސްތަކާއި ގުޅިގެން އެތައް ބަޔަކު ނުރައްކަލަށް ހުށައެޅި ބަލި ޖެހުމުގެ ފުރުސަތު ބޮޑުވެފައިވެއެވެ. އަތޮޅުތެރޭގައި ބަލި ޖެހިފައިވާ މީހުންގެ އަދަދަކީ 1،902 އެވެ. އެއީ 1،342 ދިވެހިންނާއި 560 ބިދޭސީންނެވެ. އެންމެ ގިނައިން ބަލި މީހުން ތިބީ ޅ. ނައިފަރާއި ކ. މާފުށި އަދި އއ. މަތިވެރީގައެވެ. މާފުށީގައި ބަލި ޖެހިފައިވާ 300 ވުރެ ގިނަ މީހުން އެބަތިއްބެވެ. ނައިފަރާއި މަތިވެރީގެ އިތުރުން މާންދޫގެ ނަންބަރު ހުރީ 250 އިން މަތީގައެވެ.

ކޮވިޑްގެ ހާލަތު އެންމެ ގޯސް ރަށްތައް

  • މާފުށި - 350 ކޭސް
  • ނައިފަރު - 272 ކޭސް
  • މާންދޫ - 253 ކޭސް
  • މަތިވެރި - 218 ކޭސް
  • އޭދަފުށި - 146 ކޭސް
  • ހިންމަފުށި - 104 ކޭސް
  • ވޭމަންޑޫ - 74 ކޭސް
  • އުކުޅަސް - 73 ކޭސް
  • ގުޅި - 44 ކޭސް
  • މާމިގިލި - 38 ކޭސް

ކޮވިޑް ކޭސްތައް ފެނިގެން މިވަގުތުވެސް 25 ރަށެއް އޮތީ މޮނިޓަރިންގައެވެ.

އެއީ ޅ. ނައިފަރާއި އދ. މާމިގިއްޔާއި ތ. ވޭމަންޑޫ އާއި އެ އަތޮޅު މަޑިފުއްޓާއި އއ. ބޮޑުފުޅަދޫ އާއި ކ. ހިންމަފުއްޓާއި ގުޅި އަދި މާފުށީގެ އިތުރުން އއ. މަތިވެރި އާއި ލ. މާންދޫ އާއި ގަމާއި ފޮނަދޫ އާއި ގދ. ތިނަދޫ އާއި އއ ކުޅަހާއި ކ. ތުލުސްދޫ އާއި ލ. ދަނބިދޫ އާއި އއ. ރަސްދޫ އާއި މ. ކޮޅުފުއްޓާއި އައްޑޫ ސިޓީ އާއި އދ. ދަނގެތި އާއި ހއ. ދިއްދޫ އެވެ. ދެން އޮތީ އިއްޔެ މޮނިޓަރިން އަށް ގެނައި ކުޅުއްފުއްޓާއި ހިމަންދޫ އެވެ.

ހާލަތު ގޯސްވީ އިހުމާލުވުންތަ؟

ކޮވިޑްގެ ހާލަތު މިހާ ބޮޑަށް ގޯސްވެފައިވާއިރު ފިޔަވަޅު އެޅުމުގައި ފަސްވެފައިވާ ކަމުގެ ތުހުމަތާއި ކުރީން ފިޔަވަޅުތައް ދޫކޮށްލުމުގައި ގޯސްތަކެއް ހަދާފައިވާ ކަމުގެ ތުހުމަތު އެބައޮތެވެ.

މި އަހަރު ފެށުނީއްސުރެ ކޮވިޑްގެ ހާލަތު އޮތީ ވަރަށް ބޮޑަށް ގޯސްކޮށެވެ. ނޮވެންބަރު އަދި ޑިސެންބަރުގައި ނަންބަރުތައް ދަށަށް ދިޔަނަމަވެސް އަހަރު ފެށުމާއެކު ނަންބަރުތައް މައްޗަށް ދާން ފެށިއެވެ. ފެބްރުއަރީގައި ކޮވިޑްގެ ތިންވަނަ ރާޅެއް ކުރިމަތިވިއެވެ. ޕޮޒިޓިވް ނަންބަރު ގިނަ ދުވަސް ދުވަހު ހުރީ 100 އިން މަތީގައެވެ. ބައެއް ދުވަސް ދުވަހު 200 އިން މަތީގައިވެސް ހުއްޓެވެ.

އޭގެ ފަހުން މާޗް މަހު ޕޮޒިޓިވް ނަންބަރު ތަންކޮޅެއް ދަށަށް ދިޔަ އެވެ. އެކަމަކު ސިއްހީ މާހިރުން އޭރު ވިދާޅުވި ގޮތުގައި އެއީވެސް ހިތްހަމަޖެހޭ ފަދަ ނަންބަރެއް ނޫނެވެ. ޕޮޒިޓިވް ރޭޓް ހުރީ ހިތްހަމަޖައްސާލަން ޖެހޭ ވަރަށްވުރެ މާމަތީގައި ކަމަށެވެ. ނަމަވެސް ކުއްލި ގޮތަކަށް ކައުންސިލް އިންތިހާބާ ދިމާކޮށް ފިޔަވަޅުތަކަށް ލުއި ދޭން ފެށި އެވެ. ކާފިއު ވަގުތު ނިމުމަކަށް ގެނެސް، ވެހިކަލް މަނާ ގަޑި އުވާލިއެވެ. އަދި ވޯޓްލާން ރަށްރަށަށް ދިއުމުގެ ހުއްދަ ވެސް ދިނެވެ. ބައެއް ހުއްދަތައް ދިނުމަށް ފަހު ފާޑުކިއުން އަމާޒުވެ ސައުވީސް ގަޑިއިރު ނުވަނީސް އުވާލަން ވެސް ޖެހުނެވެ. އޭގެ އެއް މިސާލަކީ ކެންޑިޑޭޓުންނަށް ކެމްޕޭން ޓީމުތަކާއެކު ކަރަންޓީން ނެތި ރަށްރަށަށް ދާން ހުއްދަ ދިން ދިނުމެވެ.

ކޮވިޑްގެ ހާލަތު މި ފަހުން ގޯސްވާން ފެށުމުން ފިޔަވަޅު އެޅުން ފަސްވުމުން އެތައް ބައެއްގެ ފާޑުކިޔުން އަމާޒުވި އެވެ. އާންމުންގެ ފާޑުކިޔުންތަކާއެކު ޑޮކްޓަރުންނާއި ސިއްހީ ދާއިރާގެ ބޭފުޅުންގެ ވަރަށް ބޮޑު ކަންބޮޑުވުމެއް ވެސް އޮތެވެ. އަވަސް އާ ވާހަކަ ދެއްކި ބައެއް ޑޮކްޓަރުން ވިދާޅުވި ގޮތުގައި ރާއްޖޭގެ ހާލަތު އެންމެ ބޮޑަށް ގޯސް ވެގެން ދިޔައިރު އެކަށީގެންވާ އެއްވެސް ފިޔަވަޅެއް ނެތެވެ.

"ރާއްޖެ ދެކޭ އެންމެ އުނދަގޫ ދުވަސްތައް މިދަނީ. ނަމަވެސް މާސްކު އަޅަން މަޖުބޫރުކަން ނޫނީ އެއްވެސް ކަމެއް ނެތް. ނަމަވެސް އެއީ ނަމެއްގައި އޮތް މަޖުބޫރު ކަމެއް. ކިތަން މީހުން މަގުމަތީ އުޅޭއިރު މާސްކު ނާޅާ އުޅެނިގެން ފެނޭ؟ އެކަންކަން ހުއްޓުވަން އެއްވެސް ކަމެއް ކުރޭތަ؟ ނުކުރޭ ދެއްތޯ. މިއީ މި ދައްކާ ވާހަކައަކީ،" އައިޖީއެމްއެޗްގެ ޑޮކްޓަރަކު ސުވާލު ކުރެއްވި އެވެ.

އެހެން ޑޮކްޓަރަކު ވިދާޅުވި ގޮތުގައި ކޮވިޑްގެ ހާލަތު ގޯސްވުމުގައި ކޮންމެވެސް އެއް ދިމާއަކުން އިހުމާލެއް އެބައޮތެވެ. އެންމެ ބޮޑު ގޯހަކީ ކައުންސިލް އިންތިހާބަށް ދިން ލުއިތަކެވެ. އަދި އިންތިހާބަށް ފަހުވެސް އެ ލުއިތައް އެ ގޮތުގައި ދެމެހެއްޓުމެވެ. ނޫން ނަމަ ފިޔަވަޅުތައް ވަރުގަދަ ނުކޮށް އޮތް އޮތެވެ.

އެ ޑޮކްޓަރު ވިދާޅުވި ގޮތުގައި ލުއިތައް ދިނީ ސިއްހީ މާހިރުން ބޭނުން ވެގެނެއް ނޫނެވެ. ސާފުކޮށް ދެކޮޅު ހަދާ ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށެވެ. ނަމަވެސް ސިޔާސީ ނުފޫޒު އޮތީ މާހިރުންގެ އެ އަޑުތަކަށް ތަބާވެވޭނެ މިންވަރަކަށް ނޫނެވެ. އޯޑަރު އޮތީ ލުއި ދިނުމަށް އަންގަ އެވެ. އެހެންވީމަ އެކަން ކުރަން ޖެހުނީ އެވެ.

ނަމަވެސް، ނަންބަރު ދަށް ނުވެ ކުއްލިއަކަށް ވަކި ކަމަކަށް ޓާގެޓްކޮށް ލުއިތައް ދިނުމަކީ އަލުން ފިޔަވަޅުތައް އަޅަން ޖެހޭއިރު ކުރިމަތިވާނެ ބޮޑު ގޮންޖެހުމެކެވެ. މިފަހަރު މިއީ އެހެނެވެ. ހާލަތު އެންމެ ގޯސްވީއިރު ފިޔަވަޅުތައް ހަރުކަށި ނުކުރެވި ވަނީ ރައްޔިތުންގެ ކުރިމަތީ މުއައްސަސާތަކުން އަމަލު ކުރި ގޮތުންނެވެ. ފިޔަވަޅުތަކަށް ލުއި ދިނުން "ޖޯކް" އަކަށް ހެދީމައެވެ. އިހުމާލަކީ އެއީއެވެ.

ފިޔަވަޅު އެޅުމާއި، ބޯލެބުލުން މުހިންމު

ކޮވިޑްގެ ބަލިމަޑުކަމާއި ގުޅިގެން މީގެ ކުރީން އެޅި ފިޔަވަޅުތަކަށް އާންމުން ވަރަށް ބޮޑަށް ތަބާވިއެވެ. ހާއްސަކޮށް ބަލިމަޑުކަމުގެ ކުރީކޮޅު އެވެ. ގޭގައި ބަންދުވެ އެތައް މަހެއް ހޭދަކުރީ މުއައްސަސާތަކުގެ އިލްތިމާސަށެވެ. އަމިއްލަ ސަލާމަތާއި މުޅި މުޖްތަމައުގެ ރައްކާތެރިކަމަށް ޓަކައެވެ. ބަލީން ސަލާމަތްވާން އޮތް އެންމެ ރަނގަޅު ގޮތަކީ އެއީ ކަމުގައިވީތީއެވެ.

ނަމަވެސް ކޮވިޑްގެ ފިޔަވަޅުތަކަށް ލުއި ދިނުމުގައި ބައެއް ފަހަރު އަމަލު ކުރެވޭ ގޮތާއި ފިޔަވަޅުތައް ހަރުކަށި ކުރުމުގައި އަމަލު ކޮށްފައިވާ ގޮތުން އެތައް ބައެއްގެ އިތުބާރު މުއައްސަސާތަކަށް ގެއްލުނެވެ. ވަކި ކަމަކަށް އަމާޒުކޮށް ކޮންމެ ބުރާސްފަތި ދުވަހެެއްގެ ރޭ ފިޔަވަޅުތައް ހަރުކަށި ކުރި ދުވަސްތަކެއްވެސް ހިނގައްޖެއެވެ. އިންތިހާބަށް ފިޔަވަޅުތައް އެތައް ލުއިތަކެއް ދިނެވެ. މިފަދަ އެތައް ސަބަބާހެދި އަލުން ފިޔަވަޅުތައް ހަރުކަށި ކުރިނަމަވެސް އެ ފިޔަވަޅުތަކަށް ގިނަ ބަޔަކު ތަބާނުވެ ދާނެ ކަމުގެ ކަންބޮޑުވުން ސިއްހީ މާހިރުންގެ އެބައޮތެވެ.

ނަމަވެސް މިއަދުގެ ހަގީގަތް ގަބޫލުކުރަން ޖެހެއެވެ. ޕޮޒިޓިވް ނަންބަރު ކޮންމެ ދުވަހަކު މައްޗަށް ދާއިރު މި ހާލަތު މި ގޮތުގައި ދެމިގެން ހިނގައްޖެނަމަ ކޮންމެ ދެ ދުވަހަކުން ހާހެއްހާ މީހުންނަށް ބަލި ޖެހިދާނެ އެވެ. މި ބަލީގައި ހާލަތު ގޯސްވެ އެތައް ބަޔަކު މަރުވެދާނެ އެވެ.

މި މަހުގެ ފުރަތަމަ ހަތަރު މަސް ނިމިގެންދިޔައިރު 22 މީހަކު މި ބަލީގައި މަރުވެއްޖެ އެވެ. މިއީ ރާއްޖެ ފަދަ ގައުމަކާއި ބަލާއިރު ވަރަށް ބޮޑު އަދަދެކެވެ. ކަންބޮޑުވާން ޖެހޭ އަދަދެއް ވެސް މެއެވެ. މި ހަތަރު މަހު ޕޮޒިޓިވް ނަންބަރުވެސް ހުރީ އިންތިހާ މަތީ އެވެ. އޭޕްރީލް 15، 2020 އިން ފެށިގެން ޑިސެންބަރު 31، 2020 ގެ ނިޔަލަށް ޕޮޒިޓިވްވީ 13،753 މީހުންނެވެ. ނަމަވެސް މިދިޔަ ހަތަރު މަހު އެ ނަންބަރު ވަނީ 30،745 އަރާފައެވެ. މާނައަކީ އެންމެ ހަތަރު މަހުން 16،992 މީހަކަށް ބަލި ޖެހިފައިވުމެވެ. ނުވަ މަހުން ބަލި ޖެހުނު މީހުންގެ އަދަދަށް ވުރެ ހަތަރު މަހުން ބަލި ޖެހުނު މީހުންގެ އަދަދު އެތައް ހާހެއް އިތުރުވެ.

އަނެއްކޮޅުން އަތޮޅުތެރޭގެ 79 ރަށެއްގައި އެތައް ސަތޭކަ ބަލި މީހަކު އެބަތިއްބެވެ. އެހެންވީމަ މިއީ ކޮވިޑްގެ ހާލަތު ބޮޑުތަނުން ގޯސްނުވަނީސް ފިޔަވަޅުތައް ހަރުދަނާ ކުރަން ޖެހޭ ވަގުތެވެ. އަދި އެ ފިޔަވަޅުތަކަށް އެންމެން ބޯލަން ޖެހޭ ވަގުތެކެވެ. މުޅި މުޖްތަމައުގެ ރައްކާތެރިކަމަށްޓަކައި އެއީ މަޖުބޫރު ކަމެކެވެ. އެހެން ނޫނީ ހާލަތު މާބޮޑަށް ގޯސްވެ ހިތާމަކުރަން ޖެހިދާނެ އެވެ.