ވެރިކަމުގެ ނިޒާމު ބަދަލު ކުރުމާއި ގުޅޭ އެއްވެސް މަޝްވަރާއެއް ސަރުކާރުގެ ތެރޭގައި ހިނގާފައި ނުވާ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނެފި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިރޭ އޮތް ނޫސްވެރިންގެ ބައްދަލްވުމެއްގައި ތަރުޖަމާން މަބުރޫކް އަޒީޒު ވިދާޅުވީ ނިޒާމު ބަދަލުކުރުމުގެ ވާހަކައެއް ސަރުކާރުގެ ތެރޭގައި ނެތް ކަމަށާ އެކަހަލަ މަޝްވަރާއެއް ނުހިނގާ ކަމަށެވެ.
މަބުރޫކް މިރޭވެސް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްގެ "ފޯކަސް" އޮތީ ނިޒާމު ބަދަލު ކުރުމުގެ ބަހުސަށް ނޫން ކަމަށާ ރައީސްގެ "ފޯކަސް" އޮތީ އިގްތިސާދު ރަނގަޅު ކުރުމަށް ކަމަށެވެ. އަދި އެމަނިކުފާނު ވެވަޑައިގެންފައިވާ ވައުދުތައް ފުއްދެވުމަށް ކަމަށެވެ.
ސަރުކާރު އުވާލާ ރާއްޖޭގެ ހިންގުން ބަރުލަމާނީ ނިޒާމަށް ބަދަލުކޮށް ބޮޑުވަޒީރުކަން ބޭނުންފުޅުވާ ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ދަންނަވާފައެވެ. އެކަމަށް ކުރީންވެސް ސަރުކާރުން ވަނީ ޖަވާބު ދެއްވާފައެވެ. މަބުރޫކް ވިދާޅުވީ އެ ޖަވާބުން ސަރުކާރުގެ ވިސްނުން ސާފު ކަމަށެވެ.
"ރައީސް އެ ވިދާޅުވި ވާހަކައަކީ ރައީސްގެ ފޯކަސް ހުރީ މިކަމަށް ނޫން. ރައީސްގެ ފޯކަސް ހުރީ އިކޮނޮމީ ރިކަވަރީއަށް. ރައީސް ހުންނެވީ ވެވަޑައިގެންނެވި ވައުދުތައް ފުއްދެވުމަށް،" މަބުރޫކް ވިދާޅުވިއެވެ.
ނިޒާމު ބަދަލު ކުރުމާ ގުޅޭގޮތުން ކުރެވުނު އިތުރު ސުވާލުތަކަށް ޖަވާބު ދެއްވަމުން މަބުރޫކް ވިދާޅުވީ ނިޒާމު ބަދަލުކުރަން ޖެހޭ ކަމަށް ރައްޔިތުންނަށް ފެނިއްޖެ ހާލަތެއްގައި އެކަން ކުރަން ސަރުކާރު ފަސް ނުޖެހޭނެ ކަމަށެވެ. އަދި ނިޒާމުގެ ބަހުސް ކުރައްވަން ބޭނުންފުޅުންވާ ލީޑަރުންނާއެކު ރައީސް މަޝްވަރާ ކުރައްވަންވެސް ފަސް ޖެހިވަޑައިނުގަންނަވާނެ ކަމަށެވެ. ނަމަވެސް ރައީސްގެ "ފޯކަސް" އަކީ ނިޒާމު ބަދަލު ކުރުން ނޫން ކަަމަށް ތަކުރާރު ކުރެއްވިއެވެ.
ރައީސް ނަޝީދު، ރައީސް ސޯލިހަށް ފޮނުއްވެވި މެސެޖުގައި އެމަނިކުފާނު ވަނީ ވެރިކަމުގެ ނިޒާމު ބަދަލު ކުރަން ޖެހޭ ކަމަށް ވިދާޅުވާ ވިދާޅުވުން ތަކުރާރު ކުރައްވާފަ އެވެ. އަދި އެ މަޝްވަރާތައް ކުރިއަށް ގެންދަވަން ބޭނުންފުޅުވާ ކަމަށްވެސް ވިދާޅުވި އެވެ. ނަޝީދުގެ މެސެޖުގައި އެދިވަޑައިގެންފައިވަނީ ސަރުކާރު އުވާލައްވާ، 2023 ގައި ރިޔާސީ އިންތިހާބު ނުބޭއްވުމަށެވެ. އަދި ވެރިކަން ހިންގުމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ފުރޮޅާލުމަށެވެ. އަދި ބޮޑުވަޒީރަކަށް ވެވަޑައިގަތުމުގެ ޝައުގުވެރިކަން ވަނީ ފާޅުކުރައްވާފަ އެވެ.
ރައީސް ނަޝީދުގެ މެސެޖުގައި އެމަނިކުފާނު ވަނީ ވެރިކަމުގެ ނިޒާމު ބަރުލަމާނީ އަށް ބަދަލުކުރެއްވުމަށް ފެނިވަޑައިގަންނަވަނީ 2023 ވަނަ އަހަރުގެ ފެބްރުއަރީ މަހު ކަމަށްވެސް ވިދާޅުވެފަ އެވެ. އަދި އޭގެ ފަހުން 2024 ވަނަ އަހަރު އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ހަމައަށް ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނަވާނެ ބޭފުޅަކު އެމްޑީޕީގެ ސުޕަމެޖޯރިޓީ އޮތް ރައްޔިތުންގެ މަޖިލީހުން ކަނޑައެޅުއްވުމަށެވެ.